މިނިމަމް ވޭޖް

މިނިމަމް ވޭޖް: ހިތްވަރު ގަދަ ނިންމުމެއް

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ކުރަންޖެހޭ ކަމެކެވެ. މަސައްކަތްތެރިންގެ ހައްގުތަކަށް އިހްތިރާމު ކުރާނަމަ އެއީ ދައުލަތަކުން ކަށަވަރުކޮށްދީފައި އޮންނަން ޖެހޭ ހައްގެކެވެ. ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގެ ވާހަކަތައް ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. އެކި ސިނާއަތްތަކުގެ މަސައްކަތްތެރިން މިނިމަމް ވޭޖަކަށް ގޮވާލާތާ ވެސް އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު އިއްޔެ އާއި ހަމައަށް އެކަން އޮތީ ނުވެ އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މުހިއްމު ވައުދެކެވެ. ގިނަ ދުވަސްތަކެއްގެ ދިރާސާތަކާއި ބުރަ މަސައްކަތްތަކަކަށްފަހު ރައީސް ސޯލިހުގެ ސަރުކާރުން މިހާރު އެވަނީ މިނިމަމް ވޭޖު ކަނޑައަޅައި އިއުލާންކޮށްފަ އެވެ. އެއީ ހިތްވަރުގަދަ ނިންމުމެކެވެ. ސަބަބަކީ އެފަދަ ނިންމުންތަކަކީ ވިޔަފާރިވެރިން ރުހޭ ނިންމުންތަކަށް ނުވާނެތީ އެވެ. އެފަދަ ކޮންމެ ނިންމުމަކާ އެކު ވިޔަފާރިވެރިންގެ ފަރާތުން ސިޔާސީ ގޮތުން ސަރުކާރަށް ކުރިމަތިވާނެ ފިއްތުންތަކެއް ހުންނާނެ އެވެ. ސަރުކާރުގެ ޕޮޕިއުލާރިޓީ ނުވަތަ މަގުބޫލުކަން ވިޔަފާރިވެރިންގެ ކުރިމަތީގައި ކުޑަވެގެން ދާނެ އެވެ. އެހެންވެ މިނިމަމް ވޭޖް ކަނޑައެޅުމާއި އެކި ނަން ނަމުގައި ޓެކްސްތައް ނެގުމަކީ ސަރުކާރުތަކުން ފަސްޖެހޭ ކަންކަމެވެ.

މިނިމަމް ވޭޖާ އެކު އަންނާނެ ހެޔޮ ބަދަލުތައް

މިނިމަމް ވޭޖާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އާދައިގެ ވަޒީފާތަކުގައި އުޅޭ މަސައްކަތްތެރިންނަށެވެ. ރާއްޖޭގައި މިހާތަނަށް މިނިމަމް ވޭޖެއް ކަނޑައަޅާފައި ނުވާތީ ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެމުން ގެންދިޔައީ އެ ވަގުތަކަށް ދޭން ފެންނަ އަދަދެކެވެ. އެކަމަކު މިނިމަމް ވޭޖާ އެކު މަސައްކަތްތެރިންނަށް އެ މީހުންނަށް ލިބޭނެ އެންމެ ކުޑަ މުސާރަ އެނގޭނެ އެވެ. އެހެންކަމުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔާތްކުރުމަށާއި ނުހައްގު، ދަށް އުޖޫރަ މަސައްކަތްތެރިންނަށް ދިނުމުގެ މައްސަލައަށް މިނިމަމް ވޭޖާ އެކު ލިބިގެން އެ ދަނީ ބޮޑު ހައްލެކެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ގަޑިއިރަކަށް ޖެހޭ އަދަދު ހިސާބު ކޮށްގެން ކަމަށްވާތީ ދާއިމީ ނުވަތަ ފުލްޓައިމް ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ޕާޓް ޓައިމް އަދި ސާވިސް ކޮންޓްރެކްޓް ތަކުގެ ދަށުން ވަޒީފާ ލިބޭ މީހުން މިނިމަމް ވޭޖު ތެރޭގައި ހިމެނުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިނިމަމް ވޭޖު ތަންފީޒު ކުރާނީ ކުދި ވިޔަފާރިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށްގެން ގަޑިއިރަކަށް ޖެހޭ އަދަދުތަކެއް ކަނޑައެޅިގެން ކަމަށްވާތީ މިނިމަމް ވޭޖަށް އަމަލުކުރުމުގައި އެއީ ކުދި ވިޔަފާރިތަކަށް ލިބޭނެ ފަސޭހަ ތަކެކެވެ. އެއީ މަސައްކަތްތެރިންނާއި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން ވެސް ރަނގަޅު ވާނެ ސަބަބެކެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިދާރާތަކުން މިހާރު އަމަލުކުރަމުންދާ ބައެއް ގަވައިދުތައް އުވާލައި މިނިމަމް ވޭޖާ އެކު ހިދުމަތްތައް އަވަސްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ އެވެ. ވަކިން ހާއްސަކޮށް އޮޓަމޭޓްކޮށްގެން ސަރުކާރުގެ ހިދުމަތްތައް އަވަސްކުރަން އިންވެސްޓްކުރާނެ އެވެ. ވަޒީފާތަކަށް ދިވެހިން ޝައުގުވެރިކޮށް، އަހުލުވެރިކޮށް އަދި މީހުން ބިނާކުރުމަށްވެސް އިސްކަންދޭނެ އެވެ. އެ މަގަށް ސަރުކާރުން މަސައްކަތް ކޮށްފިނަމަ ދައުލަތުގެ ހިންގުން ހަރުދަނާވެ، ހިދުމަތް ލިބުން ލަސްވާ ކަމަށް ބުނެ ކުރާ ޝަކުވާތަކަށް ވެސް މިނިމަމް ވޭޖާ އެކު ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

ރާއްޖޭގެ މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ސަރަހައްދީ ގައުމުތަކާއި ރާއްޖެ ގޮތަށް އުފެދިފައިވާ ކުދި ޖަޒީރާ ގައުމުތަކުގައި ކަނޑައަޅާފައިވާ އަދަދުތަކަށް ވެސް ބަލައިގެންނެވެ. އެއީ ކަމެއް ފަށައިގަންނައިރު ނިންމާފައިވާ މުހިއްމު ނިންމުމެކެވެ.

މިނިމަމް ވޭޖު ބެހިފައިވާ ގޮތް

މިނިިިިިމަމް ވޭޖު ކަނޑައަޅައި އިއުލާންކުރީ މިނިމަމް ވޭޖު ބޯޑުން ލަފާ ދިން ގޮތާ ކޮންމެވެސް ވަރެއްގެ ތަފާތުތަކަކާ އެކު އެވެ. އެ ތަފާތު ގެނައީ ކުދި ފަންތިއާއި ބޮޑެތި ވިޔަފާރިތަކުގެ ބަޔަށެވެ. ކުދި ފަންތީގެ ވިޔަފާރިތަކުން 500 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުން 900 ރުފިޔާ އުނިކޮށްފައިވެ އެވެ. އެކަމަކު ސިިވިލް ސާވިސް އާއި ދައުލަތުގެ އިދާރާތައް ހިމެނޭ ޕަބްލިކް ސެކްޓަރުގެ މިނިމަމް ވޭޖު ކަނޑައަޅައި އިއުލާންކުރީ ބޯޑުން ލަފާ ދިން ގޮތަށެވެ.

"އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައަޅާ އަމުރު"ގެ 4.7 ގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމަނާފައިވަނީ ޕްރައިވެޓް ސެކްޓަރުގަ އެވެ. އެހެންކަމުން ސަރުކާރު ކުންފުނިތައް ހިމެނޭނީ ޕްރައިވެޓް ސެކްޓަރުގެ ބޮޑެތި ވިޔަފާރިތަކުގެ ބައިގަ އެވެ.

ބޯޑުގެ ނިންމުމާ އެއްގޮތަށް މިނިމަމް ވޭޖު ކަނޑައަޅައި އިއުލާން ކުރުމަކީ ކަމާ ގުޅޭ ވަޒީރުގެ ހައިސިއްޔަތުން އިކޮނޮމިކިް މިނިސްޓަރަށް ގާނޫނީ ގޮތުން ލާޒިމްވާ ކަމެއް ނޫނެވެ. މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ ގާނޫނީ ޒިންމާ އަކީ މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭ ދިރާސާތަކަށް ފަހު ބޭނުންވާ ލަފާ މިނިސްޓަރަށް އެރުވުމެވެ. އެހެންވެ ބޯޑުގެ ނިންމުމަށް ބައެއް ބަދަލުތައް ގެންނެވި ސަބަބު މިނިސްޓަރު ފައްޔާޒު އޮޅުންފިލުއްވައިދެއްވާފައިވެ އެވެ. އެގޮތުން ބޯޑުން ދީފައިވާ ލަފާގައިވާ އަދަދުތައް ދެ ފަންތިއަކުން ކުޑަކުރަން ނިންމީ ކޮވިޑުގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމަށް ބަލާފައި ކަމަށް ވިދާޅުވި އެވެ.

ބޯޑުގެ ލަފާގައި އެވަނީ ވަރަށް ރަނގަޅު ނިންމުންތަކެއް. އެކަމަކު ކޮވިޑުގެ ހާލަތުން އަދިވެސް އަރައިނުގަނެވިފައި ނުވާތީވެ އަޅުގަނޑުމެންނަށް ލަފާކުރެވެނީ ކޮވިޑުގެ ކުރިން 2019ގައި އޮތް ވަރަށް އިގްތިސާދު އަނބުރާ އިއާދަވާން އަދިވެސް އަހަރެއް ދެ އަހަރު ވާނެއޭ،
ފައްޔާޒު އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

ޕްރައިވެޓް ސެކްޓަރަށް ބޯޑުން ލަފާ ދިން ގޮތް

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފޔާ - މަހަކު 5،000 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާ - މަހަކު 7،000 ރުފޔާ
  • ބޮޑެތި ވިޔަފާރިތަކަށް ގަޑި އިރަކަށް 42.79ރ. ރުފިޔާ - މަހަކު 8،900 ރުފިޔާ

ޕްރައިވެޓް ސެކްޓަރަށް އިއުލާންކުރި އަދަދުތައް

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21.63 ރުފިޔާ - މަހަކު 4،500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާ - 7،000 ރުފޔާ
  • ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 38.46 ރުފިޔާ - 8،000 ރުފިޔާ

ޕަބްލިކް ސެކްޓަރަށް އިއުލާންކުރި ގޮތް

ގަޑިއިރަކަށް 33.65 ރުފިޔާ - މަހަކު 7،000 ރުފިޔާ

މިނިމަމް ވޭޖުގައި ހިމެނެނީ ކޮން އެއްޗެއް؟

މިނިމަމް ވޭޖު އިއުލާންކުރުމާ އެކު ސޯޝަލްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކަށް ބަލާއިރު މިނިމަމް ވޭޖުގެ ތެރޭގައި ހިމެނޭ އަދި ނުހިމެނޭ ބައިތަކަކީ ކޮބައިކަން ބައެއް މީހުންނަށް ސާފު ނުވާ ކަން ފާހަގަކުރެވެ އެވެ. ފަހަރެއްގައި ވަކި މަގުސަދެއްގައި ބަޔަކު އެކަން އޮޅުވާލަނީ ކަމަށްވެސް ވެދާނެ އެވެ. އެކަމަކު އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައަޅައި ގެޒެޓްކޮށްފައިވާ އަމުރުގައި އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އަދި ނުހިމެނޭ މުސާރައާއި އިނާޔަތްތައް ވަރަށް ސާފުކޮށް ބުނެދީފައިވެ އެވެ.

އެ އަމުރުގެ 1.1 ގައިވާ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސް ތަކެވެ. އެ އަމުރުގެ 1.2 ގައިވާ ގޮތުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރައިގެ ތެރޭގައި އިތުރު ގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖާއި، ހާލަތަށް ރިއާޔަތްކޮށް ނުވަތަ ވަކި މަސްއޫލިއްޔަތެއް އަދާކުރުމުގެ ގޮތުން އެކި މަސް މަހު އެކި މިންވަރަށް ދެވޭ އެލަވަންސްތަކާއި، ވަކި ދުވަސްވަރެއްގައި ދެވޭ އެލަވަންސް ނުވަތަ ބޯނަސް އަދި އިންކައިންޑް ބެނެފިޓްސް ނުވަތަ އެއިން ކަމަކަށް ހަރަދުވާ މިންވަރެއް ނުހިމެނޭނެ އެވެ.

ރަށުން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވަޒީފާދޭ ފަރާތްތަކުން ބައެއް ފަހަރު ކެއުމާއި ހުރުން ހަމަޖައްސައިދެ އެވެ. އެކަމަކު އެ ހާލަތުގައި އެއިން ކަމަކަށް ހޭދަވާނެ މިންވަރު ފައިސާގެ ގޮތުން ހިސާބުކޮށް މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ އެވެ. ވަކިން ހާއްސަކޮށް ރިސޯޓްތަކުގެ މުވައްޒަފުންގެ ހުރުމާ ކެއުން މިނިމަމް ވޭޖްގެ ތެރޭގައި ނުހިމެނޭނެ އެވެ.

ކުރިންވެސް ފާހަގަކުރި ގޮތަށް މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މުވައްޒަފުން މަސައްކަތްކުރާ ކޮންމެ ގަޑި އިރަކަށް ޖެހޭ މިންވަރަށް ބަލައިގެންނެވެ. އެގޮތަށް މިނިމަމް ވޭޖުގެ އަދަދު ކަނޑައަޅާފައިވާތީ އަމިއްލަ ވިޔަފާރިތަކުން ކޮންމެ މަހަކު އެންމެ މަދުވެގެން މުވައްޒަފުންނަށް ދޭން ޖެހޭނެ އަދަދު ވެސް ވަނީ ކަނޑައަޅާފަ އެވެ. ގަޑި އިރަކަށް ޖެހޭ އަދަދަށް ބަލައި މިނިމަމް ވޭޖް ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގައި މަސައްކަތްކޮށް ގަޑި އިރަކަށް ޖެހޭ އަދަދު ދަށް ނަމަ އެ އަދަދު މަދުވެގެން މިނިމަމް ވޭޖުގައި ކަނޑައަޅާފައިވާ އަދަދާ އެއްވަރު ކުރަން ޖެހެ އެވެ.

އިސްތިސްނާ ކުރެވޭ ފަރާތްތައް

މިނިމަމް ވޭޖު ތަންފީޒު ކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެކަމަކު މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ބައެއް ފަރާތްތައް އިސްތިސްނާ ކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި، ރާއްޖޭގައި ހިންގާ އެންމެ ކުދި ވިޔަފާރިތައް ނުވަތަ މައިކްރޯ ވިޔަފާރި ތަކެވެ.

އެންމެ ކުދި ވިޔަފާރިތަކުގެ ގޮތުގައި ބަލާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނު ނުވަތަ އެސްއެމްއީ ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބުނެފައިވާ ވިޔަފާރިތަކަށެވެ. އެފަދަ ވިޔަފާރިތަކަކީ އެ ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ހަޔަކަށް ވުރެ މަދު، އަހަރެއްގެ މައްޗަށް ފަސް ލައްކަ ރުފިޔާ އަށް ވުރެ ޖުމްލަ އާމްދަނީ އިތުރު ނުވާ ވިޔަފާރިތަކެވެ.

އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖު ތަންފީޒު ނުކުރަން ނިންމީ އެފަަދަ ވިޔަފާރިތަކުގެ ތެރޭގައި ގިނައީ އާއިލީ ކުދި ވިޔަފާރިތައް ކަމަށް ވެފައި އެފަދަ ވިޔަފާރިތަކުގެ ހަގީގީ މަންޒަރު ސާފު ނުވާތީ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިވަގުތު މިނިމަމް ވޭޖެއް ކަނޑައަޅާކަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑަކަށް ނުފެނެ އެވެ. ބޯޑުން ލަފާ ދީފައިވަނީ ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ބިދޭސީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ތަންފީޒު ކުރުން ފަސް އަހަރަށް ފަސްކުރުމަށެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ކަމާ ގުޅޭ އިތުރު ދިރާސާތައް ކުރުމަށާއި ފަސް އަހަރު ހަމަވުމުގެ ކުރިން ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލައި، ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅެން އޮތް ނަމަ އެގޮތަށް އަމަލުކުރެވިދާނެ ކަމަށްވެސް ބޯޑުން ނިންމާފައިވެ އެވެ.

އެންމެ ބޮޑު ފައިދާއެއް ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް

އިކޮނޮމިކް މިނިސްޓްރީން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އާބާދީއަކީ 191،270 އެވެ. އޭގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުންނެވެ.
ވަޒީފާގެ ބާޒާރުގެ މިހާރުގެ އެވްރެޖް އުޖޫރައަކީ މަހަކަށް 7،396 ރުފިޔާ އެވެ. އެކަމަކު އަސާސީ މުސާރަތައް އެވްރެޖު ގޮތެއްގައި އުޅެނީ 3،000 ރުފިޔާގަ އެވެ.

ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ފެށުމުން ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 40-50 ޕަސަންޓާ ދެމެދުގެ މުވައްޒަފުންނަށް ސީދާ ގޮތެއްގައި މަންފާ ކުރާނެ އެވެ. ސީދާ އަދަދަކުން ބުނާނަމަ އެއީ ގާތްގަނޑަކަށް 54،000 މުވައްޒަފުންނަށް މަންފާ ކުރާ ވާހަކައެވެ. މީގެތެރެއިން ވެސް މިހާރުގެ މުސާރަތަކަށް ބަލާއިރު އެންމެ ބޮޑު މަންފާއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިހާރުގެ އެވްރެޖު މުސާރައަކީ 4،000 ރުފިޔާ އާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެހެންކަމުން މިނިމަމް ވޭޖާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ތެރެއިން 60 ޕަސަންޓް މުވައްޒަފުންގެ މުސާރަ ދެގުނަ ވާނެ ކަމަށް ސަރުކާރުގެ ހޯދުންތަކުން ދައްކަ އެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 13،000 މީހުންގެ ވާހަކައެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ، މިނިމަމް ވޭޖާ އެކު ދެގުނަ ވަނީ އެ ދާއިރާގެ މިނިމަމް ވޭޖުގެ ގޮތުގައި ގަޑިއިރަކަށް ކަނޑައެޅި 38.46 ރުފިޔާއާ އެކު މަހަކަށް ލިބޭ 8،000 ރުފިޔާގެ ތެރެއަށް، މިދިޔަ އަހަރު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު ރިސޯޓުތަކުގެ ސާވިސް ޗާޖުގެ ގޮތުގައި ނަގަން މަޖުބޫރުކޮށްފައިވާ 10 ޕަސަންޓްގެ އަދަދު ވަދެގެންދާތީ އެވެ. ސާވިސް ޗާޖަށް ގެނެސްފައިވާ އިސްލާހާ އެކު މުވައްޒަފުންނަށް އެވްރެޖު އަދަދެއްގެ ގޮތުގައި 5،000 ރުފިޔާއާއި 10،000 ރުފިޔާގެ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި އެކަނިވެސް ލިބޭނެ އެވެ.

"އެހެންކަމުން އެންމެ މަދުން ލިބޭ ފަރާތަކަށް ވެސް އަޅުގަނޑުމެންގެ ދިރާސާގައި [ސާވިސް ސާޖު ހިމަނައިގެން] 12،000 ރުފިޔާ މި މިނިމަމް ވޭޖާ އެކު ރިސޯޓެއްގައި ވަޒީފާ އަދާކުރާ ދިވެއްސަކަށް ލިބޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މިނިމަމް ވޭޖު ސަރުކާރުން ކަނޑައެޅި އިރު އެ ދާއިރާގެ މިނިމަމް ވޭޖުގެ ގޮތުގައި ބޯޑުން ކަނޑައެޅި 8،900 ރުފިޔާގެ ތެރެއިން 900 ރުފިޔާ އުނިކޮށްފައިވާތީ ބައެއް ރިސޯޓު މުވައްޒަފުން އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އެކަމަކު ސަރުކާރުން އެކަން ކުރީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު ކޮވިޑްގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ކަމަށްވާ އެފަދަ ވިޔަފާރިތައް އަލުން ހަމައިސްކޮޅަށް ތެދުވުމަށް ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. މިނިމަމް ވޭޖު އޮތީ މުރާޖައާ ކުރެވޭ ގޮތަށް ކަމަށްވާތީ އިގްތިސާދީ ހާލަތު ބަދަލުވުމުން ރިސޯޓު މުވައްޒަފުންނާ އަދި އެހެން ދާއިރާތަކުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ވެސް އިތުރަށް ހައްލުތައް ހޯދާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މިނިމަމް ވޭޖާ އެކު ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް އަންނާތީ އެކަމަށް މަރުހަބާ ކިޔާފައިވާ މުވައްޒަފުންގެ އަދަދުވެސް މަދެއް ނޫނެވެ. މިނިމަމް ވޭޖަކީ އަލަށް ފަށައިގަންނަން އުޅޭ ކަމަކަށްވާތީ ފަށައިގަތުމުގެ މަރުހަލާގައި މައްސަލަތައް ހުންނާނެ ކަމަށް ބައެއް މުވައްޒަފުން ގަބޫލުކުރެ އެވެ. މިނިމަމް ވޭޖް ބަލައިގެން މުވައްޒަފުން ދެކޭ ގޮތުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ރައީސް ސޯލިހުގެ ސަރުކާރުން ކުރަން ނިންމުމަކީ ވެސް އެކަމަށް ހިތްވަރު ދޭންޖެހޭ ކަމެކެވެ.

މިނިމަމް ވޭޖުގެ މަންފާ ދެވަނަ އަށް އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނެވެ. ސަރުކާރުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިނިމަމް ވޭޖުގެ މަންފާ ސީދާ ގޮތެއްގައި 15،400 ސިވިލް ސާވަންޓަކަށް ލިބިގެންދާނެ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެވްރެޖު އަދަދަކީ 26،500 މުވައްޒަފުންނެވެ. އެހެންކަމުން މިނިމަމް ވޭޖާ އެކު ސަރުކާރުގެ 15،400 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމެއް ލިބުމަކީ ދެބައިކުޅަ އެއްބައި މުވައްޒަފުންނަށް އަންނަ ކުރިއެރުމެކެވެ. މިނިމަމް ވޭޖާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ 5,100 މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުމެއް ލިބިގެންދެ އެވެ.

މިނިމަމް ވޭޖާ އެކު ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ލިބިގެންދާ ކުރިއެރުންތަކާ އެކު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ވެސް އިތުރު ލޮޅުމެއް އަރަ އެވެ. އެގޮތުން މިނިމަމް ވޭޖާ އެކު މުވައްޒަފުންނަށް މުސާރަ ދިނުމަށް ދައުލަތުގެ ބަޖެޓުން އިތުރު 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހޭދަކުރަންޖެހެ އެވެ. އެކަމަކު ސަރުކާރުން ތިބީ މިނިމަމް ވޭޖާ އެކު މުވައްޒަފުންނަށް ލިބޭ ކުރިއެރުން ހޯދައިދޭ ގޮތަށެވެ. މުވައްޒަފުންގެ ހައްގުގައި އެ ބުރަ އުފުލަން ތައްޔާރަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މައިގަނޑު ކަންބޮޑުވުމަކީ މިނިމަމް ވޭޖާ އެކު މުވައްޒަފުގެ މަސައްކަތު ގަޑިއަށް ބަދަލު ގެނައުމަށް ބޯޑުން ލަފާ ދީފައި އޮތުމެވެ. ސިވިލް ސާވިސްގެ މަސައްކަތު ގަޑީގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ހަ ގަޑިއިރު، އައްގަޑި އިރަށް ބަދަލުކުރަން ބޯޑުން ވަނީ މިނިސްޓަރަށް ލަފާ ދީފަ އެވެ. އެކަމަކު މިވަގުތަށް އަދި އެއީ ހަމައެކަނި ލަފަ އެކެވެ. ސަރުކާރުން އެކަމުގައި ގޮތްތަކެއް ނިންމާނީ އިތުރު ދިރާސާތަކެއް ހެދުމަށްފަހުގައި ކަމަށް މިނިސްޓަރު ފައްޔާޒުގެ ވާހަކަފުޅު އެނގިގެންދެ އެވެ.

"އެއީ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާ އެކަމާ ގުޅިގެން މަޝްވަރާ ކުރާނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ފާޑުކިޔުންތަކާއި ކަންބޮޑުވުންތަކަށް ސަރުކާރުގެ ޖަވާބު

ސަރުކާރުން މިނިމަމް ވޭޖު ކަނޑައަޅާފައިވަނީ ނުވަ ދާއިރާކުންނެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން މެރިޓައިމްގެ ދާއިރާ އެވެ.

ކުދި ވިޔަފާރިތަކުގެ މިނިމަމް ވޭޖު ކަނޑައެޅީ ކައިޓްޒް އިންޑެކްސް ބޭނުންކޮށްގެންނެވެ. އެއީ މިނިމަމް ވޭޖް ކަނޑައަޅަން ގައުމުތަކުން އާންމުކޮށް ބޭނުންކުރާ މިންގަނޑެކެވެ. އެ އިންޑެކްސްގައި އެގައުމެއްގެ އެވްރެޖް އުޖޫރައިގެ އެންމެ ކުޑަވެގެން 44 ޕަސެންޓު ވާންޖެހޭނީ އަސާސީ މުސާރަ އަށެވެ. ބޮޑެތި ވިޔަފާރިތަަކަށް މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ނީޑްސް ބޭސްޑް އެސެސްމަންޓަކާއި އިގްތިސާދީ ގާބިލްކަމާ ގުޅުންހުރި އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށްފަ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވަނީ މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ މެންބަރުންނާ އެކު، ގިނަ މަޝްވަރާތަކަކަށް ފަހު އަދި ލިބުނު ގިނަ ހުށަހެޅުންތަކެއްގެ މައްޗަށް ބިނާކޮށް، ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަށް ބެލުމަށްފަހު އެވެ. މިނިމަމް ވޭޖު ކަނޑައެޅުމަކީ އަލަށް ކުރެވުނު ކަމަކަށް ވާތީ ފަށައިގަތުުގައި ގޮންޖެހުންތަކެއް ހުންނާނެ އެވެ. އިގްތިސާދަށް އަންނަ ވަގުތީ ބަދަލުތަކެއް ހުންނާނެ އެވެ.

މިނިމަމް ވޭޖާ އެކު ނިކުމެދާނެ މައްސަލަތައް މިނިސްޓަރު ފައްޔާޒު ވެސް ގަބޫލުކުރައްވަ އެވެ. އެކަންކަމާ ކުރިމަތިލައި އިގްތިސާދު ހަމައަކަށް އެޅުވުމަށް ސަރުކާރުގެ ވިސްނުންތަކެއް އެބަހުއްޓެވެ. އެއްކަމަކަށް މިނިމަމް ވޭޖާ ގުޅިގެން ދަތިވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އެފަދަ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން ސަރުކާރުގެ ވިސްނުމުގައި ހުރީ ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ދަތިވާ ވިޔަފާރިތަކަށް ލުއިދިނުމާއި، މީގެކުރިން ކުލި ކުޑަކޮށްދީފައި ނުވާ ރިސޯޓުތަކުގެ ކުލި ކުޑަކޮށްދިނުމާއި އަދި ލީސް ޕީރިއަޑުގެ މުއްދަތަށް އެއްކޮށް ރިސޯޓް ހިންގުމަށް ހުއްދައެއް ދިނުމެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ކޮވިޑަށް ފަހު އިގްތިސާދަށް ބޮޑު ލޮޅުމެއް އަރާފައިވާތީ މިދަނޑިވަޅުގައި މިނިމަމް ވޭޖު ތަންފީޒުކުރަން ފެށުމާ ގުޅިގެން ކުރިއަށް އޮތް ހައެއްކަ މަސް ދުވަހަށް އެބްނޯމަލް އިންފްލޭޝަނެއް ނުވަތަ އާއްމުކޮށް ނާންނަ ފަދަ ވަގުތީ އިންފްލޭޝަނެއް އައިސް ތަކެތީގެ އަގު އުފުލޭނެ އެވެ. އެކަމަކު ސަރުކާރުން ނިކުމެ ހުރިހާ ބާވަތެއްގެ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރަން ވިސްނާފައެއް ނުވެ އެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި އަގު ކޮންޓްރޯލްކުރުމުގައި އާއްމުކޮށް ގެންގުޅޭނެ އުސޫލަކީ އަސާސީ މުދަލުގެ ގޮތުގައި ބަލަމުންދާ ކާޑުގެ ބާވަތްތައް ކޮންޓްރޯލްކުރުމެވެ.

އަޅުގަނޑުމެން ބަލަމުންދާނަން ބައެއް ކަހަލަ މުދާ ކޮންޓްރޯލް ކުރަންޖެހޭތޯ. އަދި ކޮންޓްރޯލް ކުރަން ޖެހުނަސް ވިޔަފާރިވެރިންނަށް އެލިބޭ އަގަށްވުރެ ކުޑަކޮށެއް ނުއެއް ވިއްކޭނެ ދެއްތޯ. އެހެންވީމާ އެއަށް އަޅުގަނޑުމެން ކޮންޓްރޯލް އަގެއް ގެނެސްފިއްޔާ ވިޔަފާރިވެރިޔާ އެ މުދާ ނުގެންނާނެ. އޭގެ މާނައަކީ އެ މުދާ ރާއްޖެއިން ނުވެސް ލިބޭނެއޭ. އެހެންވީމަ އޭގައި އަޅުގަނޑުމެން ކައިރިން ބަލަމުންދާނަން ކޮންކަހަލަ އަސަރުތަކެއްތޯ ކުރަނީ. ސަރުކާރުން އިންޓަވޭންޝަނެއް ހަދަންޖެހޭތޯ. ހަދަންޖެހިއްޖެ ކަމަށްވާނަމަ ކޮންކަހަލަ އިންޓަވޭންޝަނެއްތޯ ހަދަނީ
ފައްޔާޒު އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

މިނިމަމް ވޭޖާ އެކު ވަގުތީ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް މުސްތަގުބަލަށް ބަލާއިރު މިނިމަމް ވޭޖާ ގުޅިގެން އާންމު މީހާގެ އަތްމަތި ތަނަވަސްވެ ވިޔަފާރިތަކުގެ ފައިދާ އިތުރުވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ގަބޫލުކުރައްވަ އެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ އަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ވިދާޅުވި އެވެ.

ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައަޅާފައި ނުވާތީ ވަޒީފާތަކަށް ހެޔޮ އަގުގައި ބިދޭސީން ހޯދުމަށް ފުރުސަތު އޮތް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެއީ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުގެ ވެސް ކަންބޮޑުވުމެކެވެ. އެކަމަކު ރެގިއުލޭޓް ކުރުން ހަރުދަނާކޮށް ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނަމަ މިނިމަމް ވޭޖާ އެކު ބިދޭސީ މަސައްކަތްތެރިންގެ އަދަދު އިތުރުވާނެ ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. ބިދޭސީން އިތުރުވެދާނެ ކަމަށް ބުނާ މައްސަލާގައި މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި ދިވެހިންނާ އެއް ހަމައެއްގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 340 މިލިއަން ޑޮލަރު ގެއްލުމެއް ލިބިދާނެ އެވެ.

މިނިމަމް ވޭޖު ތަންފީޒު ކުރުމުގައި ސަރުކާރުގެ ދައުރު

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން މިނިމަމް ވޭޖް ތަންފީޒު ކުރާ ގޮތް ބަލައި ފިޔަވަޅު އެޅުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އެވެ. އެއީ މިނިވަންކޮށް ހިންގާ ދައުލަތުގެ ވަކި އިދާރާއަކަށް ވާތީ މިނިމަމް ވޭޖާ ގުޅިގެން ޓްރައިބިއުނަލުން ކުރަންޖެހޭ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އަށް އެހީތެރިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ހަމައެއާ އެކު ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތުން ހުށަހެޅޭ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބަލައި އެކަންކަމަށް ރިއާޔަތްކޮށް އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ފައްޔާޒު ވަނީ ދެއްވާފަ އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި މިނިމަމް ވޭޖް ތަންފީޒު ކުރުމަށްޓަައި އެކި ތަންތަނަށް ޕޮލިސް ފޮނުވަންޖެހޭ ހާލަތަކަށް ނުދާނެ އެވެ. އޭގެކުރިން ވަޒީފާ އަދާކުރާ ފަރާތްތަކުން އެ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހަޅައި ގާނޫނީ އިމުގެ ތެރެއިން މައްސަލަތަކަށް ހައްލު ހޯދާނެ އެވެ. މިނިމަމް ވޭޖް ތަންފީޒު ކުރުުމުގައި މަކަރާއި ހީލަތް ހަދާތޯ ބެލުމަށް ޕެންޝަން ފަންޑުގެ ހިސާބުތަކާއި ޓެކްސްއާ ގުޅޭ ހިސާބުތައް ބަަލައި މޮނިޓާ ކުރުމަށް ސަރުކާރުން އޮތީ ނިންމާފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މިނިމަމް ވޭޖު އިއުލާންކުރީ މަސައްކަތްތެރިންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރެވޭ ގޮތަށެވެ. އެހެންކަމުން މިނިމަމް ވޭޖު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތައް ބަލައި ހައްލު ހޯދުމުގެ ފުރުސަތު ވެސް ގާނޫނުގައި އޮތީ ދީފަ އެވެ. ދެން އޮތީ ހުރިހާ ފަރާތްތަކެއް ގުޅިގެން މިނިމަމް ވޭޖް އެންމެ ރަނގަޅު ގޮތުގައި ތަންފީޒުކުރުމުގެ މަސައްކަތް ފެށުމެވެ.