އެމްޑީޕީ

މިނިމަމް ވޭޖް އިއުލާންކުރުމާ ގުޅިގެން ރައީސް ނަޝީދާއި އެމްޑީޕީގެ މަރުހަބާ ސަރުކާރަށް

Nov 8, 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އިއުލާންކުރުމާ ގުޅިގެން ރައްޔިތންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ސަރުކާރަށް މަރުހަބާ ކިޔައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަން ވޭޖަކީ މަސައްކަތްތެރިންނަށް އެމްޑީޕީން ވެފައިވާ ވައުދެއް ކަމަށެވެ.

މިނިމަމް ވޭޖު މިއަދު އިއުލާން ކުރުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ވެސް އަދި މިދިޔަ މަޖިލިސް އިންތިހާބަށް އެމްޑީޕީން އެކުލަވާލި "އެޖެންޑާ 19"ގައިވެސް ހިމެނޭ އެންމެ ކުޑަ އުޖޫރަ އެވަނީ ކަނޑައެޅިފައި ކަމަށެވެ.

"ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރުކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު. ސަރުކާރާއި މަޖިލީހަށް މަރުހަބާ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ސަރުކާރަށް މަރުހަބާ ކިޔާ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފެށުމުގެ ސަބަބުން އަހްލާގީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ވަށާޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިގްތިސާދަށާއި އަދި ރާއްޖެއަށް އަންނާނޭ ކަމަށވެ. އަދި އެންމެހާ ފަރާތްތަކުން އިހްލާސްތެރިކަމާއެކު އެ ސިޔާސަތު ތަންފީޒު ކުރަމުން ގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިމަމް ވޭޖު އިއުލާންކުރައްވާ އެކަމާ ގުޅޭ ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ސޮއި ކުރައްވާފަ އެވެ. ޕްރައިވެޓް ސެކްޓަރުގެ މިނިމަމް ވޭޖު އިއުލާންކުރީ މިނިމަމް ވޭޖު ބޯޑުން ކަނޑައެޅި ގޮތާ ހިލާފަށް ކުދި ފަންތީގެ ވިޔަފާރިތަކުން 500 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުން 900 ރުފިޔާ އުނިކޮށްފަ އެވެ. އެކަމަކު ޕަބްލިކް ސެކްޓަރަށް މިނިމަމް ވޭޖު އިއުލާން ކުރީ ބޯޑުން ލަފާ ދިން ގޮތަށެވެ.

ޕްރައިވެޓް ސެކްޓަރަށް ބޯޑުން ލަފާ ދިން ގޮތް

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފޔާ - މަހަކު 5،000 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާ - މަހަކު 7،000 ރުފޔާ
  • ބޮޑެތި ވިޔަފާރިތަކަށް ގަޑި އިރަކަށް 42.79ރ. ރުފިޔާ - މަހަކު 8،900 ރުފިޔާ

ޕްރައިވެޓް ސެކްޓަރަށް އިއުލާންކުރި އަދަދުތައް

  • ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 21.63 ރުފިޔާ - މަހަކު 4،500 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 33.65 ރުފިޔާ - 7،000 ރުފޔާ
  • ބޮޑެތި ވިޔަފާރިތަކަށް ގަޑިއިރަކަށް 38.46 ރުފިޔާ - 8،000 ރުފިޔާ

ޕަބްލިކް ސެކްޓަރަށް އިއުލާންކުރި ގޮތް

ގަޑިއިރަކަށް 33.65 ރުފިޔާ - މަހަކު 7،000 ރުފިޔާ

މިނިމަމް ވޭޖުގެ ތެރޭގައު ހިމެނޭނީ މުވައްޒަފަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެކެވެ. ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް ތަކާއި، އިތުރު ގަޑީގެ ފައިސާ މިނިމަމް ވޭޖުގެ ތެރޭގައި ނުހިމެނޭނެ އެވެ. މިނިމަމް ވޭޖު މިއަދު ކަނޑައެޅީ މައިކްރޯ ފަންތީގެ ވިޔަފާރިތަކާއި ބިދޭސީ މަސައްކަތްތެރިން މިވަގުތަށް އިސްތިސްނާ ކޮށްފަ އެވެ.