ޕޮލިޓިކްސް

އަސްލު ދެވަނަ "ބްރޯ" އެއް އުފެދެނީތަ؟

ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް އައުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. އެކަމަކު ރާއްޖޭގެ ޕޮލިޓިކަލް ބެލެންސް މިވަގުތު ތަރުތީބުވެފައި އޮތް ގޮތުން މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާތީ މީހުން ވަނީ ހައިރާން ވެފައެވެ. އަދި ހައިރާންކަން ބޮޑު ވަނީ އެ މަސައްކަތް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް، މުހައްމަދު ނަޝީދު އިސްވެ ފެއްޓެވުމުންނެވެ. މިދިޔަ ދުވަސްތަކުގައި ކެބިނެޓްގައި ތިއްބެވި އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށް ފުލުފުލުގައި ރައީސް ނަޝީދު ފަރާތްޕުޅުން ބަހުގެ ހަމަލާ ދެއްވިއިރު ކޮންމެ ފަހަރަކުވެސް އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން ދިފާއު ކުރައްވަ އެވެ. އެ މެންބަރުންނަށް 100 އިން މާކުސް ދެއްވާ ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވައެވެ.

ނަމަވެސް މިމަހުގެ 12 ވަނަ ދުވަހު ކުއްލި ގޮތަކަށް އަޑު އިވިގެން ދިޔައީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށި ހަބަރެވެ. އަދި އެ ކަމުގައި އިސްވެ އުޅުއްވަނީ ރައީސް ނަޝީދެވެ. މިހާތަނަށް 32 މެންބަރެއްގެ ސޮއި ވަނީ ހޯދާފައެވެ. ނަމަވެސް ހަތަރު މެންބަރަކު ވަނީ އެ މެންބަރުން ކުރެއްވި ސޮއި އަނބުރާ ގެންދެވާވެސްފަ އެވެ.

މި ވޯޓާ ދިމާއަށް ދިއުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދުކަން މިހާރު ބަޔަކު ކަށަވަރުކޮށްދޭކަށް ނުޖެހެ އެވެ. އެއަށްވުރެ މާ ސާފެވެ. އަދި މިހާރު އެ މައްސަލައާއި ގުޅޭގޮތުން މިނިސްޓަރު ފައްޔާޒު ވާހަކަފުޅު ދައްކަވައިފި އެވެ. މިނިސްޓަރުގެ މައިގަނޑު ވާހަކަފުޅަކީ "އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރައްވާފައިނުވާނެ" އޭ އެވެ. އަދި މިހާރު ތެދުވެގެން އުޅެނީ "އޭނާއާ ގުޅުންހުރި ފައިޓެއް ނޫނެ" ވެ.

"ނޯންނާނެ އެއްވެސް ކަމެއް ކޮންފައެއް. [ސޮއި ކުރީ] 25 ކަމެއް 30 ކަމެއް އަޅުގަނޑަކަށް ނޭނގެ، އަޅުގަނޑު ނުވެެސް ބަލަން. ސޮއި ކުރެެއްވި ބޭފުޅެއް، އެކިއެކި ބޭފުޅުން ސޮއިކުރި ވާހަކަވެސް އިވޭ. އެއިން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ނުވެސް ގުޅާނަން. މިއީ އަޅުގަނޑުގެ ފައިޓެއް ނޫން އިނގޭތޯ! އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ޖަވާބު ދެއްވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާ ސަބަބުތަކާއި ގުޅޭ ގޮތުންނެވެ. ބައެއް ބިލްތައް ފާސްކުރަން މެންބަރުންނަށް ވަކިވަކިން މިނިސްޓަރު ގުޅުއްވުމަށާއި އެކި ކަންކަމުގައި އިދިކޮޅު މެންބަރުންނާ މުއާމަލާތް ކުރެއްވުމުގެ މައްޗަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ އޭނާ ވަރަށް ގަޔާ ވެގެން ކުރައްވާ ކަމެކެވެ. މަގާމުގައި ދެމި ހުރިހާ ދުވަހަކު އެކަން ކުރައްވާނެ އެވެ.

"ތިޔަ ވިދާޅުވީ މިނިިވަން މުއައްސަސާއަކަށް މީހަކު ލާން ނޫންނިއްޔާ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމެއް ކުރަންތޯ؟ ޔެސް، އެއީ ސަރުކާރަކީ. ރައީސުލްޖުމްހޫރިއްޔާ ވަކި ބޭފުޅުންތަކެއްގެ ނަން މިނިވަން މުއައްސަސާއަކަށް ނޫނީ ތަނަކަށް ލާން ފޮނުއްވީމާ، އަޅުގަނޑަކީ ސަރުކާރު، އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާ މިތާ ބަހައްޓަވާފައި ހުންނަ މީހެއް. އެކަން އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ކުރާނަން،"

އުފެދިފައިވާ މި މައްސަލާގައި ރައީސް ނަޝީދުގެ ވިސްނުންފުޅު ހާމަވެގެން އައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕްގައި އެމަނިކުފާނުގެ ލިޔުއްވި މެސެޖްތަކުންނެވެ. އެ މެސެޖްތައް ފެންނަ ސްކްރީންޝޮޓްތަކެއް ވަނީ ލީކްވެފަ އެވެ. އެ ވާހަކަތަކުން ހާމަވާ ގޮތުގައި ފައްޔާޒުގެ މައްޗަށް އޮތް މައްސަލައަކީ އެމްޑީޕީގެ ތެރޭގައި "ބްރޯ" އަކަށް ވެގެން އުޅުއްވުމެވެ. ބްރޯއަކަށް ވެގެން އުޅުއްވުން ރައީސް ނަޝީދު ސިފަ ކުރައްވަނީ މިދިޔަ ސަރުކާރު ކޮންޓްރޯކޮށް ޕީޕީއެމްގެ ތެރޭގައި އެންމެ ނުފޫޒުގަދަ ބޭފުޅަކަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އުޅުއްވެވި ގޮތެވެ. އަދީބަށް އޭރު ގިނަ ބަޔަކު މުހާތަބު ކުރަމުންދަނީ "ބްރޯ" ގެ ނަމުންނެވެ،

"ފަޔާ ވެސް މި ޕާޓީގެ ތެރޭގައި ބްރޯ ވެގެން އުޅެގެން ނުވާނެ،" މިނިސްޓަރު ފައްޔާޒަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އެމަނިކުފާނު ވިދާޅުވާ ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންނަށް މިނިސްޓަރު ފައްޔާޒު ބިރު ދައްކަވަ އެވެ. އެ މެންބަރުގެ އާއިލީ ބޭފުޅުން މަގާމުތަކުން ދުރުކުރާނެ ކަމުގެ އިންޒާރުތައް ދެއްވަ އެވެ.

"ފައްޔާޒުގެ އިތުބާރު ނެތް 30 އެމްޕީއަކު ބުނީމަ ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާއި ނޫން. އަޅުގަނޑުވެސް މި ނުކުތީ،" ފައްޔާޒުގެ ވޯޓްގައި ދޫދިނުމެއް ނެތް ކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވެ އެވެ.

މެސެޖްތަކުގައި ފައްޔާޒަށް ސީރިއަސް ތުހުމަތުތަކެއް ކުރެއެވެ. މެންބަރަަކު ލައްވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ގުޅުއްވައިގެން "ގަތް ގަނޑު" އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ފައްޔާޒު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތައް ކުރައްވަ އެވެ.

ރައީސް ނަޝީދުގެ އެ ތުހުމަތުތަކަށް ބާރު ލިބޭ ކަންކަން ހިނގާ ކަމަށް އެޕާޓީގެ ބައެއް މަޖިލީސް ބައެއް މެންބަރުން ގަބޫލު ކުރައްވައެވެ. އެމްޑީޕީގެ ތެރޭގައި ފައްޔާޒުއަށް ނިސްބަތް ކޮށް "ބްރޯ" ކިޔާ ބޮޑު ކްރައުޑެއް އޮންނަ ކަމަށް ވެއެވެ. ފޯނުން ފައްޔާޒަށް ގުޅަން ފަސޭހަވުމާއި އެކި ގޮތްގޮތުން ބައްދަލު ކުރަން ފަސޭހަވުމުން އެމްޑީޕީގެ ވަރަށް ގިނަ ޒުވާނުންނަށް ފައްޔާޒު ކަމުދެއެވެ. އޭނާއަށް ތައުރީފުކޮށް އޭނާގެ ހިންގުންތެރިކަމަށް ތައުރީފު ކުރާ އެކްޓިވިސްޓުން ވެސް އުޅެ އެވެ. މި ހުރިހާ ކަމަކީ ރައީސް ނަޝީދު އެ ވިދާޅުވާ ގޮތުން ނަމަ ދެވަނަ "ބްރޯ" ފައްޔާޒު މުޅިން ބަދަލުވެދާނެ ފަދަ ކަމެކެވެ.

ފައްޔާޒުގެ ވޯޓާއެކު އެމްޑީޕީ ތެރޭގައި ބޮޑެތި ހިޔާލުތަފާތުުންތަކެއް ވަނީ އުފެދިފަ އެވެ. މެންބަރުންގެ މެދުގައި "ވަރުގަދަ ހަނގުރާމައެއް" ވަނީ ފެށިފަ އެވެ. އެތައް މެންބަރުންނެއް ވަނީ ފާޅުގައި ނުކުންނަވާ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓް ފެއިލް ކޮށްލާނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ. އަދި އެއީ ސަރުކާރަށް ކުރާ ޖެއްސުމެއްގެ ގޮތުގައިވެސް އެ ބޭފުޅުން ސިފަ ކުރައްވަ އެވެ.

އަނެއްކޮޅުން ރައީސް ނަޝީދުގެ ދިފާއުގައި ތިއްބެވި މެންބަރުންވެސް ގެންދަވަނީ އެމަނިކުފާނާއެކުގައި ތިއްބެވިކަން ހާމަކުރައްވަމުންނެވެ. އަދި ނަޝީދު އެ ނިކުންނެވީ ސަރުކާރު ހަމަމަގަށް އަޅުވާ "ކޮރަޕްޝަން ނައްތާލަން" ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ފެއްޓެވި އެ މަސައްކަތަށް އޭނާ ތާއީދު ކުރައްވަ އެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް ތާއީދު ހޯދުމުގެ ނަމުގައި މަޖިލީހުގެ ވަކިވަކި މެންބަރުންނާއި ފައްޔާޒު ގުޅުއްވާ މައްސަލަ އެވެ.

ފައްޔާޒުގެ ނަން ހިމަނައިގެން ބޮންޑެ ވިދާޅުވި ގޮތުގައި މެންބަރުންނާއި މިނިސްޓަރަކު ގުޅަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އޭގެ ސަބަބު ވެސް އޭނާ ވިދާޅުވެ ދެއްވަ އެވެ. އެއީ ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް މަޖިލީސްތެރެއިން ކުރެވޭނެ އަޣުލަބިއްޔަތު އޮތުމުންނެވެ.

"އެހެންވީއިރު ދެން ކީއްކުރަންތޯ މެންބަރުންނަށް ގުޅަން ޖެހޭނީ. ބައްލަވާ ފުރަތަމަ ކަމަކަށް މަޖިލީހުގެ ރިޔާސަތުގައި އެ އިންނެވީ އެމްޑީޕީގެ ރައީސް. ސަރުކާރު މި ހިންގަނީ އެމްޑީޕީން. އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވި. ދެން ކީއްކުރަންތޯ ވަކި މިނިސްޓަރަކު މެންބަރުންނަށް ގުޅަން ޖެެހެނީ. ނުޖެހޭނެ ގުޅާކަށް،" ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި ވިޔަފާރިޔާބެހޭ ވުޒާރާގެ މިނިސްޓަރު މަޖިލީހުގައި ތިއްބެވި ވިޔަފާރި ކުރާ މެންބަރުންނާއި ސިއްރުން ވާހަކަ ދެއްކުމަކީ މައްސަލައެކެވެ. އަދި އެ މެންބަރުންނާއި ދޭތެރޭ ވަކި ހާއްސަ ގޮތްތަކެއް ބަހައްޓާނީ އެހެން ކަންތައްތަކެއް ވެސް އޮވެގެނެވެ. މަޖިލީހާއި ސަރުކާރު އެމްޑީޕީއަށް ލިބިފައިވާއިރު ކަންކަމާއި ހަވާލުވެ ތިއްބެވި މެންބަރުންނަށް ނުގުޅާ ބާރު އޮތްކަން ދައްކަން ނުވަތަ އެހެން ބޭނުމެއްގައިވެސް ވަކިވަކިން މެންބަރުންނާއި ގުޅައިގެން ނުވާނެ އެވެ.

"ގުޅަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ. ސަރުކާރު ދިފާއުކުރަން ރައީސުލްޖުމްހޫރިއްޔާ ދެކޮޅަށް ކަމެއް ނުކުރާނެ މި މަޖިލީހަކުން... ރައީސް ނަޝީދު އެ ތެދުވީ ހަމަ ތެދުވަން ވެގެން. އެކަން ކުރަން ލަސްވެސްވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީން ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަޖިލިސްތެެރެއިން އެއްވެސް ކަމެއް ނުކުރާނެ އެވެ. އެހެންވީމަ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމުގެ ނަމުގައި މިނިސްޓަރުން މެންބަރުންނަށް ގުޅައިގެން ކުރަނީ އެހެން ކަމެކެވެ. އެގޮތަށް ތުހުމަތެއް ކުރެވިދާނެ އެވެ.

"އެއީ އެ ދައްކަވާ ވާހަކައަކީ. އެ ވާހަކަތައް ދައްކަންޖެހޭނެ ނޫންތޯ. އެހެން ނޫނީ ހުރިހާ ފާޑުކިޔުމެއް އަމާޒުވާނީ އެމްޑީޕީއަށް ނޫންތޯ؟" މެންބަރަކު ވިދާޅުވި އެވެ.

ކުރިން ވާހަކަ ދެއްކެވި ބޮންޑެ ވިދާޅުވި ގޮތުގައި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ބަދަލު ދިނުމުގެ މައްސަލަތަކުގަ އެވެ. އެކަން ކަން ކޮށްފައިވަނީ ބާރުހުރި ބޭފުޅުން ބޭނުންވާ ގޮތަކަށެވެ. އެއީ އެމްޑީޕީން ވަކާލާތު ކުރި ގޮތެއް ނޫނެވެ. އަދި އެމްޑީޕީން އެ ޕާޓީގެ ތަސައްވުރު ހަޑިވާ ކަމެއް ކުރާއިރު ބަލަހައްޓައިގެން ނޯންނާނެ އެވެ.

"ކުރިން އޮތީ މި ތަޖުރިބާ ކުރެވިފައި. ރައީސް މައުމޫންގެ އިރުގައި ވެސް ރައީސް ޔާމީނާއެކު ވެސް... މި ސަރުކާރުގައި އެފަދަ ބޭފުޅަކު ހުރެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުގެ މެންބަރުންނަށް ވެސް ގުޅަން ޖެހޭ ހާލަތްތަކުގައި ގުޅާނެ ކަމަށާ މިހާތަނަށް ވެސް ގުޅާފައިވާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެ އެވެ. ބައެއް ބޭފުޅުން އެއަށް ރައްދު ދެއްވަ އެވެ. އެ ގޮތުން މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތްއިރު އިދިކޮޅުގެ ނުވަ މެންބަރަކަށް ގުޅަންޖެހޭ ސަބަބެއް ނެތް ކަމަށް ގަބޫލު ކުރައްވަ އެވެ.

"ނުޖެހޭނެ އިދިކޮޅު މެންބަރުންނަށް ގުޅާކަށް. އަނެއް ކޮޅުން އިދިކޮޅާ ގުޅާލައިގެން ދައްކާ ވާހަކަތަކާއިމެދު ޝައްކުކުރެވޭ. ބައެއް މިނިސްޓަރުން އެބަހުރި އިދިކޮޅު މެންބަރުންނަށް ގުޅާ ރައީސް ނަޝީދަށް ޖެއްސުންކޮށް އެމަނިކުފާނަށް ފާޑުކިޔުމަށް ވެސް އެދިފައި. މިއީ ކަންކަން ހުރި ހިސާބު،"

މިކަމުގައި ސަރުކާރުން ދެކޭ ގޮތް ތަފާތެވެ. ރައީސް އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ފައްޔާޒަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވި، އިތުބާރު ނެތިގެން ހުށައަޅަން މަސައްކަތް ކުރައްވާ ވޯޓެއް ނޫނެވެ. މި އުފުލޭ ސިޔާސީ ރާޅުގެ ބޭނުމަކީ ސަރުކާރަށް ޖެއްސުމެއް ކޮށްލުމެވެ.

މައްސަލަ މިހާރު އޮތީ ތަފާތު ހާލަތެއްގައެވެ. ރައީސް ނަޝީދަށް ވަފާތެރި މެންބަރަކު ވިދާޅުވި ގޮތުގައި ފައްޔާޒުގެ މައްސަލަ ދޫކޮށެއް ނުލާނެ އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނިކުތް ނަމަވެސް ފައްޔާޒު "ބްރޯ" އަކަށް ވިޔަ ނުދީ ހުއްޓުވާނެ އެވެ.