ނަވާރަވަނަ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ވެސް އަދި އޭގެ ފަހުން ވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހޭ ކަމަަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ. އެމަނިކުފާނަށް ވަފާތެރި ބައެއް މެންބަރުން ވެސް އެ ވާހަކަތައް ދޭތެރެ ދޭތެރެއިން ތަކުރާރު ކުރައްވަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަަ އަހަރު ނެގުނު ވޯޓްގައި ވެސް އެމްޑީޕީން ވަކާލާތު ކޮށްފައި ވަނީ ބަރުލަމާނީ ނިޒާމަކަށެވެ. ނިޒާމު ކެންޕެއިންގައި އެމްޑީޕީ އޭރުވެސް ލީޑު ކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް އެފަހަރުގެ އިންތިހާބުގައި ބޮޑު ތަފާތަކުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.
އެ ހިސާބުން ފެށިގެން ދިވެހި ރައްޔިތުން ތިބީ ނިޒާމުގެ ބަހުސް ހުއްޓާލައިގެނެވެ. ޕާޓީތަކުން ވެސް އެ ބަހުސްގެ ތެރެއަކަށް ނުވަދައެވެ. އަމުދުން އޭގެ ފަހުން ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކައެެއް ނުދައްކަވައެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގައި އެމަނިކުފާނު ވެސް އެ ވާހަކަފުޅެއް ނުދައްކަވައެވެ.
ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި ކެންޕޭންގެ ތެރެއިން އެ ބަހުސް ފެއްޓެވީ ނަޝީދެވެ. އެމަނިކުފާނު އެދިވަޑައިގެެންނެވި ދެ ގޮތެއް ވެއެވެ. އެއް ގޮތަކީ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލު ކުރުމެވެ. ނޫންނަމަ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބޭއްވުމެވެ. މިކަމުގެ މަޝްވަރާތައް ސިއްރުން ނަމަވެސް ހިނގި އެވެ. ނަމަަވެސް އާންމު ރައްޔިތުންނާއި ހަމައަށް އެކަންކަން ތިލައެއް. ނުވެ އެވެ. އެކަން އޮތީ ސިޔާސީ "ޑީލެ"އް ގެ ގޮތުގައި މަދު ސިޔާސީ ލީޑަރުންތަކެއްގެ ތެރޭގަ އެވެ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމަކީ ވެރިކަމުގެ ނިޒާމު ކަމަށް ރައީސް ނަޝީދު އެތައް ފަަހަރަކު ވިދާޅުވެއްޖެ އެވެ. އަދި އެ ވާހަކަފުޅު ދައްކަވާ ދައްކަވާ އެއީ ވަރަށް "ފޫހި" ވާހަކަތަކަށް ވެފައި ވެއެވެ. ނިޒާމުގެ ވޯޓް އޮޅުވާލާފައިވާ ކަމަަށްވެސް ތުހުމަތު ކުރައްވައިފިއެވެ. ސިޔާސީ ބައެއް ބޭފުޅުންގެ ނަޒަރުގައި މިއިން ކޮންމެ ވާހަކަފުޅެއްގެ ވެސް މައިގަނޑު ބޭނުމަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް ބޮޑުވަޒީރަކަށް ނަޝީދު ވަޑައިގަތުމެވެ.
ނިޒާމުގެ ބަހުސް ރައީސް ސޯލިހާ ހަމައަށް ވެސް ހިނގައްޖެ އެވެ. އެ ބަހުސަށް ވަދެވަޑައިގަންނަވަން އެއްވެސް ޝައުގެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނުސީދާކޮށް ވަރުގަދަ ހަމަލައެއް ނަޝީދަށް ދެއްވާފައެވެ. މިއީ ވެރިކަމަށް ވަޑައިގެންފަހުން ނަޝީދަށް އަމާޒުވާނެހެން ރައީސް ސޯލިހު ބަސްފުޅެއް ވިދާޅުވި ފުރަތަމަ ފަހަރެވެ. ރައީސް ވިދާޅުވީ ނިޒާމު ބަދަލުކުރަން އެމަނިކުފާނަށް ވަގުތު ނެތް ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއްވެސް ނޫން ކަމަށާ އެބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.
ނިޒާމުގެ މައްސަލައަށް ކޮޅެއް ނުފެނި ވަނިކޮށް ރައީސް ނަޝީދު މިވަނީ އިތުރު މަސައްކަތްތަކެއް ފައްޓަވާފަ އެވެ. އެއީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އަދި އެންމެ "ބާރު ގަދަ" ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ގެންދެވުމެވެ.
ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އަދި އެމަނިކުފާނުގެ އެންމެ އަރިސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމަށް ނަޝީދު ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިހާތަނަށް ތިރީހަކަށް މެންބަރުންގެ ސޮއި ވެސް ހޯއްދަވައިފި އެވެ. ނަމަވެސް އެއީ އެ ވޯޓް ކާމިޔާބު ކުރެވޭނެ އަދަދެއް ނޫނެވެ. އެހެން ކަމުން އިތުރު މެންބަރުންގެ ތާއީދު އެ މައްސަލައަށް ބޭނުން ވެއެވެ.
އެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ މަގުތައް ބަންދުވުމުން ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފައްޔާޒުުއާ މެދު ގޮތެއް ނިންމުމަށް ހުށައެޅުމަށެވެ. އެ މަަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވަނީ އިއުލާނު ވެސް ކުރައްވާފައެވެ. ނަޝީދު ދެކެ ވަޑައިގަންނަވާ ގޮތުގައި އެއީ އެމްޑީޕީން ގޮތް ނިންމަން ޖެހޭ މައްސަލައެކެވެ. އެގޮތުން "ފައްޔާޒު ދުވަސް ކޮޅަކަށް ނަމަަވެސް ދުރުގައި ހުންނަަވަން ޖެހިވަޑައިގަންނަވާ" ކަމަށް ރައީސް ނަޝީދު ދެކެ ވަޑައިގަންނަވަ އެވެ.
ފައްޔާޒު މަގާމުން ދުރު ކުރެއްވުމަށް ނަޝީދު އެހާ ބޮޑަށް ބޭނުންފުޅުވަނީ ކީއްވެ ހެއްޔެވެ؟ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް އެ މަސައްކަތް ކުރިއަށް ގެންދެވުމުގެ ފަހަތުގައި ފޮރުވިފަައި ވަނީ ކޮން ކަމެއް ހެއްޔެވެ؟
ސަރުކާރުުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލާ ބޮޑުވަޒީރަކަށް ވަޑައިގަތުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އޮތް އެންމެ ބޮޑު ހުރަހަކީ މިނިސްޓަރު ފައްޔާޒު ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ. ފައްޔާޒުގެ ވޯޓް ކޮންމެ ގޮތަކުން ނަމަަވެސް ކުރިއަށް ގެންދަވަން އެމަނިކުފާނު ބޭނުންވަނީ އެހެން ވެގެންނެވެ. ނަމަވެސް ނިޒާމު ބަދަަލު ކުުރުމާއި ބޮޑުވަޒީރަކަށް ނަޝީދު ވަޑައިގަތުމަށް ފައްޔާޒަށް އެޅޭނެ ހުރަހަކީ ކޮބައި ހެއްޔެވެ؟
"ފައްޔާޒަކީ ރައީސް ސޯލިހު ވަރަށް އިތުބާރު ކުރައްވާ ވަޒީރެއް. ވަރަށް ގިނަ ކަންކަމުގައި ލަފަޔާ މަޝްވަރާ ހޯއްދަވާނެ. ގަބޫލު ކުރެވެނީ ނަޝީދު ދެކެވަޑައިގަންނަވަނީ އޭ ނިޒާމު ބަދަލު ކުރުމަށް ރައީސް ސޯލިހު ދެކޮޅު އެ ހައްދަވަނީ ފައްޔާޒުގެ ވިސްނުންފުޅާ އެއްގޮތަަށޭ،"
އޭނާ އިތުރު ބައެއް އެހެން ވާހަކަތައް ވެސް ވިދާޅުވި އެވެ. އެގޮތުން ފާހަގަ ކުރެއްވި އެއް ކަމަކީ ފައްޔާޒުގެ ދިފާއުގައި ރައީސް ސޯލިހު ނިކުމެވަޑައިގަތުމެވެ. މީގެ ކުރިން ވެސް އެތައް ވަޒީރުންނެއްގެ އިތުބާރު ނެތް މައްސަލަ ވެއްދުމަށް އެމްޑީޕީ މެންބަރުން ގޮވާލިއެވެ. އެ މަސައްކަތްވެސް ކުރެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ރައީސް ސޯލިހު ނިކުންނަވާ ވަޒީރެއްގެ ދިފާއުގައި ވާހަކައެއް ނުދައްކަވައެވެ. ސަތޭކަ ޕަސެންޓް ވަޒީރަކަށް އިތުބާރު ކުރައްވާ ވާހަކައެއް ވިދާޅެއް ނުވެއެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހަށް އެހާ ފާޅުގައި ގޮންޖައްސަވައެއް ނުހައްދަވައެވެ.
"މިފަހަރު ކަން ހިނގިގޮތް ބައްލަވާ. ރައީސް ސީދާ ނޫސްވެރިން ގުޅުއްވީމަ ފޯން ނަންގަވާ އެ ކޮމެންޓް ކުރެއްވީ. އެއީ ފައްޔާޒު ކެބިނެޓްގައި ބަހައްޓަވަން ބޭނުންފުޅުވާތީ. ފައްޔާޒު ދިފާއު ކުރެއްވީ ރައީސްގެ ސަރުކާރަށް މުހިންމުވާތީ. އެމަނިކުފާނަށް މުހިންމުވާތީ،"
އަވަސްއާ ވާހަކަ ދެއްކެވި ރައީސް ނަޝީދަށް ވަފާތެރި މަޖިލީސް މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ހުންނެވީ ފައްޔާޒުގެ މައްސަލަ ދޫކޮށްލައްވާ ގޮތަށް ނޫނެވެ. ކޮންމެ ހާލެއްގައި ވެސް އެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. އަދި އެ މަސައްކަތުގައި މިހާރު ތިއްބެވި މަޖިލީސް މެންބަރުން ވެސް ފާޅުގައި އަދި ނިކުންނާނެ އެވެ.
"އެކަން ކުރިއަށް ގެންދަވާނެ. ގައުމީ މަޖިލީހުން ގޮތްތަކެއްވެސް ނިންމާނެ... އަޅުގަނޑު ދެކެނީ އެ މަސައްކަތް ކާމިޔާބު ކުރައްވާނެ އެމަނިކުފާނު،"
ނަމަވެސް ފައްޔާޒުގެ ވޯޓަކީ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވަޑައިގަތުމަށް ނަޝީދު ކުރައްވާ މަސައްކަތަށް ފައްޔާޒު ހުރަހަކަށްވާތީ ކުރައްވާ ކަމެއް ކަމަށް ކުރެވޭ ތުހުމަތު އޭނާ ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު އެ ކުރައްވަނީ ގައުމީ މަސައްކަތެކެވެ. އަދި ފައްޔާޒު މިހާރު ކުރިއަށް އެ ވަޑައިގަންނަވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަޑައިގެންނެވި މަގުންނެވެ. އެކަން ހުއްޓުވުމަކީ ގައުމާއި ރައްޔިތުންނަށްޓަކައިވެސް ކުރަންޖެހޭ ކަމެކެވެ.
"އިތުބާރު ނެތްކަމުގެ ގަރާރެއް އެ އޮތީ ތައްޔާރުވެ. އޭގައި އޮންނާނެ އޭނަ [ފައްޔާޒު] ގެ މައްސަލަތައް. އެއީ އާދައިގެ ކަންކަމެއް ނޫން. އަދި އެމްޑީޕީން ގަބޫލުކުރާނެ ކަންކަމެއްވެސް ނޫން. އެެއީ ގައުމަށްވެސް ރަނގަޅު ކަންކަމެއް ނޫން. އެހެންވީމަ އެކަންކަން ހުއްޓުވަންވެސް ފައްޔާޒު ދުރުކުރަން ޖެހޭ. ރައީސް [ނަޝީދު] އެ މަސައްކަތް ކުރައްވާނެ،"
ފައްޔާޒުގެ މައްސަލައާއި ގުޅޭގޮތުން ނަޝީދު ވާހަކަ ދެއްކެވި އެއް މެންބަރަކު ވިދާޅުވި ގޮތުގައި "އަލުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތް ނަމަވެސް ފައްޔާޒުގެ މައްސަލަ ދޫކޮށް ނުލައްވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވެ އެވެ.
މި ފަހުން ސަރުކާރުގެ ވަޒީރުންނާއި ގުޅޭގޮތުން ރައީސް ނަޝީދު ވަރަށް ހުތުރުކޮށް ވާހަކަ ދައްކަވައެވެ. ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އެތައް ފަހަރެއްގެ މަތިން ވަޒީރުންނަށް ނިސްބަތްކޮށް އެއީ "ވަގު ވަޒީރުން" ކަމަށް ވިދާޅުވެފައި ވެއެވެ. މިނިސްޓަރު މަހުލޫފާއި މިނިސްޓަރު އަމީރު އަދި މިނިސްޓަރު ފައްޔާޒަށް ތަކުރާރުކޮށް ނަޝީދު ވަނީ އެ ތުހުމަތު ކުރައްވާފަ އެވެ. ހާއްސަކޮށް ވިޔަފާރިއާ ގުޅުންހުރި ގިނަ މަސައްކަތް ތަކެއް އެއް ވިއުގައިން ގުޅާލަން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރި އަށް ގެންދަން ބީލަމަށްލި 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) ގެ ނެޝަނަލް ސިންގަލް ވިންޑޯ މަަޝްރޫއުގައި ގޯސް ހައްދަވާފައިވަނީ ފައްޔާޒާއި އަމީރު ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ފައްޔާޒަށް ފާޑުވިދާޅުވެ އޭނާއާއެކު ހުންނެވުމުން ކާމިޔާބު ލިބޭނެ ކަމަށް ހީފުޅުކުރެއްވިޔަސް އެހެން ނުވާނެ ކަމަށް ވިދާޅުވެ އަމީރަށް އިންޒާރު ދެއްވިއެވެ.
އެ ވާހަކަތަކާއި ގުޅޭގޮތުން ވާހަކަ ދެއްކި ރައީސް ސޯލިހަށް ވަފާތެރި މެންބަރަކު ވިދާޅުވި ގޮތުގައި ފައްޔާޒާއިމެދު ނަޝީދުގެ އޮތް ރުޅިވެރިއަކީ ފައްޔާޒުގެ ނުފޫޒު ސަރުކާރާއި އެމްޑީޕީގައިވެސް ގަދަވުމެވެ. އެކްޓިވިސްޓުންގެ "ބްރޯ" އަކަށް ފައްޔާޒު ބަދަލުވުމެވެ. ސަރުކާރުގައި ތިއްބެވި އެމްޑީޕީގެ ހުރިހާ ވަޒީރުންގެ އިސް ވަޒީރަކަށް ފައްޔާޒު ވެވަޑައިގަތުމެވެ.
"އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިފައިވަނީ އެކަންކަން. ހުދު އެމަނިކުފާނު [ނަޝީދު] އެބަހުރި ޕީޖީގައި އެ ވާހަކަ ދައްކަވާފައި. ވަކިވަކި މެންބަރުންނާއެކު އެ ވާހަކަތައް ދައްކަވާފައިވޭ. ފައްޔާޒަށް އެ މަގާމަށް އެ ބާރުވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެފައި އެބަހުރި،"
އެ މެންބަރު ވިދާޅުވީ ނިޒާމު ބަދަލުކުރުމަށް އަދި ރައީސް ނަޝީދު ބޭނުންފުޅުވާ މަގާމަކަށް ކުރު މަގަކުން ވަޑައިގަތުމަށް ސަރުކާރުން ތެރެއިން އަންނާނެ އެންމެ ބޮޑު ހުރަަހަކަށް ފައްޔާޒު ވެވަޑައިގަންނަވާނެ ކަމަށެވެ.
"ފައްޔަ އެ ވިދާޅުވަނީ ރައީސް ސޯލިހުގެ ބަސް. އެމަނިކުފާނުގެ ހަނގުރާމައެއް ހަގީގަތުގައި ފައްޔަ އެ ކުރައްވަނީ. އެހެންވީމަ ފުރަތަަމަ ޖެހޭނީ ފައްޔަ ބަލިކުރަން. މިވަގުތަށް ސޯޓްރޯޑަކުން ނަޝީދު ކުރައްވަން އުޅުއްވާ ކޮންމެ ކަމެއް ނުވަތަ ސަރުކާރުން ބޭނުންނުވާ ކަމެއް ނަޝީދު ކުރައްވާނަަމަ ރައީސްގެ ފަރާތްޕުޅުން ނިކުމެ ހަނގުރާމަ ކުރައްވާނީ ފައްޔަ އިނގޭތޯ،" ރައީސް ސޯލިހަށް ތައުރީފުކޮށް ވަރަށް ގިނައިން ޓްވީޓް ކުރައްވާ އެ މެންބަރު ވިދާޅުވިއެވެ.