ރިޕޯޓް

ބަދަލު ގެންނާނެ ކަމަށް ބުނަނީ ކޮންކަމެއް ފޮރުވަން؟

މި ސަރުކާރަކީ މުވައްޒަފުންގެ ހައްގުތައް ހޯދައިދީ އެ މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތައް ފަހި ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ވައުދާއެކު އުފެދިގެން އައި ސަރުކާރެކެވެ. ނަމަވެސް ސަރުކާރަށް އަހަރެއްހާ ދުވަސް ވެގެން ދިޔައިރު މުވައްޒިފުންގެ ހައްގުގައި ކުރެވުނު އެއްވެސް ކަމެއް ނެތް ކަމުގެ ޝަކުވާއަކީ ވަރަށް ބޮޑުވެފައި ވެއެވެ. އަދި އޭގެ ބަދަލުގައި މުޅިންވެސް ފެންނަމުންދަނީ ވީ ވައުދާ ދިމާ އިދިކޮޅަށް މަސައްކަތް ކުރެވޭ މަންޒަރު ކަމަށް ބުނާ އަޑުތައް ވެސް ގަދަ އެވެ.

އެންމެ ފުރަތަމަ މައްސަލަ ދިމާވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. ސަރުކާރުގެ ނަޒަރުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް އެންމެ ރަނގަޅުގޮތުގައި ސާވިސް ޗާޖް ދެ އެވެ. މުވައްޒިފުންނާ ދޭތެރޭ އަމަލުކުރަނީ ވެސް ރަނގަޅަށެވެ.

ވެރިކަމަށް އައުމަށް ދެއްކި އެއްވެސް ވާހަކައެއް މިއަދަކު ނެތެވެ. ރިސޯޓްގައި މަސައްކަތްކޮށް އާއިލާ ކައިރިއަށް ކޮންމެ ރެއަކު ނިދަން އާދެވެންޖެހޭ ކަމަށް ބުނެ އުުފުލި އަޑެއް މިއަދަކު ނެތެވެ. މިނޫންވެސް ކިތަންމެ ވާހަކައެއް އޭރު ދެއްކިއެވެ. އެ ހުރިހާ ކަމެއް ހަނދާންނައްތާލުމަށްފަހު މިހާރު އަމާޒު ހިފާފައިވަނީ މުޅިން އެހެން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ތެރޭގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި ބައެއް އިސްލާހުތައް ހިމެނެއެވެ. އެ އިސްލާހުތަކުގައިވާ ގޮތުން ވަޒީފާގައި ވަގުތީ ގޮތުން ބެހެއްޓޭނެ ނުވަތަ ވަޒީފާގެ ޕްރޮބޭޝަން މުއްދަތަކީ ދިގުވެގެން ހަ މަސް ދުވަސް ކަމަށް ހަމަޖެއްސުމަށް ވަނީ ހުށައަޅާފައެވެ. އަދި އެންމެ ދުވަހަކު ސަލާމް ބުނި ނަމަވެސް މެޑިކަލް ސެޓްފިކެޓް ހުށަަހަޅަން ޖެހޭނެގޮތަށްވެސް އިސްލާހު ހުށައަޅާފައިވެއެވެ. މެޑިކަލް ހުށަނާޅައިފިނަމަ އެއީ ސަލާމް ކަމަށް ނުބެލޭނެ އެވެ.

މި އިސްލާހުތަކާއެކު މުވައްޒިފުންނާއި، މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަންޑުންކޮށްލިއެވެ. މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރަން ވައުދުވީ ސަރުކާރުން މި ދިމާކުރީ އެ މުވައްޒިފުންގެ ހައްގުތަކަށް އަރައިގަތުމަށް ކަމަށް ބައެއް މީހުން ސިފަކުރިއެވެ. އަދި މިއީ ކޮން ދިރާސާއެއް ނުވަތަ ވިސްނުންތަކެއްގެ މައްޗަށް ބިނާކޮށް ހުށައެޅި އިސްލާހުތަކެއްތޯވެސް ބައެއް މީހުން ސުވާލުކުރިއެވެ.

މި އިސްލާހު މަޖިލީހަށް ހުށައެޅުއްްވި މެންބަރު އީސައަކީ މީގެ ކުރިން ޓުއަރިޒަމް ދާއިރާގެ މުވައްޒިފުންގެ ހައްގުގައި ވަރަށް ބޮޑަށް އަޑުއުފުލައްވާ މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެހެން ކަމުން އީސަ މެދުވެރިކޮށް މިފަދަ ބިލެއް މަޖިލީހަށް ހުށައެޅުން އެތައް ބައެއްގެ ފާޑުކިޔުން އީސައަށްވެސް އަމާޒުވިއެވެ. މީގެ އިތުރުން މިފަދަ ބިލެއް މަޖިލީހަށް ހުށައެޅި ސަބަބުތައް ހާމަކޮށްދިނުމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތަށްވެސް އެތައް ބަޔަކު ގޮވާލިއެވެ.

ނަމަވެސް މިއީ ބަންޑާރަނާއިބްގެ އޮފީހުން ތައްޔާރުކުރި ބިލެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ މިއީ ސީދާ އޭނާގެ ބެއްލެވުމުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ހެދި ބިލެއް ކަމަށެވެ. ދެން ވިދާޅުވީ އަދި މާ ހެއްވާ ވާހަކައެކެވެ.

ވިދާޅުވީ އެ ބިލްގައި ބަންޑާރަނާއިބްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. މަޖިލީހަށް ހުށައެޅޭ ކޮންމެ ބިލަކީވެސް ފަންނީ އަދި ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތަކަކަށްފަހު ހުށައަޅަންޖެހޭ ބިލެކެވެ. އޭޖީ އޮފީހުގެ މައިގަނޑު އެއް ބޭނުމަކީވެސް އެއީއެވެ. މަޖިލީހަށް ބިލް ހުށައަޅަނީ ރައްޔިތުން ޓެސްޓް ކުރާކަަށް ނޫނެނެވެ. އަދި ރައްޔިތުންގެ އުދާސްތަކާއި، ކަންބޮޑުވުންތައް، ރުޅިވެރި ބަސްތައް އޮއްސާލާ މިންވަރު ބަލާކަށްވެސް ނޫނެވެ. އެހެންކަމުން ކޮންމެ މިނިސްޓްރީއަކުން ބިލް ހެދިނަމަވެސް ބިލްގެ ފައިނަލް މަސައްކަތުގައި އޭޖީ އޮފީހުގެ ދައުރެއް އޮންނާނެއެވެ. އަދި މިހާރު ބިލްތައް ހުށައަޅަނީ އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވާ، އެ އޮފީހުންވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުތަކާއެކު ސަރުކާރަށް ފާޑުކިޔުން ބޮޑުވުމުން، ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުގެ މެންބަރުން މިހާރު ގެންދަވަނީ ރައްޔިތުންނަށް މިކަން އެހެން ގޮތަކަށް ބުނެދިނުމުގެ މަސައްކަތް ކުރައްވަމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ދާދި އެއް ގޮތަކަށް، އެއް އިބާރާތްތަކަކުން ރައްޔިތުންގެ ރުޅިވެރިކަން ފިނިކުރެވޭތޯ ޓްވީޓްތައް ކުރައްވަމުން ގެންދަވައެވެ.

އެގޮތުން ވަޒީފާއާއި ބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ކޮމެޓީ މަރުހަލާގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ކޮމެޓީ މަރުހަލާ ނިމިގެންދާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ކަމަށްވެސް ވިދާޅުވެއެވެ.

މި މައްސަލަ ފިނިކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިއްޔެ ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމާއެކުގައި އެއީ އެކަމުގެ އެންމެ ފަހުގޮތް ކަމުގައި ނިންމަވައިގެން އެއްވެސް ބޭފުޅަކު ވިސްނެވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ކުރެވުނު ކަންކަން އަލުން ރަނގަޅު ކުރުމަށް ސަރުކާރާއި، މަޖިލީސް ފޫގަޅާފައިވީނަމަވެސް ބިލް ފަރުމާކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ބިލްގައިވާ ކަންތައްތަަކަކީ މައްސަލަަތަކަށް އޮތް ހައްލު ކަމަށް އެ މިނިސްޓްރީން ގަބޫލުކުރާ ކަންތައްތައް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމަށްވީއިރު އެ ވިދާޅުވާ ހައްލު ސާފުކޮށް ނުދެއްވާ ރައްޔިތުންގެ ފާޑުކިޔުންތަކާ ގުޅިގެން ބިލްގައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދާދޭނެ ކަމަށް ސަރުކާރު ހިންގާ މައިޕާޓީއަށް ނިސްބަތްވާ މެންބަރުން ވިދާޅުވުމުން ހަމައެއް ނުޖެހެއެވެ. މިހާރު މި އުޅެނީ ހެދުނު ގޯސް ރަނގަޅު ކުރާނެ މަގެއް ހޯދާށެވެ. އެކަންވެސް ކުރަން އެ ރާއްވަނީ ރައްޔިތުންނަށް އޮޅުވާލާ، ކަންބޮޑުވުންތަކަށް ހައްލު ހޯދާދިނުމުގެ ނަމުގައެވެ.

ބިލަކީ ސަރުކާރުގެ ބިލެކެވެ. މަޖިލީހަށް ބިލް ހުށައެޅީ އެމްޑީޕީގެ މެންބަރެކެވެ. އެހެންކަމަށްވީއިރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކޮމެޓީ މަރުހަލާގައި ހައްލު ހޯދާދޭނެ ކަމަށް ބުނަން ޖެހުނީމަ ހާމަަވަނީ ދެ ކަމެކެވެ. އެއް ކަމަކީ ރައްޔިތުންގެ އިހުސާސްތައް ނޭންގޭ ކަމެވެ. ނޫނީ ރައްޔިތުން ޓެސްޓް ކޮށްލަނީމެވެ.

މި ބިލް ހުށައެޅިއިރުވެސް ބައެއް އަމިއްލަ ކުންފުނިތަކުން ތިން މަސްދުވަސްވާއިރުވެސް މުވައްޒިފުން ޕްރޮބޭޝަންގައި ބައިތިއްބައިގެން މަސައްކަތް ކުރުވާކަމުގެ އަޑުތަކަކީ ގަދަ އަޑެކެވެ. ޕްރޮބޭޝަން މުއްދަތަކީ ދާއިމީ މުވައްޒިފަކަށް ލިބޭ ބައެއް އިނާޔަތްތަކުން މުވައްޒިފުން މަހުރޫމް ކުރުވާ ހާލަތެކެވެ. މުސާރައިންވެސް ބައެއް އުނިވާ މުއްދަތެކެވެ. ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތައް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރަށް ވުރެވެސް އިތުރައް ނިކަމެތިވާނެ ކަމެއް ކަމަށްވީއިރު، މިފަދަ އިސްލާހެއް ސަރުކާރުން ހުށައެޅުމުގެ ކޮންމެވެސް ބޭނުމެއް އޮންނާނެތާއެވެ.

އެންމެ ފުރަތަމަ ވަޒީފާއާބެހޭ ބިލެއް އެކުލެވާލެވުނުއިރުވެސް އޮތީ ޕްރޮބޭޝަން މުއްދަތު ހަމަސް ދުވަހަށް އިތުުރު ކުރެވޭ ގޮތަށެވެ. އެ މުއްދަތު ތިން މަހަށް ބަދަލުކުރީ ކުރިން މި ދެންނެވި ކަންކަމަށް ރިޔާއަތްކޮށްފައެވެ. އެހެންވީމަ ކުއްލިއަކަށް ޕްރޮބޭޝަން މުއްދަތު ހަމަސް ދުވަހަށް އިތުރުކޮށް، މެޑިކަލް ހުށަނާޅާ އެންމެ ދުވަހަކުވެސް ސަލާމް ނުބުނެވޭ ގޮތަށް ހަދަން ގާނޫނަށް އިސްލާހު ހުށައެޅި ސަބަބެއް އޮންނަން ވާނެ ނޫން ހެއްޔެވެ. މިއީ ރައްޔިތުންގެ ރުޅި މައިތިރިކުރަން އެހެން ވާހަކަތައް ދެއްކުމުގެ ބަދަލުގައި ކުރަން އުޅުނު ކަމެއް ސާފުކޮށްދޭންވީ ވަގުތެވެ.