އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކަމާއި ގުޅޭ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތެރެއިން މަސައްކަތް ފެށުމަކީ އިއްޔެ އައި ވަރަށް ބޮޑު ހައިރާން ކަމެކެވެ. އަދި އެ މަސައްކަތުގައި އެންމެ އިސްކޮށް ރައީސް ނަޝީދު ހުންނެވުމަކީ އެއަށްވުރެ ބޮޑު ހައިރާން ކަމަކަށްވެފައި ވެއެވެ. އެހެނެއް ކަމަކު އެކަން އެގޮތަށް އެބަ ހިނގަ އެވެ. އެހެން މެންބަރުންގެ ކައިރިއަށް ހިންގައިވައި ލޮބީ ކުރައްވައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެ ނިންމުމުގެ ފަހަތުގައިވަނީ ކޮން ކަމެއް ހެއްުޔެވެ؟
ފަހަރަކުގައި އެންމެނަށް ނޭނގިދާނެ އެވެ؛ ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު ފައްުޔާޒުގެ ގުޅުން ރަނގަޅަށް އެނގިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުން ސަރުކާރާއި މަޖިލީހުގައި ތިއްބަވާނެ އެވެ. ރައީސް ސޯލިހު އެންމެ ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ފައްޔާޒު ހިމެނި ވަޑައިގަންނަވަ އެވެ. އެ ގުޅުމާއި އިތުބާރަކީ މި ސަރުކާރު އުފެދުމާއެކު ބަދަހި ވެގެން އައި ގުޅުމެއް ނޫނެވެ. އެ ދެ ބޭފުޅުންގެ މެދުގައި އޮތް ބަދަހިކަމާއި އިތުބާރަކީ މާކުރީގެ ކަމެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ރިޔާސީ އިންތިހާބުގެ ރޭހަށް އޭރުގެ އިދިކޮޅަށް ދެެވޭން އޮތް މަގު ކޮށާއި އަމާންކޮށް ރިޔާސީ ޓިކެޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދަވައިދެއްވުމުގައި ވެސް ފައްޔާޒު ކުޅުނު ދައުރު އެނގޭ ބަޔަކަށް އެނގޭނެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރު އުފެދުނު ފަހުން މިއަދާއި ހަމައަށްވެސް ސަރުކާރުގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ވަޒީރަކީ ފައްޔާޒެވެ. އެކަން އެހެން ވަޒީރުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. މަޖިލީސް މެންބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވެސް އެކަން ސާފެވެ. އެފަދަ އެތައްް ކަމެއް ހިނގައި ތާރީހުގައި ލިޔެވިވެސް ހިނގައްޖެ އެވެ.
އެއްކަމެކެވެ؛ ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ރުހިވަޑައިގެން ސުޕްރީމް ކޯޓަށް ބޭފުޅަކު ހަމަޖެއްސެވުމަށް ނިންމެވި އެވެ. އެ ނިންމެވުމުގައި ގިނަ ފައިދާތަކެއް ވެސް އޮވެގެނެވެ. ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅެއްގެ ތާއީދު ލިބުމަކީ އެންމެ ބޮޑު އެއް ފައިދާ އެވެ. ނަމަވެސް އެކަމާއި މިނިސްޓަރު ފައްޔާޒު ދެކޮޅު ހެއްދެވި އެވެ. އޭނާގެ ވާހަކައަށްވީ ކޮންމެވެސް އެއްގޮތެއް އިހުތިޔާރު ކުރެއްވުމެވެ. އެއީ ބޭފުޅަކު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ގެނައުން އެހެންނާ ފައްޔާޒު ކެބިނެޓްގައި ބެހެއްޓެވުމެވެ. އެހިސާބުން ދެ ރައީސުން ވެސް ހަތިޔާރު ބެހެއްޓެވި އެވެ. ސަރުކާރަށް ބޭނުން ބޮޑީ ފައްޔާޒެވެ.
ނަމަވެސް ކުއްލި ގޮތަކަށް އިއްޔެ މި އައީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފެށި ތަފާތު ހަބަރެކެވެ. އަދި ތަފާތުކަން ބޮޑުވެފައި ވަނީ މި މަސައްކަތުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދަށްވާތީ އެވެ. އެކަމާ މެންބަރުންގެ އަރިހަށް ވަޑައިގެން ލޮބީ ކުރައްވާ ސޮއި ހޯއްދަވަނީ ވެސް އެމަނިކުފާނެވެ. މިހާރު "ވިއްސަކަށް ފަންސަވަހީހަކަށް" މެންބަރުންގެ ސޮއިވެސް ހޯއްދެވިއެވެ.
ބައެއް ބޭފުޅުން ސޮއި ކުރެއްވީ ސީދާ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގަތުމުން އެކަން ކުރަން ދެކޮޅު ހައްދަވަން ކެރިވަޑައިނުގެން ހުންނަވަ އެވެ. އަދި އެ ގަރާރުގައި އެންމެ ފުރަތަމަ ރައީސް ނަޝީދު ސޮއިކުރައްވާފައި އޮތުމުންވެސް ބައެއް މެންބަރުންނަށް ސޮއި ނުުކުރައްވާނަމޭ، ދިމާއަށް ވިދާޅުވާން ކެރިވަޑައެއް ނުގެތެވެ. މި ހިނގައިގަތީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟
އެމްޑީޕީ އައި ސަރުކާރުގެ "ޕޮލިޓިކަލް ލީގު" ތެރޭގައި ހިމެނޭ ބައެއް އެކައުންޓްތަކުން ބުނާ ގޮތުގައި މި ބާނި އުފެދެމުން ރާޅެއްގެ ގޮތުގައި އުފުލެމުން ދާކަން ރައީސް ސޯލިހަށް ކުރިން ވެސް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް އިއްޔެ މިކަން އައި ގޮތުން އެ މަނިކުފާނަށް ސިހުން ލިބިވަޑައިގަތެވެ. އަދި އޭގެ ފަހަށް މަނިކުފާނަށް ވަފާތެރި މެންބަރުންނަށް އިޝާރާތެއް ކުރައްވާ އެ މައްސަލައާ ދެކޮޅަށް ތެދުވާން އެދިވަޑައިގެންފައި ވެއެވެ.
"އެ އިޝާރާތް އެމަނިކުފާނު ދެއްވީ އެންމެ އަރިހުގައި ތިއްބެވި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުން މެދުވެރިކޮށް،" ސިޔާސީ އިސް ބޭފުޅަކު ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.
ކޮންމެއަކަސް އެވީ ގޮތެއް ކޮންމެ ގޮަތަކަށް ވެފައި އޮތް ނަމަވެސް ރައީސް ސޯލިހަށް ވަފާތެރި މަޖިލިސް މެންބަރުން ރޭ ވަނީ މިނިސްޓަރު ފައްޔާޒަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ފެއްޓެވި މަސައްކަތްޕުޅަށް ގޮންޖައްސަވާފަ އެވެ. އެއީ އެމްޑީޕީގެ "ވަރުގަދަ 65" ގެ ތޮށިގަނޑު ރަނގަޅު ފެޅުމަކުން ފަޅައިގެން ހިނގައްޖެކަން ކަށަވަރުވުމެކެވެ.
ރޭ މެންދަމާ ހަމައަށް ވަރަށް ގިނަ މެންބަރަކުންތަކެއް ވަނީ ފައްޔާޒާއެކު ހުންނެވިކަން ދައްކަވާފަ އެވެ. އަދި އެއަށްވުރެ ގިނަ އެތައް މެންބަރުންނެއް އެ ގަރާރުގައި ސޮއި ނުކުރައްވާނެ ކަމަށާ ފައްޔާޒާ ދެކޮޅަށް ވޯޓްވެސް ނުދެއްވާނެ ކަމަށް ރައީސް ސޯލިހަށް ވަނީ ޔަގީންކަން ދެއްވާފައިވާ ކަމަށް މި ސަރުކާރުން އަޅާ ސިޔާސީ ބޮޑެތި ފިޔަވަޅުތައް ދެނެ ވަޑައިގަންނަވާ ބޭފުޅުން މިޑިއާތެރެއަށް "އެއްލާލައި" ސިއްރު ވާހަކަ ކޮޅުކޮޅުން އެނގެ އެވެ.
ރައީސް އޮފީހުގެ ވަރަށް އިސް ބޭފުޅަކު އަވަސް އާ ރޭ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ފައްޔާޒަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވި، އިތުބާރު ނެތިގެން ހުށައަޅުއްވަން މަސައްކަތް ކުރައްވާ މައްސަލައެއް ނޫނެވެ. މި އުފުލޭ ސިޔާސީ ރާޅުގެ ބޭނުމަކީ ސަރުކާރަށް ޖެއްސުމެއް ކޮށްލުމެވެ. ރައީސް ސޯލިހު ދަތި އަޅުވާފައި ބޭއްވުމެވެ. ފައްޔާޒުގެ އިތުބާރަކީ ބޭރަށް އޮތް ނަމެކެވެ.
"[ރައީސް ނަޝީދު] ފުރަތަމަ ދެއްކެވީ އެެހެން ޕާޓީތަކުގެ ވަޒީރުން މަގާމުތަކުން ދުރުކުރުވާ ވާހަކަ. ކޯލިޝަން ރޫޅަންޖެހޭ ކަމަށް. ވަކިން އެމްޑީޕީން ސަރުކާރު ހިންގަން ޖެހޭނެ ކަމަށް. ނިޒާމު ބަދަލުކޮށް ބަރުލަމާނީ ގެންނަން ޖެހޭ ކަމަށް. އެއިން އެއްވެސް ކަމަކަށް ރައީސް ޖަވާބެއް ވެސް ނުދެއްވި ޝައުގުވެރިކަމެއް ވެސް ނުދެއްކެވި. އެެހެންވީމަ ރައީސް އެންމެ އިތުބާރު ކުރައްވާ ވަޒީރުގެ ކަންކަށިމަތީ ޖަހަން މި މަސައްކަތް ކުރަނީ. ބޭނުމަކީ ރައީސަށް އިންޒާރެއް ދިނުން އަދި ޖެއްސުމެއް ކޮށްލުން، މިއީ ސިޔާސީ ގޮތުން ރާއްޖޭގައި ނުހިންގާ އާ ކަމެއް ނޫން،"
އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައީސް ނަޝީދު ބޭނުންފުޅުވާހާ ގޮތަކަށް މަޖިލިސްތެރިން އަދިއެއް ނުނިންމޭނެ އެވެ. އެކަން ރައީސް ނަޝީދަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. މެންބަރުންނަށް ފާޅުގައި ނުކުންވަން ކެރިވަޑައި ނުގެންފައި ތިއްބެވީ ރައީސް ސޯލިހަށް އިހުތިރާމު ކުރައްވާތީ އާއި ޕާޓީގެ މަސްލަހަތު ގެއްލޭ ކަމެއް ކުރައްވަން ރައީސް ބޭނުންފުޅު ނުވެގެނެވެ.
"މިހާރު މިދިއަ ތަނުގައިވެސް ރައީސް ނަޝީދު މަސައްކަތްތަކެއް ކުރައްވައިފި ސަރުކާރު ނުހިންގޭކަން ދައްކަން. ރައީސް ސޯލިހަށް އެކި ގޮތްގޮތުން ޖެއްސުން ކުރައްވައިފި. ނަމަވެސް ރައީސް އެ ހުންނެވީ މަސްލަހަތު އިސްކޮށް ހިދުމަތުގައި. ސިޔާސީ ސަކަރާތްތަކަކަށް ނުބައްލަވާ. އެެހެން ނަމަވެސް މިހާރު މި އޮތީ ސިޔާސީ ހަނގުރާމައެއް އިއުލާން ވެފައި ކަމަށް ބުނެވިދާނެ،"
ކެނބިނެޓްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ އަމަލުތައް ހުންނަ ގޮތާ ގުޅޭގޮތުން ވަޒީރުން އަބަދުވެސް ރައީސް ސޯލިހަށް ޝަކުވާ ދަންނަވަ އެވެ. ނަަމަވެސް ރައީސް ސޯލިހު މަޑުކުރައްވަން އަންގަވާތީ ބޭރަށް އެއްޗެއް ފާޅު ނުވަނީ އެވެ.
"އަޅުގަނޑުމެން މިހާރުވެސް މިތިބީ ޓީވީތަކަށް އަރާ ރައީސް ނަޝީދު ކުރައްވާ ކަންކަން ހާމަކުރަން ތައްޔާރަށް. ނަމަވެސް ރައީސް އެ ހުއްދައެއް ނުދެއްވާ. އެމަނިކުފާނު ބޭނުންފުޅު ވަނީ ހަމަޖެހުން. އަލުން ހަމަނުޖެހުމުގެ ތެރެއަށް ގައުމު ގެންދާކަށް ބޭނުންނުވޭ. ނަމަވެސް މިހާ ފާޅުގައި އަމިއްލައަށް އިދިކޮޅު ޕާޓީގެ ލީޑަރަކަށް ވެގެން މަސައްކަތް ފެށުމުން ދެން ނުތިބެވޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ފައްުޔާޒަށް ސިހުން
އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުގެ މަސައްކަތް އަމިއްލަ ޕާޓީ ތެރެއިން ފެއްޓެވުމަކީ މިނިސްޓަރު ފައްޔާޒަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހަައިރާން ކަމެކެވެ. އަދި އެއީ އޭނާއަށް ސިހުން ގެނުވި ކަމަށް ވެގެން ދިޔަ އެވެ.
"ތިޔަ ވާހަކަ [އިތުބާރު ނެތް ކަމަށް ހުށައަޅަން މަސައްކަތް ކުރާ ވާހަކަ] އަޅުގަނޑު އަޑު އެހީވެސް މީޑިއާއިން. ފުރަތަމަ ހިތަށް އެރީ ކޮބައިބާއޭ އެކަމުގެ މަގްސަދަކީ. ހަމަ ޔަގީނުން ވެސް އަޅުގަނޑު ގޯހެއް ނުހަދަން. އިތުބާރު ގެއްލޭފަދަ ކަމެއް ނުކުރަން. އަނެއްކާ އެފަދަ ކަމެއް އަޅުގަނޑު ކުރިކަމަށް އެއްވެސް މެންބަރަކު ވެސް ވިދާޅެއްނުވޭ މީގެ ކުރިން. އެ ޝަކުވާ ވެސް ނެތި ކުއްލިއަކަށް އިތުބާރު ނެތްކަމުގެ މައްސަލަ އައުމުން ވަރަށް ހައިރާންވި،"
ފައްޔާޒު ވިދާޅުވި ގޮތުގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ކުރާ މަސައްކަތް ހުއްޓުވަން އޭނާ އެއްވެސް މަސައްކަތް ނުކުރައްވާނެ އެވެ. އަދި އެ ވޯޓް އޭނާގެ ކޮޅަށް އަނބުރާލަން ވެސް އެއްވެސް މަސައްކަތް ނުކުރައްވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީގެ "ބާރުގަދަ 65" ނިންމާ ކޮންމެ ގޮތަކަށް އިހުތިރާމް ދެއްވާނެ އެވެ.
އަށާރަ ވަނަ މަޖިލީހުގައި މެންބަރުންކަން ކުރެއްވި ފައްޔާޒު ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރުމުގެ ޖާގައެއް ވެސް ނޯންނާނެ އެވެ. އެހެން ކަމުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތެވެ.
ނަމަވެސް ރައީސް ނަޝީދު އިސްވެ ހުންނަވާ އެފަދަ މަސައްކަތެއް ކުރައްވާތީ ފައްޔާޒު ހުންނެވީ ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގެންފަ އެވެ. "އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީސް ނަޝީދުތޯ؟
އެތައް ފަހަރަކު އެ ސުވާލު ފައްޔާޒު ތަކުރާރު ކުރެއްވި އެވެ. އަދި ރައީސް ނަޝީދާމެދު އިތުބާރު އެބައޮތް ކަމަށާ އެމަނިކުފާނު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށްވެސް ރޭ ވިދާޅުވި އެވެ.
"އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ އެމަނިކުފާނު [ރައީސް ނަޝީދު] އެފަދަ ކަމެއް ކުރައްވަފާނެ ކަމަކަށް،" ފައްޔާޒު ވިދާޅުވި އެވެ.
ތިޔަ ވާހަކަ [އިތުބާރު ނެތް ކަމަށް ހުށައަޅަން މަސައްކަތް ކުރާ ވާހަކަ] އަޅުގަނޑު އަޑު އެހީވެސް މީޑިއާއިން. ފުރަތަމަ ހިތަށް އެރީ ކޮބައިބާއޭ އެކަމުގެ މަގްސަދަކީ. ހަމަ ޔަގީނުން ވެސް އަޅުގަނޑު ގޯހެއް ނުހަދަން. އިތުބާރު ގެއްލޭފަދަ ކަމެއް ނުކުރަން. އަނެއްކާ އެފަދަ ކަމެއް އަޅުގަނޑު ކުރިކަމަށް އެއްވެސް މެންބަރަކު ވެސް ވިދާޅެއްނުވޭ މީގެ ކުރިން. އެ ޝަކުވާ ވެސް ނެތި ކުއްލިއަކަށް އިތުބާރު ނެތްކަމުގެ މައްސަލަ އައުމުން ވަރަށް ހައިރާންވި،ފައްޔާޒް އިސްމާއީލް | މިނިސްޓަރު
މި މައްސަލާގައި އިދިކޮޅުން ބުނާ ވާހަކައަކީ މިއީ ސަރުކާރާ މަޖިލީހުން ރާވައިގެން ކުޅޭ "ސިޔާސީ ޑްރާމާއެއް" އެކެވެ،
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެކެވެ. ބޭނުމަކީ ސަރުކާރު ފެއިލްވެފައިވާވަރު ފޮރުވުމެވެ. ނާގާބިލް ވާހަކަ ދެއްކުން ހުއްޓުވާލުމެވެ.
"މިނިސްޓަރު ފައްޔާޒުގެ ނޯކޮންފިޑެންސް މޯޝަންއަކީ ކުޅޭ ޑްރާމާއެއް. ގައުމުގެ މިސްރާބު ނުކިއްސަރު. ރައްޔިތުން ހޭލާ،" ޝިޔާމް ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ފައްޔާޒުގެ ގާބިލްކަމާމެދު ސުވާލުކުރުމުގެ ޖާގައެއް އަދި ނެތެވެ. މިފަދަ ކަމެއް ކުރުމުގައި އެހެން މަގްސަދެއް ފޮރުވިފައިވާނެ އެވެ.
"މި އުޅެނީ ކޮންމެވެސް އެހެން ކަމެއްހެން ހީވަނީ. ގައުމުގެ އިގްތިސޯދު މިހާރު މިއޮތް ހާލަތުގައި ގައުމު އަދި ސަރުކާރު ހަލަބޮލިވާ ޒާތުގެ ކަންކަމުން ދުރުހެލިވެގެން ތިބުން ބުއްދިވެރި،" އުޝާމް ވިދާޅުވި އެވެ.
ސަރުކާރުގައި ބައިވެރިވާ ޕާޓީތައްވެސް އޮތީ މި މައްސަލާގައި ސާބިތުކޮށެވެ. ޖުމްހޫރީ ޕާޓީއާއި އަދާލަތު އަދި އެމްއާރްއެމް އޮތީ ސަރުކާރު ދިފާއު ކުރާށެވެ. އަދާލަތާއި އެމްއާރްއެމްގެ މެންބަރަކު މަޖިލީހުގައި ނެތް ނަމަވެސް ޖުމްހޫރީ ޕާޓީގެ ފަސް މެންބަރަކު މަޖިލީހުގައި އެބަ ތިއްބެވިއެވެ.
މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރުކުރަނީ
ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތާއެކު އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުން ދުރުކުުރުމުގެ މަސައްކަތްތަކެއް ވެސް ހިނގާ ކަމަށް ވެއެވެ. ކަށަވަރު ކުރެވޭ ލެވެލެއްގައި އެ ވާހަކަ ދައްކަވަނީ ވެސް ސަރުކާރާއި އެމްޑީޕީގެ އޮފިޝަލުންނެވެ.
"އެ މަސައްކަތް ރަސްމީކޮށް ފެށޭނީ ފައްޔަގެ މައްސަލަ ނިމުމުން. ނުވަތަ އެކަން ކުރިއަށްދާ ގޮތަކުން!" އެއް ބޭފުޅަކު ވިދާޅުވިއެވެ.
އިތުބާރު ހުރި ދިމަ ދިމާއިން ޔަގީންވެފައިވާ ގޮތުގައި އެ މަސައްކަތުގައި އުޅުއްވަނީ ވަޒީރުންތަކެވެކެވެ. މިނިސްޓަރު ފައްޔާޒުވެސް އެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެވެ އެވެ. ނަމަވެސް އެކަން ފައްޔާޒު ރޭ ދޮގު ކުރެއްވިއެވެ.
ސަރުކާރުގެ އެހެން ވަޒީރަކު ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ދުރުކުރުމުގެ މަސައްކަތް ހިނގައިގެންފައި ވެއެވެ. އަދި އެކަމާއި ގުޅޭގޮތުން ވަކިވަކި މެންބަރުންނާއި މަޝްވަރާ ކުރަމުންދެ އެވެ.
"ފައްޔަގެ މައްސަލަ މަޖިލީހުން ބޭރުވާނެ، ޕްރޯސެސް ފެއިލްވާނެ، އެކަން ޔަގީން. ނަމަވެސް ދެން ސަރުކާރުން ފަށާ މަސައްކަތް ކާމިޔާބުވާނެ،" ރައީސް ނަޝީދު މަގާމުން ދުރުކުރުމުގެ މައްސަލައަށް އިޝާރާތް ކުރައްވާ އެ ވަޒީރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެކިއެކި އެންގުންތައް އެންގުމާއި، ވަޒީރުން ހާޒިރުކޮށް ފާޅުގައި ފާޑުވިދާޅުވުން މިހާރު ވަނީ އާންމު ކަމަކަށްވެފަ އެވެ. އަދި ރައީސް ސޯލިހުގެ ވިސްނުންފުޅާ ހިލާފަށް ތަކުރާރުކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމަކީ ސަރުކާރަށް ޖެއްސުންކޮށް، ރައީސް ނަޝީދު ބޭނުންފުޅުވާ އެހެން މަގާމަކަށް ވަޑައިގަތުމަށް އެމަނިކުފާނު ދައްކަވަމުން ގެންވާ ވާހަކަތަކެކެވެ. އެ ވާހަކަތަކަށް ސަރުކާރު ސީރިއަސްވެ، ޖަވާބު ނުދިން ނަމަވެސް މިނިސްޓަރު ފައްޔާޒުގެ މައްސަލާގައި ސަރުކާރު ސީރިއަސް އެވެ. ކޮންމެ ގޮތަކުންވެސް އެ ވޯޓުން ކާމިޔާބު ހޯދަން ސަރުކާރު އޮތީ ތައްޔާރަށެވެ. އެއީ މި ހުރިހާ ދުވަހަކު ފޮރުވަމުން ދިޔަ އެތެރޭގެ ހަނގުރާމަ ބޭރަށް އިއުލާނުވީ އެވެ.