އިތުބާރު ނެތް ކަމުގެ މައްސަލަ

ފައްޔާޒު ވޯޓަކީ ސޯލިހުގެ ވެރިކަން ނިމޭ ސިއްކައަށް ވެދާނެ!

Aug 19, 2020
15

ވެރިކަމުގެ ކޮންމެ ނިޒާމެއްގައި ވެސް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ ފިސާރި ބޮޑު ކަމެކެވެ. ހާއްސަކޮށް، އަމުދުން ރިޔާސީ ނިޒާމެއްގައި އެއީ ވަރަށް ބޮޑު ކަމަކަށް ވެއެވެ. މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން މި އިވެނީ އެ ވާހަކަ އެވެ. އެމްޑީޕީގެ ސަރުކާރެއްގައި އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް އެ ޕާޓީގެ މަޖިލިސް މެންބަރުން އިސްވެ ތިބެ ނަގަން އުޅޭ ވާހަކައެވެ.

ވޯޓެއް މި ނަގަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިއްޖެއްޔާ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެއިން އެދެވެނީ ކޮން މެސެޖެއް ހެއްޔެވެ؟

އަޑުއިވޭ ގޮތުން އަދި ފެންނަ މަންޒަރުތަކުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އިތުބާކުރައްވާ ވަރަށް އަރިސް ވަޒީރެކެވެ.

އިކޮނޮމިކް މިނިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސްތެރެއިން ކުރިޔައް ގެންދައްވަން އެންމެ އިސްކޮށް ހުންނެވީ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެކަމަށް އެއްވެސް ފަހަރެއްގަ އިންކާރެއް ވެސް ނުކުރައްވަ އެވެ. އެކަމަކު އޭގެ ބަދަލުގައި އެ މަސައްކަތުގައި ސާބިތުވެ ހުންނެވި ކަމަށް ވިދާޅު ވެއެވެ. އަދި އެމަސައްކަތުގައި އެ މަނިކުފާނާއި އެއްކޮށް މަސައްކަތްކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރުނަށް ބިރު ނުދެއްކެވުމަށާއި އެހެން މެނަބަރުންނާއެކު އެ މަސައްކަތުގައި ސިދާ އެބޭފުޅާ ވެސް އުޅުއްވާ ކަމަށް ވަރަށް ފާޅުގަ ދަނީ ވިދާޅުވަމުންނެވެ.

އެހެންކަމުން މި ހަނގުރާމައިގެ އަސްލު ރައްދުވާ ދެ ފަރާތަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށްވުރެ ބޮޑަށް ރައީސް ސޯލިހާ ރައީސް ނަޝީދެވެ.

ވަޒީރަކު މަގާމުގައި ބެހެއްޓުމާއި ވަޒީރަކު މަގާމުން ވަކިކުރުމުގެ ފުރިހަމަ އިހްތިޔާރު ރައީސުލްޖުމްހުރިޔާއަށް ލިބިގެން ވެއެވެ. މިހާރު މި އުފެދިގެން އުޅޭ މައްސަލައަށް ބަލާ ލާއިރު ރައީސް ސޯލިހު ހުރީ މިނިސްޓަރު ފައްޔާޒާއި އެކުގައިކަން ވަރަށް ސާފެވެ. މި މައްސަލާގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން ގިނަ ވާހަކަތަކެއް އައިސްފައި ނުވި ނަމަވެސް އެމަނިކުފާނުގެ އިތުބާރު އޮތް ވަޒީރުގެ ހިމާޔަތުގައި ސާބިތުކަމާއި އެކު ހުންނެވި ކަން ވަނީ ވިދާޅުވެ ދެއްވާފަ އެވެ.

މިކަމުން ސާބިތު ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ މުޅި މައްސަލައިން ފެންނަން އޮތް ފޮޓޯގެ ތަރުޖަމާއަކީ ތިމަންމަނިކުފާނާއި ތިމަން މަނިކުފާގެ ވަޒީރާ އެއްވެސް މައްސަލައެއް ނެތެވެ. ސަރުކާރު ހިންގުމުގެ ބާރު އޮތީ ވަޒީރާއި ވަޒީރު ދިފާއު ކުރުމުގެ މަސައްކަތުގަ އެވެ.

ވެރިކަން ހިންގުމުގެ ބާރު، ނުވަތަ ސަރުކާރުގެ ނިންމުން މިގޮތަށް އޮތް އިރެއްގައި ރައީސުލްޖުމްހުރިޔާގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހުން ނަގައި ވަޒީރު މަގާމުން ވަކިކޮށްފިނަމަ އެއިން އާންމު ރައްޔިތުންނަށް ދެވޭ މެސެޖަކީ ކޮބައިތޯ އެވެ؟

އެއިން އެދެވޭ މެސެޖަކީ ރައީސުލްޖުމްހުރިޔާއަށް ހުންނެވި ބޭފުޅަކީ ހަމައެކަނި ނަމެއްގައި ހުންނެވި ބޭފުޅެއް ކަމެވެ. އަދި އެއީ ބޮޑު ސިންގާއެއްގެ ސިފަތައް ހުރި އެކަމަކު އަނގައިގެ ދަތެއް ނެތް، އަތް ފައިގައި ވަރެއް ނެތް ބޭފުޅެއްގެ ގޮތު ގައެވެ. ހަމައެކަނި ރަމްޒީ ނަންބޯޑެއްގެ ގޮތުގަ އެވެ.

މިފަދަ މާހައުލެއް ސަރުކާރުތެރޭގައި އުފެދިއްޖެނަމަ ދެން ތިބި ވަޒީރުންގެ އިތުބާރާއި އިހްލާސްތެރިކަން، ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހުރިއްޔާގެ ކިބައިން ގެއްލި ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ. އޭގެ ބަދަލުގައި އެބޭފުޅުންގެ އިތުބާރާއި އިހްލާސްތެރިކަން އެނބުރޭނީ އެބޭފުޅުންގެ ވަޒީފާއާ މެދު އޮތް ޔަގީންކަމާއި ކަށަވަރުކަން ދޭ ފަރާތެއްގެ މައްޗަށެވެ.

ރާއްޖޭގެ ސިޔާސީ ހަރަކާތުގެ މިއަދުގެ މި މާހައުލުގައި ވެރިކަން ހިންގުމުގެ ބާރާއި މަޖިލިހުގެ އަޣުލަބިއްޔަތު ވެސް މިއޮތީ އެމްޑީޕީ ފަޅީގަ އެވެ. މިހާރު އުފެދިގެން މިއުޅޭ މައްސަލާގައި ވަލުގެ އެއްކޮޅުގައި ހިއްޕްވައިގެން ހުންނެވީ އެމްޑީޕީއަށް ނިސްބަތްވާ ރައީސް ސޯލިހެވެ. ވަލުގެ އަނެއް ކޮޅު، ހިއްޕަވައިގެން ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ. މެދުގައި ހުންނެވީ ވެރިކަން ހިންގާ އެމްޑީޕީ ކޯލިޝަނަށް ނިސްބަތްވާ ވަޒީރެއް ނޫނެވެ. އެކަމަކު ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނޭ، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްހިމް އިސްމާއިލް (އިބުރާ) ގެ ކޮއްކޯފުޅު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ.

އިވޭ އަޑުތަކުންނާއި ތުންތުން މަތިން ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި މިނިސްޓަރު ފަޔާޒް އަކީ ރައީސް ސޯލިހުގެ ވަޒިރުންގެ ތެރެއިން އެންމެ ނުފޫޒް ގަދަ ވަޒީރެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ބަހުން ނަމަ ރައީސް ސޮލިހުގެ ކެބިނެޓްގެ "ބްރޯ" އަކީ ފައްޔާޒެވެ.

މަޖިލީހުގެ ތެރެއިން ރައީސް ސޯލިހްގެ "ބްރޯ" އާއި ރައީސް ސޯލިހަށް ސިދާ ގޮންޖައްސަވައި އިތުބާރު ނެތްކަމުގެ ވޯޓް ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި ނަމަ ރައީސް ސޯލިހަކީ އިނގިރޭސި ވިލާތުގައި ރާނީ ފަދައިން ދިވެހި ވެރިކަމުގެ ތަހުތުގައި ވެޑުވިގެން އިންނެވި ރަމްޒީ ބޭފުޅެއްގެ ގޮތުގައި ބެލެވިގެން ދާނެ އެވެ. އަދި މިހާރު ދިވެހި ވެރިކަމުގެ ހަގީގީ ބާރު މިލްކު ކުރައްވައިގެން ހުންނެވީ ރައީސް ނަޝީދުކަން ގަބޫލު ކުރަން އެންމެނަށް މަޖުބޫރުވާނެ އެވެ. ހަމަ އެއާއެކީ ރައީސް ސޯލިހުގެ ވަޒީރުންގެ މަޖިލިސް، ރައްޔިތުންގެ މަޖިލިހުގެ ގޮނޑިކޮއްކޮއަކަށް ވެގެން ވެސް ދާނެ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޓެކް މިނިސްޓަރު މުހައްމަދު މަލީހާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އަދި ފިނޭންސް މިނިސްޓަރު އަމީރު ފަދަ ބޭފުޅުން ގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަޓާސް ބަރި އެއްހެން ގޮވައި ހުލިވިގެން ގޮސް މުޅިން އާ ވަޒީރުންގެ މަޖިލިހެއް އުފެދިގެން ދާނެ ކަން ކަށަވަރެވެ.

މިހެން ކަން ހިގާނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނަމަކަށް ރައީސް ސޯލިހް ހުންނެވުމުގެ ބަދަލުގައި މަގާމުން އިސްތިއުފާ ދެއްވުން ވެސް އެއީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ރައީސް ސޯލިހް މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ވަގުތީ ގޮތުން މަގާމާއި ހަވާލުވެ ވަޑައިގަންނަވަނީ ނައިބު ރާއީސް ފައިސަލް ނަސީމެވެ. ފައިސަލްގެ މައްޗަށް ރައީސް ނަޝީދުގެ އިތުބާރު އޮވެއްޖެނަމަ ރައީސް ކަމުގައި ފައިސްލް ބަހައްޓަވައިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރޭ ރައީސް ނަޝީދު ވިދާޅުވި ގޮތަށް މުޅިން އާ ރިޔާސީ އިންތިހާބަކަށް ދިއުން ވަރަށް ކައިރި އެވެ.

ފައިސަލް ބަހައްޓަވައިގެން އާ އިންތިހާބަކަށް ދާން ބޭނުންފުޅު ނޫންނަމަ ފައިސަލް ނަސީމްގެ އިތުބަރު ނެތްކަމުގެ ވޯޓު މަޖިލިހުން ފާސް ކުރެވިދާނެ އެވެ. އެހެން ކަމުން، އިންތިހާބީ ނައިބު ރައީސެއް ނެތް ހާލަތު މެދުވެރިވެ އާ ރައީސް އަކާއި ނައިބު ރައީސެއް އިންތިހާބު ކުރެވެންދެން އެ މަގާމު ފުރުއްވަވާނީ މިހާރުގެ މަޖިލިސް ރައީސެވެ. އެއީ ގާނޫނު އަސާސީން އެ ވަގުތަކު ހުންނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކާއި މަތިކުރާ ޒިންމާ އެކެވެ. ތަގްދީރު ނިޔާ ކުރި ގޮތުން މިވަގުތު އެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް ނަޝީދެވެ.

އެހެންކަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓް ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި ފިނަމަ އެކަން ވާނީ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަން ނިމުމުގެ ސިއްކައަށެވެ.