ކޮވިޑް-19 އިގެ ސަބަބުން މިދިޔަ އަހަރު ރިސޯޓުތަކުގައި މަސައްކަތް ކުރާ 3,769 ދިވެހި މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، 6,427 މީހުން ނޯޕޭ އަށް ފޮނުވާލި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓާ އިންކަމް ސްޕޯޓް އެލަވަންސް ދަފުތަރުގެ މައުލޫމާތުގެ މައްޗަށް ބަލައި އެ މިނިސްޓްރީން އެކުލަވާލި ސާވޭއެއްގައިވާ ގޮތުން ކޮވިޑް-19 ގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ ތެރެއިން ވަޒީފާއިން ނޯޕޭއަށް ފޮނުވާލީ 6,427 މީހުންނެވެ. އަދި 4,334 މުވައްޒަފުންގެ މުސާރަ ދަށް ކޮށްފައިވެ އެވެ. ވަޒީފާ އިން ވަކިކުރި ރިސޯޓު މުވައްޒަފުންގެ އާބާދީގެ 72 ޕަސެންޓަކީ ޒުވާނުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓު ސިނާއަތުގައި 20،000 ދިވެހިން މަސައްކަތް ކުރެ އެވެ.
މަސައްކަތު އާބާދީގެ 13 ޕަސެންޓަށް އަސަރު
އިކޮނޮމިކް މިނިސްޓްރީން ބުނީ 2019 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ މަސައްކަތުގެ އާބާދީއަކީ 181,144 އެވެ. ނަމަވެސް މިދިޔަ އަހަރު މަސައްކަތު އާބާދީ ވަނީ 170,275 އަށް މަދުވެފަ އެވެ. ކޮވިޑުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ޒުވާން މަސައްކަތުގެ އާބާދީ އަށެވެ. އަދި އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން އަމިއްލަ އަށް މަސައްކަތް ކުރަމުން ދިޔަ އަންހެނުންގެ ތެރެއިން 12 ޕަސެންޓުގެ މަަސައްކަތް އެއްކޮށް ހުއްޓި ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ.
ކޮވިޑްއާ ގުޅިގެން ވަޒީފާ އިން ވަކި ކުރުމާއި މުސާރަ ކެނޑުން އަދި ނޯޕޭ އަށް ފޮނުވާލުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން 22,940 މީހެއް [ވަޒީފާ އާބާދީގެ 13 ޕަސެންޓް] އަށް އަސަރުކުރި އެވެ. އެހެންވެ އިންކަމް ސްޕޯޓް އެލަވަންސް 22،000 އަށްވުރެ ގިނަ މީހުންނަށް ދޭން ޖެހުނެވެ. އަދި މި ބަލީގެ ސަބަބުން މަސައްކަތްތައް ހުއްޓިގެން ދިއުމުން އަމިއްލަ މަސައްކަތް ކުރާ 8,203 މީހަކަށް [މަސައްކަތު އާބާދީގެ 5 ޕަސެންޓަަ] އަށް އަސަރުކޮށްފައިވެ އެވެ. އަދި ޒީފާ އަދާ ކުރާ 11,976 ފަރާތަކާއި އަމިއްލަ މަސައްކަތް ކުރާ 10,964 ފަރާތަކަށް ގެއްލުމަށް އެހީވެދީފައިވެ އެވެ.
މި ސާވޭ ދައްކާ ގޮތުން ރާއްޖޭގެ އެކި ސިނާއަތްތަކުގެ ދާއިރާ ތަކަށް ބަލާއިރު އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އެކޮމޮޑޭޝަން ފުޑް އެންޑް ސާވިސަސް - ޓޫރިޒަމް- އިންޑަސްޓްރީ އަށެވެ. އެހެންވެ އިންކަމް ސްޕޯޓް އެލަވަންސުގެ ސާވިސް ސެކްޓާގެ 13,049 ފަރާތަކަށް 244 މިލިއަން ދޫކޮށްފައިވެ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ ހިމެނޭ ސެކަންޑްރީ ސެކްޓާގެ 5,530 ފަރާތަކަށް 95 މިލިއަން ރުފިޔާ ދޫކޮށް، ދަނޑުވެރިކަމާއި މަސްވެރިކަން ހިމެނޭ ޕްރައިމެރީ ސެކްޓާގެ 4,361 ފަރާތަކަށް 81 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
ގިނައިން އިންކަމް ސްޕޯޓް ލިބުނު ދާއިރާތައް
- އެކޮމޮޑޭޝަން އާއި އެފްއެންބީ 7,415 ފަރާތަކަށް 130 މިލިއަން
- ޓްރާންސްޕޯޓާއި ސްޓޯރޭޖު 1,905 ފަރާތަކަށް 39 މިލިއަން
- މެނުފެކްޗާ ކުރާ 4,660 ފަރާތަކަށް 80 މިލިއަން
- ދަނޑުވެރިކަމާއި މަސްވެރިކަން ކުރާ 4,262 ފަރާތަކަށް 79 މިލިއަން
އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާއަދާ ކުރާ މީހުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 5،000ރ. ގެ މަގުން 421 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މި ފައިސާގެ 52 ޕަސެންޓް ލިބިފައިވަނީ ވަޒީފާ އަދާކުރި ފަރާތް ތަކަށެވެ. އަދި 48 ޕަސެންޓް ދީފައިވަނީ އަމިއްލަ މަސައްކަތް ކުރި ފަރާތްތަކަށް އެހީވުމަށެވެ.