ކޮވިޑް-19އާ ގުޅިގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދެވަނަ ބުރަށް ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑް ބޭންކް ގުޅިގެން "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރަކަށް ފޯމު ހުށަހެޅުން އިކޮނޮމިކް މިނިސްޓްރީން ވަނީ ބުދަ ދުވަހު ހުޅުވާލާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް މިހާރު ދަނީ ބަލަމުން ނެވެ. އެހެންކަމުން ދެވަނަ ބުރުގައި އެ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ. ނަމަވެސް ފުރަތަމަ ބުރުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަނޭޅުނު ފަރާތްތަކަށް ދެވަނަ ބުރުގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ޕްރޮގްރާމްގެ ތެރެއިން ހުޅުވާލީ ޖުމްލަ 500 ފުރުސަތެވެ.
މި އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
އެހީއަށް ހުށަހެޅޭ ދާއިރާތައް
- ކާބޯތަކެތި އުފެއްދުން
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
އެހީއަށް އެދި ހުށަހަޅާ މީހަކީ މިއަހަރުގެ ޖުލައި އެއްވަނަ ދުވަހާ ހަމައަށް މަދުވެގެން ހަމަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ މީހަކަށް ވާންޖެހެ އެވެ.
އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް ފާއިތުވެދިޔަ ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ނުވަތަ ވަޒީފާއެއް އަދާކުރާނަމަ ހަފުތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރާ ފަރާތަކަށް ނުވުން ހިމެނެ އެވެ.
މި ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަ ދުވަހެވެ.