ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ގައުމެއްގެ ބޭފުޅަކު އަންގާފައިވާ ކަމަށް ފަތުރާ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގު ކޮށްފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ އިންޑިއާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްަމދު ނަޝީދުވެސް ހުންނެވީ އެ ގައުމުގައެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައެވެ.
ރައީސް ނަޝީދު އާއި މިނިސްޓަރު ޝާހިދު އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލްވުމުގައި ރައީސް ސޯލިހްވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވި ކަމަށް އަޑުފެތުރިފައިވެއެވެ.
އެ ބައްދަލްވުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް ފޮރިން މިނިސްޓްރީން މިރޭ ބުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
އަދި ޝާހިދު ބައިވެރިވަޑައިގެންނެވި ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ބޭރު ގައުމެއްގެ ބޭފުޅަކު އަންގާފައިވާ ކަމަށް ފަތުރާ ވާހަކަތަކަކީ ދޮގެއް ކަމަށް ވަނީ ބުނެފައެވެ. އެ މައުލޫމާތު ހިމެނޭ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް އަދި ޒިންމާދާރުކަމެއް ނެތި ނޫސްވެރިކަމުގެ ހަމަތަކުގެ ބޭރުން ލިޔެފައިވާ ދޮގު ހަބަރެއް ކަމަށްވެސް ބުންޏެވެ.
ފޮރިން މިނިސްޓްރީން ވަނީ ހަބަރު ފެތުރުމުގައި ވީހާވެސް ޒިންމާދާރުކަން އިސްކޮށް ރައްޔިތުންނަށް ހަގީގަތް ނޯޅޭނެހެން ތެދު މައުލޫމާތު ގެނެސް ދިނުމަށް އެދިފައެވެ.