ހަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ކުރެއްވި މި ދަތުރުފުޅުގައި ދެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރު އޮފް ފިނޭންސް އިބްރާހިމް އަމީރު އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަަސްލަމް އާއި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އަދި މިނިސްޓަރު އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އާއި ބައްދަލުކުރައްވާނެއެވެ. އަދި ރައީސް މައުމޫންގެ އަރިހަށްވެސް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.