އިންޑިއާ

އިންޑިއާގެ ފޮރިން ސެކްރެޓަރީ ފުރާވަޑައިގެންފި

ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްދުއާއެކު މަޝްވަރާކުރެއްވިއެވެ. އަދި މަސައްކަތް އަވަސް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މި ބައްދަލްވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވަނީ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ސިޔާސީ އިސް ބޭފުޅުންނާއިވެސް ބައްދަލްކުރައްވާފައެވެ. އެ ގޮތުން ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުގައްޔޫމާވެސް ބައްދަލްކުރެއްވިއެވެ.

އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރު އޮފް ފިނޭންސް އިބްރާހިމް އަމީރު އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަަސްލަމް އާއި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އަދި މިނިސްޓަރު އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން އިދިކޮޅުގެ އިސްވެރިންނާއިވެސް މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލްވުމުގައި ދެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ދެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.