ފޮރިން މިނިސްޓްރީ

އެއްބަސްވުންތަކެއް ގާއިމުކުރުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މިއީ ފޮރިން މިނިސްޓަރު މިއަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓަރު އޮފް ފިނޭންސް އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު ޖޮއިންޓް މީޓިންއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެކްސްޓާނަލް އެފެއާޒްގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019 ވަނަ އަހަރުގެ މެއި މަހު މަގާމާ ހަވާލުވި ފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ފަސް ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.