ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެ އިންޑިއާ ލޯންތައް: ޖަމީލްގެ ސުވާލުތަކެއް

ތިލަމާލެ ބުރިޖު އަޅަން އިންޑިއާ ސަރުކާރުން ބައި ބިލިއަން ޑޮލަރުގެ ލޯނު ދޭން ނިންމުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް މި ސަރުކާރުން އިއުލާނު ކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މިދިއަ ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރު ކަމުން އަރައިގަތުމަށްޓަކައި 250 މިލިއަން ޑޮލަރު ދޭން ނިންމިކަން ވެސް އެ ދުވަހު އިއުލާނު ކުރި އެވެ. ތިލަމާލެ ބުރިޖަށް ދޭ ބައި ބިލިއަން ޑޮލަރުގެ ތެރޭގައި ލޯނުގެ އިތުރުން ހިލޭ އެހީ ހިމެނޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ލޯނުގެ ބައެއްވެސް ހިމެނޭ ގޮތަށް އިންޑިއާއިން އިތުރު ބައި ބިލިއަން ޑޮލަރު ނަގަން ނިންމާފައި ވަނީ ކުރީގެ ސަރުކާރުގައި ހުޅުމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެން މި ސަރުކާރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އިން ނެގި ލޯނުގެ އަދަދު މިހާރު ދެ ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، ޖަމީލް މިއަދު ވަނީ އަލަށް ނަގާ ލޯނުތައް ދެއްކޭނެ މިންވަރުގެ އާމްދަނީއެއް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރަށް ލިބޭނެ ކަމާމެދު ސުވާލު އުފައްދަވައިފަ އެވެ.

"ލޯނު ނުދެއްކިއްޖެނަމަ މިފަހަރު ވިއްކަން ހުށަހަޅާފައި ވަނީ ކޮން ރަށްތަކެއް، ހަރުމުދަލެއްތޯ؟" ދާދި ފަހުން އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރުން ހާޒިރު ކޮށްގެން ޗައިނާއިން ނަގާފައިވާ ލޯނުތަކާމެދު ފާޅުކުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން ޖަމީލް ސުވާލު ކުރެއްވި އެވެ.

ކުރީ ސަރުކާރުގައި ހުޅުމާލެ ބުރިޖު އެޅި މަޝްރޫއުއަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން އޭރު ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރުމަށް ފަހު، ދެންވެސް މާލެ ސަރަހައްދަށް އަމާޒުކޮށް ބުރިޖު މަޝްރޫއުއެއް ކުރިއަށްގެންދާތީ އެކަމާ ގުޅިގެންވެސް ޖަމީލް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"ރައްޔިތުންގެ ވެރިކަމެއް ނަމަ ފޮރުވައިގެން ކަންތައްތައް ނިންމަނީ ކީއްވެތޯ؟ ދިވެހިންނަކީ ކޮންމެ ބައެއްގެ ވެސް އިހުސާންތެރިކަމަށް ޝުކުރުވެރިވާ ބައެއް. އެހެން ނަމަވެސް ކުރާ އެއްވެސް ކަމަކުން ގައުމުގެ މިނިވަންކަން ގެއްލި އަޅުވެތިވެގެން ނުވާނެ،" ޖަމީލް ވިދާޅުވި އެވެ.