ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖު އަޅަން އިންޑިއާއިން 500 މިލިއަން ޑޮލަރު ދެނީ

Aug 13, 2020
3

މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށްޓަކައި މި ސަރުކާރުން އިއުލާނުކޮށްފައިވާ ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން އެމެރިކާގެ ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ބްރިޖް މަޝްރޫއުއަށް އިންޑިއާއިން އެހީވާނެކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށެވެ.


ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ.

އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްރިޖްގެ މަޝްރޫއުއަށް އިންޑިއާ ސަރުކާރުން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީ ވެސް ހިމެނޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެ ކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ލޯނުގެ ބައެއްވެސް ހިމެނޭގޮތަށް އިންޑިއާއިން އިތުރު ބައި ބިލިއަން ޑޮލަރު ނަގަން ނިންމާފައިވަނީ ކުރީގެ ސަރުކާރުގައި ހުޅުމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެން މި ސަރުކާރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.