ހަބަރު

ޓޫރިޒަމް ކުރިއަރުވަން އިންޑިއާއާއެކު މަޝްވަރާކޮށްފި

Nov 9, 2020
1

ގިނަ ދާއިރާތަކުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާއެކު ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޝްރިންގްލާ މިއަދު ވަނީ ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ބަދަހިގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި އެވެ.

މިގޮތުން، ސަރަހައްދީ ވިޔަފާރި ކުރިއެރުވުމާއި، އިގުތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، އަދި ކޮވިޑް-19 އާ ކުރިމަތިލުމުގައި އެއްބާރުލުން އިތުރުކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރުމަށް "އެއާ ބަބްލް" އެއް ޤާއިމުކޮށްދީފައިވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެން އުޅުއްވަނީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް، ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.

މިގޮތުން، މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު އާ މިއަދު ބައްދަލުކުރައްވާފައިވާއިރު، ބައެއް ވަޒީރުންނާވެސް ޝްރިންގްލާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިމިވަނީ، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، ގިނަ މަޝްރޫއުތަކަށް އިންޑިއާ އިން އެހީ ފޯރުކޮށްދެމުންދާ ދަނޑިވަޅެއްގައި އެވެ.