ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ ލޯނާ ގުޅޭ ވާހަކަ ސަފީރު ދޮގުކުރައްވައިފި

ކުރިއަށް އޮތް 14 ދުވަސްތެރޭ ޗައިނާގެ ބެންކުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ދޮގު ކުރައްވައިފި އެވެ.

ޗައިނާއާ ގުޅުވައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް އެކި ވާހަކަތައް ދައްކަވަމުންނެވެ. އެ ހުރިހާ ވާހަކަތަކެއް އާންމުކޮށް ސަފީރު ދޮގު ކުރައްވައެވެ.

މިއަދު ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަސްތެރޭ ޗައިނާގެ ބެންކުތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް 15 މިލިއަން ޑޮލަރު ދައްކަން ޖެހޭޭ ކަމަށެވެ. އަދި މިއީ މި މުއްދަތުގައި ރާއްޖެއަށް ލިބޭނެ އާމްދަނީ 50 އިންސައްތަ ފައިސާ ކަމަށެވެ. ނަޝީދު ވަނީ ކޮވިޑް-19 ގެ މި ހާލަތަށްފަހު ރާއްޖޭގެ އިގްތިސާދަށްވެސް ނޭވާލާން ފުރުސަތު ބޭނުންވާ ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދީ ސަފީރު ވިދާޅުވީ ނަޝީދު ހެއްދެވީ ދޮގެއް ކަމަށެވެ. ބެންކުންތަކުން ހޯއްދެވި މައުލޫމާތުތަކުން ނަޝީދު ދައްކަވަަނީ ސައްހަ ވާހަކަތަކެއް ނޫންކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޗައިނާއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމެވެ. ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައްވެސް ހިންގާފައިވަނީވެސް ޗައިނާގެ އެހީތެރިކަމުގައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފައެވެ.

ދެ ގައުމުގެ ގުުޅުން އެންމެ ބޮޑަށް ގޯސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވަމުންނެވެ. ނަޝީދުގެ ވާހަކަތަކަކީ މި ސަރުކާރުގެ ވިސްނުން ނޫން ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ވާހަކަދައްކަން ސަރުކާރުން ފަސްޖެހެއެވެ.