ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޔީ ފުރާވަޑައިގެންފި

Jan 8, 2022

ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ފުރާ ވަޑައިގެންފި އެވެ.

ޔީގެ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ޗައިނާއާއި ރާއްޖެއާ ދެމެދު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެންމެ މުހިއްމު އެއްބަސްވުމަކީ ޗައިނާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ދޫކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޝިން އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ އެވެ. މި އެއްބަސްވުމާ އެކު ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ހަމަޖެހޭނެ އެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޮވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.

ދެވަނަ އެއްބަސްވުމެއްގައި ސޮއި ކުރީ އިގްތިސާދީ އަދި ފަންނީ ދާއިރާ އިން ރާއްޖެއަށް ހިލޭ އެހީ ދިނުމަށެވެ. މި އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަލީލް އެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗެއާމަން އޮފް ދަ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ ޖޯން މާވިއު އެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 62.8 މިލިއަން ޑޮލަރު -- 968.19 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭނެ އެވެ. މި އެހީ އަކީ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދޭ އެހީ އެވެ.

ތިންވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއި ކުރީ ޗައިނާގެ އެހީތެރިކަމާ އެކު ހަދާފައިވާ ސިނަމާލެ ބްރިޖު ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޖޯން މާވިއު އެވެ. ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު ދެ އަހަރުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާ އެކު ކުރިން ވެވުނު އެއްބަސްވުމުގައި ޝަރުތުކޮށްފައިވެ އެވެ. އާ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެ އެވެ. ނަމަވެސް މިފަހަރު އެއްބަސްވުން ހެދީ ކިހާ މުއްދަތަކަށް ކަމެއް ފޮރިން މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

މިރަސްމިއްޔާތުގައި ސޮއި ކުރެވުނު ހަތަރުވަނަ އެއްބަސްވުމަކީ ރައްކާތެރި ގޮތުގައި ފެން ފޯރުކޮށްދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރެވެ. މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ 199 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަސްވަނަ އެއްބަސްވުމަކަށް ސޮއި ކޮށްފައިވަނީ ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާއި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގަ އެވެ. މިއެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރެވެ.

މި އެއްބަސްވުމުގެ ދަށުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ހާއްސަ ކްލިނިކެއް / ކޭމްޕެއް ޗައިނާއިން ރާއްޖޭގައި ހިންގާނެ އެެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރެވުނު 2019 ވަނަ އަހަރު އެވެ. އޭރު ސޮއި ކުރެވުނު ދެ އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާ އިން ވަނީ ލޮލުގެ ފަރުވާދޭ ހާއްސަ ކޭމްޕެއް ހިންގާފަ އެވެ. ސިއްހީ ދާއިރާ އިން މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ކުރީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މިރަސްމިއްޔާތުގައި ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މިއަހަރަށް 50 އަހަރު ފުރޭތީ ރަންޔޫބީލް ލޯގޯ ވެސް ތައާރަފްކޮށްފަ އެވެ. ލޯގޯ ތައާރަފްކޮށްދެއްވާ ރަންޔޫބީލްގެ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދެ ގައުމުގެ ހާރިޖީ ވަޒީރުންނެވެ.