އަބްދުﷲ ޝާހިދު

ޝާހިދު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ

Dec 30, 2021
1
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާނެ ---
50%
0%
50%

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ. ފޮރިން މިނިސްޓްރީން މިރޭ ބުނީ މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަންނަވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާއި ގުޅިގެން ކަމަށެވެ.

ނަމަވެސް ޝާހިދު ރާއްޖެ ވަޑައިގަންނަވާ ވަކި ތާރީހެއް އަދި ޔަގީންކޮށްދީފައެއް ނުވެއެވެ. އެ މިނިސްޓްރީން އަންނަ ހަފްތާގެ ތެރޭގައި ޝާހިދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ވަންގް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ނޮވެމްބަރު މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތުމަށް ދެއްވެވި ދައުވަތު ގަބޫލުފުޅު ކުރެއްވުމަށްފަހު އެވެ.

ޝާހިދު މިދިޔަ މަހުގެ 25 ވަނަ ދުވަހު ޗައިނާ އަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްޓަކައި ހާއްސަ ވަފްދަކާ އެކު އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ އަންނަ އަހަރަށް 50 އަހަރު ފުރޭތީ އެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވެސް ވަންގް ޔީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއީ އދ ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 6 އިން 9 އަށް ޝާހިދު ވަނީ އދގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އޭގެފަހުން ޝާހިދު ހުންނަވަނީ އދ.ގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.

ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ.ގެ ރައީސް ކަން ކުރެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

ނަބާހާ އާއި ނަބީހާ އަށް ދުނިޔޭގެ ބެޑްމިންޓަން މުބާރާތުގައި ބައިވެރި ނުވެވުނީ ވިސާ ހަމަ ނުޖެހުމުގެ ސަބަބުންނެވެ. ހިތަށް އަރާ އެއްޗަކީ ރާއްޖޭގައި ފޮރިން މިނިސްޓަރަކު ހުރިނަމަ މިފަދަ ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބިދާނެބާއެވެ؟ ވެރިޔަކު ނެތް އޮފީހެއް ހުރުމަކީ ބުއްދި ޤަބޫލް ކުރެވޭނެ ކަމެއް ނޫނެވެ. ލަންކާ އަށް ސްޓޫޑަންޓް ވިސާ ހޯދަން ދިވެހި ކުދިން ފްލައިޓް ޓިކެޓް ގަނެގެން ދެބުރަށް ލަންކާ އަށް ދާންޖެހެޔެވެ. މިއީ ކުރިން އޮންނަ ގޮތެއް ނޫނެވެ. ފޮރިން މިނިސްޓަރެއް ނެތި މިފަދަ މައްސަލަ ތަކުގައި ވާހަކަ ދައްކާއިރު ހައިބަތެއް ނޯންނާނެއެވެ. ރަޝިޔާއަށް އޮން އެރައިވަލް ވިސާ ލިބެއެވެ. ނަމަވެސް ޔުކްރެއިން އަށް އޮންއެރައިވަލް ވިސާއެއް ނުލިބެއެވެ. މިފަދަ މައްސަލަތައް ޙައްލުކުރުމަށް، އެއް އަހަރު ކޮށްފައި ޝާހިދު އަންނަންދެން، "ދޫ ބޯލަ ބޯލާ" ތިބެންވީއެވެ. އިބޫއާއި އޭނާގެ އަންހެނުންނަށާއި އޭނާގެ ޢާއިލާއަށް ލަންކާ ވިސާ، ޝާހިދު ނެތަސް ފަސޭހައިން ލިބޭނެއެވެ. އިބޫއަކީ ޝެލްފިޝް (އަމިއްލަ އެދުން ކުރިއަށް ނެރޭ) މީހެކެވެ!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345