ހަބަރު

ޗައިނާއާއެކު އިތުރު މަޝްރޫއުތައް ހިންގަން ރާއްޖެ ތައްޔާރު

Jul 27, 2020
9

ޗައިނާއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި މި ސަރުކާރުން ވެސް ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.

ޗައިނާގެ "ޒިންހުއާ" ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ "ޗައިނާ އަކީ އަބަދުވެސް އަދި ކުރިއަށް ތަނުގައި ވެސް، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ މުހިއްމު ބައިވެރިއެއް" ކަމަށެވެ.

ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހިދުގެ އެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ޗައިނާއިން ލޯނުތައް ނަގައިގެން، ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމުގެ ތުހުމަތުތައް، އިންޑިއާ އާ ގަތް ގުޅުމެއް އޮންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ތަކުރާރުކޮށް އަމާޒު ކުރައްވަމުން ގެންދެވި ނަމަވެސް، ޝާހިދު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ޗައިނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ސިނަމާލެ ބުރިޖަކީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝާހިދު ވިދާޅުވީ، އިޖުތިމާއީ ބޯހިޔާވަހިކަން ފަދަ ރާއްޖެއަށް ނުހަނު ބޭނުން ވެފައިވާ މަޝްރޫއުތަކަށް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަނީ، ޗައިނާ އާއެކު ގުޅިގެން މިހާރު ހުރި މަޝްރޫއުތައް ނިންމައި، އަދި މުސްތަގުބަލުގައި ވެސް އިތުރު މަޝްރޫއުތައް ކުރިއަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާއަކީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއާ އެންމެ ގުޅުން ބޮޑު ގައުމެވެ. ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވަނީ ވެސް ޗައިނާގެ އެހީތެރިކަމުގަ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައި ވެއެވެ.

ދެ ގައުމުގެ ގުުޅުން އެންމެ ބޮޑަށް ގޯސްވެފައި ވަނީ ނަޝީދު، ޗައިނާއާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެމަނިކުފާނު ގެންދަވަނީ ތަކުރާރުކޮށް ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ދައްކަވަމުންނެވެ.

ރާއްޖޭގެ 12 ރަށެއް ޗައިނާއެކި ވިޔަފާރި ކުންފުނިތަކަށް ކުރީ ސަރުކާރުން ވިއްކާލާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ދާދި ފަހުން ވަނީ ރައްދު ދެއްވާފަ އެވެ.

އަދި ރައީސް ނަޝީދު މިފަދަ ވާހަކަތައް ދައްކަވަމުން ގެންދަވާތީ ކޮންމެ ފަަހަރަކު ވެސް ސަފީރު ގެންދަވަނީ އެކަން ރައީސް ސޯލިހާއި ފޮރިން މިނިސްޓަރުގެ ސަަމާލު ކަމަށް ގެންނަވަމުންނެވެ. ނަމަވެސް ރައީސް ނަޝީދު އެކި ފަހަރު މަތިން ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.