ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ތިން މިނިސްޓަރަކު ޗަައިނާއަށް ވަޑައިގެންފި

ރަސްމީ ދަތުރެއްގައި ތިން މިނިސްޓަރުން ޗައިނާއަށް ވަޑައިގެންފި އެވެ.

ޗައިނާއަށް ވަޑައިގެންނެވި މިނިސްޓަރުންނަކީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް މިނިސްޓަރުން ކުރައްވާ މިދަތުރުފުޅު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިނިސްޓަރުންގެ މިދަތުރުގައި ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އިގުތިސާދު ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޗައިނާގެ ކުންފުނިތަކާ ބައްދަލުކުރައްވާނެ އެވެ.

މީގެކުރިން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲހަލީލާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދުޝަހީމް އަލީސައީދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ޗައިނާއަށް ވަޑައިގެންފަ އެވެ.