ޑރ. އަބްދުﷲ މުއްތަލިބް

އައްޑޫގެ ބްރިޖަށް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅައިފި

އައްޑޫސިޓީގެ ހުޅުމީދޫ އާޢި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއަށް ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމްއަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މަޝްރޫއަށް ޗައިނާގެ ބައެއް ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ޕްރޮޕޯސަލް އެއް ލިބިފައިވާކަން ފާހަގަކުރައްވާ މުއްތަލިބް ވިދާޅުވީ އެ ހުށަހެޅުން ދިރާސާކުރަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު އެންމެ އިސްކަމެއްދީފައިވަނީ ބްރިޖުގެ ޑިޒައިނާއި ފީސިބިލިޓީ ސްޓަޑީ ހެދުމަށެވެ.

އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަކަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.

ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ގދ. ތިނަދޫ-ކާޑެއްދޫ ގުޅާލުމުގެ މަޝްރޫއަށްވެސް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލާފަ އެވެ.