ތިލަމާލެ ބްރިޖް

ބްރިޖް އިވެންޓަށް ރައީސް ވަޑައިނުގަންނަވާނެ

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު، ތިލަމާލެ ބްރިޖްގެ މަސައްކަތް އިންޑިއާ ކުންފުންޏަކާ ހަވާލު ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ މި މަޝްރޫއު ހަވާލު ކުރަން ނިންމާފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރަން ބާއްވާ ރަސްމިއްޔާތު މާދަމާ ބާއްވަނީ ހޮޓެލް ޖެންގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު އަވަސް އަށް ވިދާޅުވީ މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ތިލަމާލެ ބްރިޖަކީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލޯނުން ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަށް ފަންޑުކުރަނީ އިންޑިއާ ސަރުކާރުންނެވެ.

ގުޅީފަޅުގައި އަޅާ ބައިނަލްއަގްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލެވުމުން މި މިޝްރޫއު ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ މައި އިންޖީނަށް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ކޯސްވޭ އަކުން ދެ ރަށެއް ގުޅާލުމާއި އެކު، ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެ އެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓް އަދި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއާޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލީމީޓަރުގެ މަގު ހިމެނެ އެވެ.

މާލެ އަދި ވިލިމާލެއާއި ދެމެދު ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ވެސް ހަރުކުރާނެ އެވެ. ގުޅީފަޅު އަދި ތިލަފުށި ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނާއި، ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަނެވެ.

މި މަޝްރޫއު ހަވާލުކުރާނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ސަރުކާރާއި ހަވާލުކުރާ ގޮތަށެވެ.