ހަނިމާދޫ

އެއާޕޯޓަށް ހަނިމާދޫން 853،000 އަކަފޫޓްގެ ބިމެއް ނަގަނީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން އެ ރަަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ. އެ ނިންމުމާ ދެކޮޅަށް ރަށުގެ ޒުވާނުން ތެދުވެ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ އެ ނިންމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ދެ ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް ވަނީ އަންގާފަ އެވެ. ފުރަތަމަ އެ އެންގުން އައީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. އެ ދުވަހު ޕްލޭނިން މިނިސްޓްރީން ހަނިމާދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ހުށައަޅާ ކަމަށެވެ.

އަދި އެއާޕޯޓަށް އިތުރު ކުރާ ބިމުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނޯދާން އޭރިއާގެ ހެޑްކުއާޑާސް ގާއިމު ކުރަން ބޭނުންވާ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން ލޭންޑް ޔޫސް ޕްލޭންއާއެކު ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދޭން އެދޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އެސިސްޓެންޑް ޑިރެކްޓަރު ނިހާޒާ އަނީސް ސޮއި ކުރައްވާ ފޮނުއްވި މި ސިޓީގައި އެއާޕޯޓް އެކްސްޓެންޝަނަށް ޒޯން ކޮށްފައިވާ ބިމުގެ ތެރެއަށް ހަނިމާދޫގެ ޕިކުނިކް ސަރަހަައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިން ހިމެނޭތީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަ ކުރުމަށް ފަހު ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ވެސް އަންގާފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން މި ސިޓީ ފޮނުވީ ކައުންސިލްގެ ދައުރު ހަމަވެ އާ ދައުރެއް ފަށަން ތައްޔާރުވެފައި ވަނިކޮށް ކަަމަށްވާތީ އެ ކައުންސިލުން ވަނީ ގޮތެއް ނިންމަން އުޒުރުވެރިވާ ކަމަށް އަންގާ އެ ހުއްދަ ދޭން ދެކޮޅު ހަދާފަ އެވެ. އަދި އާ ކަައުންސިލަރުން ހުވާކޮށް ދައުރު ފެށުމުން އަލުން ވަނީ ކަައުންސިލަށް ސިޓީ ފޮނުވާފަ އެވެ.

ހަނިމާދޫން އަށްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް އެއާޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި އެއާޕޯޓް ބިމަށް އިތުރު ކުރަން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އެ ރަށުގެ ޖަމިއްޔާތަކާއި ކުލަބުތަކުން ވަނީ ތެދުވެފަ އެވެ. އަދި ޒުވާނުން ވަނީ އެކަން އެގޮތަށް ނުކުރުމަށް ކައުންސިލްގައި އެދިފަ އެވެ.

އަވަސްއާ ވާހަކަ ދެއްކި އެ ރަށުގެ ބައެއް ޒުވާނުން ބުނީ ރަށުގައި އޮތް ދެ ޖަމިއްޔާ އާއި ކުލަބުގެ އިސްވެރިން ކައުންސިލަރުންނާއި ބައްދަލުކޮށް އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވާ ކަމަށެވެ. އަދި ރަށުގެ ބިމުން އެވަރުގެ ބޮޑު ބައެއް އެއާޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި އެއާޕޯޓްގެ ބިމަށް އިތުރު ކުރަން ނިންމާއިރު އެ ބިމުގައި ކުރާނެ ކަމެއް ސަރުކާރަށް މިހާތަނަށް ވެސް ބުނެދެވިފައި ނުވުމަކީ އެކަމުގައި އަޑި ނޭނގޭ އެހެން ކަންތައްތަކެއް އޮތް ކަމެއްކަން ކައުންސިލްގެ ސަމާލު ކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

"މި ނަގަނީ ރަށުގެ އެންމެ މުހިންމު ސަރަހައްދުން މިވަރުގެ ބޮޑު ބިމެއް. މި ބިން ނަގާއިރު މިއީ އެއާޕޯޓްގެ ތަރައްގީއަށޭ ބުނާއިރު އެވަރުގެ ބޮޑު ބިމެއްގައި ކުރަން އުޅޭ ކަމެއްވެސް ބުނަންވާނެ ނޫންތޯ. އެކަމެއް ސާފުކޮށެއް ނުދޭ. އަޅުގަނޑުމެން ވެސް އެއާޕޯޓް ތަރައްގީ ކުރަން ބޭނުން. ނަމަވެސް މިހާރު ވެސް އެކަމަށް އެކަށީގެންވާ ބޮޑު ބިމެއް އެބައޮތް. އެހެންވީމަ މި ކުރަން އުޅެނީ އެހެން ކަމެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

ހަނިމާދޫން ގޯތި ދޫ ނުކުރާތާ 10 އަހަރު ވެފައިވާއިރު އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ނަގާ ބިމުން އެކަނި ވެސް 2،500 އަކަފޫޓްގެ 341 ގޯތި ދެވޭނެ އެވެ. ރަށުގެ ޒުވާނުން ވަނީ މިވަރުގެ ބޮޑު ބިމެއް އެ ގޮތަށް ދޫކޮށްލަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

ރައީސަށް ސިޓީއެއް، ރަށުގައި މުޒާހަރާ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ހަނިމާދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކަމާ ދެކޮޅު ހަދާކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ސިޓީއެއް ފޮނުވަން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޒުވާނުން އިސްނަގައިގެން އެ ރަށުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. 

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ނަގަން ހަމަޖެހިފައިވާ ބިމުގެ ތެރޭގައި މިހާރު ވެސް އެ ރަށުގެ ރައްޔިތުން ހިތްފަސޭހަ ކޮށްލަން އޮތް ހަމައެކަނި ސަރަހައްދު ވެސް ހިމެނެއެވެ. ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން ހަދާފައިވާ ބާބެކިއު އޭރިއާ އާއި މުޅި ބީޗު ވެސް އެ ބިން ދީފިނަމަ ގެއްލިގެންދާނެ އެވެ.

"ދެން މި ބުނަނީ އޭގެ ބަދަލުގައި އެހެން ސަރަހައްދެއް ކަނޑައަޅާށޭ. ދެން ނެތޭ އިނގޭތޯ ސަރަހައްދެއް، އެކަން ސަރުކާރަށްވެސް އެނގޭނެ. އެހެންވީމަ ރައްޔިތުންގެ ދެކޮޅު ހެދުން އޮތް މިންވަރު ރައީސަށް ސާފުކޮށްދޭން މިހާރު މިވަނީ ސިޓީއެއް ލިޔަން ފަށާފައި. އަދި އެކަމާއި ދެކޮޅަށް ޒުވާނުން ވަރުގަދަ މުޒާހަރާއަކަށް ވެސް މި ދަނީ ތައްޔާރުވަަމުން،" ހަރަކާތް ރޭވުމުގައި އިސްކޮށް ހުރި ޒުވާނަކު ބުންޏެވެ.

ބިން ނަގަނީ އިންޑިއާ ސިފައިންގެ ބޭނުމަކަށް؟

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ރަށުގެ ބައެއް މީހުން ތަފާތު ނަޒަރަކުން ދެކެއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އިންޑިއާގެ ނުފޫޒު ގަދަކޮށް އިންޑިއާއިން ބޭނުންވާ ކަންތައްތަކެއް ކުރުމަށް ރޭވިގެން ނަގާ ބިމެކެވެ.

މިހާރުވެސް ހަނިމާދޫގައި އިންޑިއާ ސިފައިންގެ 25 މީހަކު އުޅެއެވެ. އެ މީހުންގެ ތެރެެއިން ގިނަ މީހުންގެ އާއިލާ ވެސް މިހާރު އެ ރަށަށް ދިރިއުޅުން ބަދަލު ކޮށްފައި ވެއެވެ.

ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުން އެއާޕޯޓަށް ނަގަން ނިންމާފައިވާ ބިމުގެ މަސައްކަތުގައިވެސް އިންޑިއާ ސިފައިން ހަރަކާތްތެރި ވެއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބިން ވަކިކޮށް ފޫޓް އަޅަން ވެސް އިންޑިއާ ސިފައިން އުޅޭ މަންޒަރު. އަނެއްކާ އެ ބިން ނަގަން ނިންމުމުގެ ކުރިން އިންޑިއާ ސިފައިން ގެންދިޔައީ އެ ބިމުގެ ސަރަހައްދު ކަނޑައެޅުމަށް ބަލަންޖެހޭ ކަންކަން ބަލަމުން. ސުވާލަކީ އެއާޕޯޓް އިންޑިއާގެ ހަރަދުގައި ތަަރައްގީ ކުރިނަމަވެސް އެކަމުގައި އިންޑިއާ ސިފައިންގެ ދައުރެއް އޮންނަން ޖެހޭތޯ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސުވާލު އުފައްދާ ޝައްކުު ކުރަން ސަރުކާރުން ކުރަން މި އުޅޭ ކަމަކާމެދު،"

ހަނިމާދޫ ކައުންސިލްގައި ހިމެނެނީ އެމްޑީޕީގެ ހަތަރު ކައުންސިލަރުންނާއި ޖުމްހޫރީ ޕާޓީގެ ކައުންސިލަރެކެވެ. ކުރީ ކައުންސިލާއި ހިލާފަށް މިހާރު އޮތް ކައުންސިލުން ގެންދަނީ ރަށުގެ ބިމުން ސަރުކާރުން އެދޭ މިންވަރަކަށް ބިން ދޫކުރަން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތް ވެސް ކުރަމުންނެވެ.

"ކައުންސިލަރުން ފުރަަތަމަ މަސައްކަތްކުރީ ރައްޔިތުންގެ ހިޔާލު ހޯދަން ބައްދަލުވުމަކަށް ދާން. ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން އެޗްޕީއޭގެ ހުއްދަ ނުލިބުމުން ބައްދަލްވުން ނުބޭއްވުނީ. މިހާރު އެކުރާ ކަމަކީ ވަކިވަކި މީހުންނާއި ބައްދަލުކޮށް އެ ކަމަށް ރުހުން ހޯދުން. ކައުންސިލަރުން ނިކުމެ މި ބުނަނީ ބިން ނުދީނަމަ އެއާޕޯޓް ތަރައްގީއެއް ނުވާނޭ. އެއީ ވަރަށް ބޮޑު އޮޅުވާލުމެއް. އަޅުގަނޑުމެން ރައްޔިތުންނަށް އެ އޮޅުވާލުން އޮޅުވާލަަން އެމްޑީޕީގެ ކައުންސިލަރުންނަށް ފުުރުސަތެއް ނުދޭނަން،" 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަ އެވެ.

ޑީޕީއާރް މަސައްކަތްތަކަށް ހަރަދު ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރި ކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރްގެ މަސައްކަތްތައް ބަލައިގެންފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެ ބަނދަރު ތަރައްގީ ކުރުމަށް އަންނަ ޖުލައި މަހުގެ ތެރޭގައި ބަޔަކު ކަނޑައަޅައި ކޮންޓްރެކްޓް ހަވާލުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.