ތިލަމާލެ ބްރިޖް

ދެ ހަފުތާވެއްޖެ؛ ބްރިޖް އަޅާ ކުންފުންޏެއް ކަނޑައެއް ނޭޅުނު

މާލޭ ސަރަހައްދު ގުޅައިލުމުގެ ޕްރޮޖެކްޓްގެ ތެރެއިން މާލެ-ތިލަފުށި ލިންކް (އެމްޓީއެލް) ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫ ހަވާލު ކުރާނެ ކުންފުންޏެއް ކަނޑައަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ތާރީހު ފަހަނައަޅައިި ހިނގައްޖެ އެވެ. މުއްދަތު ހަމަވިއިރުވެސް ބްރިޖް އަޅާނެ ކުންފުންޏެއް ހަމަޖައްސާ އެކަން އިއުލާނުކޮށްފައެއް ނުވެއެވެ.

ޖޫން 8 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ޓެންޑާ ނިމި އިވެލުއޭޝަން މަސައްކަތްވެސް އޮތީ ނިމުމާ ގާތުގައި ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ބްރިޖްގެ އަމަލީ މަަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަށް މި އުންމީދު ކުރެވެނީ ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ބްރިޖް އިވެލިއުޓޭކޮށް ނިންމާ ވަކި ބަޔަކަށް ހަވާލު ކުރެވޭނެ ކަމަށް. އެހެންވީމަ މި މަސް ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ވަކި ބަޔަކާ ހަވާލު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާގެ ދިއްލީ އާއި މުންބާއީ ލޮކްޑައުންއެއްގައި އޮތުމުން އެގްޒިމް ބެންކުގެ ބައްދަލްވުންތައް ބޭއްވުމަށްވެސް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވި ދެ ހަފްތާގެ މުއްދަތު ހަމަވެ ތިންވަނަ ހަފްތާއެއް ވަނީ ފެށިފައެވެ. ބްރިޖާ ގުޅޭ އިތުރު ތަފްސީލެއް ނުލިބިއެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ އޮތް 400 މިލިއަން ޑޮލަރަކީ ލޯނެވެ.

ދާދި ފަހުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަޔަކު ކަނޑައެޅުމަށް ފަހު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ 2023 ގެ މެދާ ހިސާބަށް ދާންވާއިރަށް އަޅުގަނޑުމެންނަށް ގުޅިފަޅާ ހިސާބަށް ކަނެކްޓިވިޓީ އިންނާނީ ލިބިފައި ކަމަށް،" އަސްލަމް ވިދާޅުވި އެވެ.