ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖް އަޅަން އިންޑިއާގެ ކުންފުންޏަކަށް

Mar 5, 2020
19

މާލެ އާއި ތިލަފުށި ގުޅާލައި ބްރިޖް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ނިންމައިފި އެވެ. މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ހިންގަން ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގަ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއު ހިންގާ ކުންފުނިތަކުގެ މެދުގައި ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ކުރިޔަށް ދާނެ ކަމަށާއި ޖުލައި މަހު ޓެންޑާ ކުރުމަަށް ފަހު އެ ބްރިޖު އަޅާނީ އިންޑިއާ ސަރުކާރު އެހީގައި ކަމަށެވެ. އަދި އެހެން ގައުމެއްގެ އެހީގައި އެކަން ކުރަން މަޝްވަރާއެއް ނުުރާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އިންޑިޔާއާއެކު މަޝްވަރާތައް ކުރިޔަށް އެބަދޭ, އަގެއް ފައިނަލްއެއް ނުވޭ. އިންޑިޔާ ސަރުކާރު ނޫން އެހެން ބަޔަކާ މަޝްވަރާއެއް ނުކުރަން،" އަކްރަމް ވިދާޅުވި އެވެ. "ބޭރު ސަރުކާރުތަކުން ދޭ ލޯނުތަކުގެ އުސޫލަކީ އެ ސަރުކާރުގެ ކުންފުނިތައް ބައިވެރިކުރަން ޖެހޭ އެއީ ހަމަޖެހިފައި އޮންނަ އުސޫލަކީ އެގޮތުން ޝޯޓް ލިސްޓުކޮށް ޓެންޑާ ކުރާނީ ވެސް އެ ސަރުކާރުން،"

ސަރުކާރުން މިއަދު ވަނީ ތިލަމާލެ ބްރިޖާ ގުޅޭ ސާވޭތަކެއް ހަދަން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ޖުލައި މަހަށް ނިމޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މި އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތްތައް ފެންނަން ފަށާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.