ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދީ ސަރުކާރުން ކަނޑައެޅި ބިން ކުޑަކުރުމަށް ފަހު ޓްރާންސިޓް ހޮޓެލް ނާޅާ ގޮތަށް ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅު ވެއްޖެ އެވެ.
ހަނިމާދޫއަށް އީދު ބަންދުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ޕްރޮޖެކްޓާމެދު އޮތް ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވި ކަމަށް އިއުލާނު ކުރެއްވި އެވެ. އެކަން އިއުލާނު ކުރެއްވީ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. ނަމަވެސް ސަރުކާރުން އެކަމާ ގުޅޭ ތަފްސީލެއް ހާމަ ކޮށްފައެއް ނުވެ އެވެ.
އެކަމަށް ހައްލު ހޯދީ ކޮންގޮތަކަށްތޯ އަވަސް އިން ސުވާލު ކުރުމުން ސައްތާރު އިއްޔެ ވިދާޅުވީ ހައްލު ހޯދާފައި ވަނީ ސަރުކާރުން ހުށަހެޅި ބިން 420,316 އަކަފޫޓަށް ކުޑަކޮށްގެން ކަމަށެވެ.
ސަރުކާރުން ކުރިން ކަނޑައަޅާފައި ވަނީ 853،937 އަކަފޫޓްގެ ބިމެކެވެ. އެއީ ޓްރާންސިޓް ހޮޓަލަކާއި، އެމްއެންޑީއެފް ނޮދާން އޭރިއާއަށް ބަޔަކާއި އަދި ރަންވޭގެ ދުރު މުސްތަގްބަލުގެ ޕްލޭނަށް ބޭނުންވާ ބަޔަށެވެ.
ސައްތާރު ވިދާޅުވީ ކުރިން ކަނޑައެޅި ބިމުގެ ސަރަަހައްދަކީ ބީޗަށްވާ ސަރަހައްދެއް ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ކަންބުޑުވީ އެހެންވެ އެވެ.
"މިހާރު މިހޯދި ހައްލަކީ ޓްރާންސިޓް ހޮޓާ ނާޅަން ނިންމީ. ދެން އެ ބިމުގެ ލޮކޭޝަން އެހެން ތަނަކަށް ބަދަލުކޮށްފަ ހަމައެކަނި އަޅާނީ އެމްއެންޑީއެފަށް ބޭނުންވާ ތަން. އެކަމާ ގުޅޭ ގޮތުން ކުރިން ވެސް ވާހަކަތަކެއް ދެކެވުނު އެކަމަކު ރައީސްއަށް ކައުންސިލުންނާއި ރައްޔިތުންވެސް އެގޮތަށް ދެންނެވީ،" ސައްތާރު ވިދާޅުވި އެވެ.
ސައްތާރު އިތުރަށް ވިދާޅުވީ އެ ޕްރޮޖެކްޓުން ބަދަލު ގެނައީ ހަމައެކަނި އެބަޔަށް ކަމަށެވެ. ދެން ހުރި އެއްވެސް ކަމަކަށް ބަދަލު ނާންނަ ކަމަށާއި ރަންވޭގެ މަސައްކަތް ވެސް މިހާރުގެ ޕްލޭނާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ. ޕްލޭންގައިވާ ގޮތުންނަމަ ފުރަތަމަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރާނީ 2400 މީޓަރަށެވެ.
ސައްތާރު އިތުރަށް ވިދާޅުވީ މިގޮތަށް ފައިނަލްކޮށް ވާހަކަ ދެކެވިފައިވީ ނަމަވެސް ފައިނަލް ބަހެއް ވިދާޅުވާން އެނގޭނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ނިމުމުން ކަމަށެވެ. އެއާޕޯޓު ސަރަހައްދުން ކައުންސިލަށް ވެސް ބިންތަކެއް ލިބޭނެ ކަމަށާއި ފައިނަލް ވުމުން އެކަން ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
ސައްތާރު މީގެ ކުރިން ވިދާޅުވެފައި ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތަށް އެއާޕޯޓު ތަރައްގީ ކުރުމުން އިގްތިސޯދީ ގޮތުން އެ ސަރަހައްދަށް ވަރަށް ބޮޑެތި ކުރިއެރުން އަންނާނެ ކަމަށާއި ނަމަވެސް އެކަމަށް ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.
އެ ޕްލޭނާ ދޭތެރޭ ކައުންސިލާއި ސަރުކާރާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތެވެ. ގޮތެއް ނިންމާފައި މިވަނީ އެޕްލޭނާ މެދު ވަރަށް ގިނަ މަޝްވަރާތަކެއް ސަރުކާރާ ކުރުމަށްފަހު އެންމެ ފަހުން ރައީސް ސޯލިހާއި ބައްދަލުކުރުމަށް ފަހު އެވެ.