ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް ރައްޔިތުން ތެދުވުމުން އެއާޕޯޓްގެ ތަރައްގީ ހުއްޓިދާނެ ކަމުގެ އިޝާރާތެެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ދެއްވައިފި އެވެ.
ފައްޔަ މިހެން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ފައްޔަ ވަނީ ހަނިމާދޫ އެއާޕޯޓްގެ ތަރައްގީ އާއި އެ ރަށުން ނަގަން ނިންމާފައިވާ ބިމާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓްތަކުގެ ތެރެއިން ރަސްމީ ތިން އެއާޕޯޓްގެ ތެރޭގައި ހަނިމާދޫ ހިމަނާ އެއާޕޯޓް ތަރައްގީ ކުރުން ކަމަށެވެ. އެ މަސައްކަތަށް އިތުރު ބިން ބޭނުންވާ ކަމަށާ މިހާރު ނަގަން ނިންމާފައިވާ 853،937 އަކަފޫޓްގެ ބިމަކީ އެއާޕޯޓްގެ ތަރައްގީއަށް ވަރަށް މުހިންމު ބިމެއް ކަމަށެވެ.
އެ ބިން ރައްޔިތުންނަށް ގެވަޅުގެ ގޮތުގައި ދޫކޮށްފިނަމަ އެއާޕޯޓް ތަރައްގީކުރަަން ޖެހޭ ވަގުތު އެކަން ނުކުރެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"އެ ވިދާޅުވާ 850،000 އަކަފޫޓަކީ، އޭގެ ތެރެއިން އެއް ބަޔަކީ އެއާޕޯޓްގެ އެކްސްޓެންޝަނަށް ބާއްވާފައި އޮތް ބައެއް. އަނެއް ބަޔަކީ އެނގިވަޑައިގަންނަވާނެ އެމްއެންޑީއެފްގެ ނޮދަން ކޮމާންޑް ސެންޓަރު މިހާރު މާފިލާފުށީގައި އެ ބޭފުޅުން އެ ކުރައްވާ ކަންތައްތައް އެ ބޭފުޅުން އެއްކޮށް ހަނިމާދޫއަށް ބަދަލު ކުުރުމުގެ ވިސްނުން ހުރީ. އެހެންވީމަ މުޅި އޮޕަރޭޝަން ހަނިމާދޫއަށް ބަދަލުވެގެން ދާއިރުގައި އެތަނުން ބޭނުންވާ ބިން ގޮތުގައި އެ ބޭފުޅުން ބޭނުންވީ އަދަދަށްވުރެ ކުޑަކޮށް ހަތަރުލައްކަ ކޮންމެ ވެސް ވަރެއްގެ މިދެނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްއެންޑީއެފްގެ ނޮދަން ރީޖަނަލް ކޮމާންޑް ހަނިމާދޫއަށް ބަދަލު ކުރުމުން ފައިދާ އޮތީ ރަށުގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ހަނިމާދޫގެ އިގްތިސޯދަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން އުތުރުގެ މައި އެއާޕޯޓް ތަރައްގީ ވެގެންދާއިރު އެތަނުގައި ދިވެހި އަސްކަރިއްޔާގެ ޕްރެޒެންސް އޮތުން ވަރަށް މުހިންމު ކަމަށެވެ.
"އެމްއެންޑީއެފްގެ ނޮދަން ރީޖަނަލް ކޮމާންޑް ހަނިމާދޫގައި އެސްޓަބްލިޝްވުމަކީ ހަނިމާދޫގެ އިގްތިސޯދަށް ވަރަށް މުހިންމު ކަމެއް. ހަނިމާދޫގެ އިގްތިސޯދަށް ވަރަށް ގިނަ ލާރި ވަދެގެންދާނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މި ދެކުނީ އެއާޕޯޓާ އެއްކޮށް ނޯތުގެ ސެކިއުރިޓީއާ ގައުމުގެ އިސްތިގުލާލު، އެ ވިދާޅުވާ އިސްތިގުލާލް [މިނިވަންކަން] ހިފެހެއްޓުމަށްޓަކައި އެމްއެންޑީއެފާ އެއްކޮށް ނޯތުގައި މި ހަދާ ބޮޑު އެއާޕޯޓްގައި އެމްއެންޑީއެފްގެ ވަރުގަދަ ޕްރެޒެންސް އޮންނަން. އިންޑިއާ އެތާނގައި ތިބޭކަން ނޫން މި އުޅެނީ އިނގޭތޯ! އަނެއްކާވެސް ވަރަށް ސާފުކޮށް މި ދަންނަވަނީ،" ތުހުމަތުތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ހުންނަވާ ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އެހެން ވިދާޅުވި ނަމަވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާމެދު ރަށުގެ ބައެއް މީހުން ތަފާތު ނަޒަރަކުން ދެކެއެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ އިންޑިއާގެ ނުފޫޒު ގަދަކޮށް އިންޑިއާއިން ބޭނުންވާ ކަންތައްތަކެއް ކުރުމަށް ރޭވިގެން ނަގާ ބިމެކެވެ.
މިހާރުވެސް ހަނިމާދޫގައި އިންޑިއާ ސިފައިންގެ 25 މީހަކު ގާއިމުވެ ތިބެ ވއެވެ. އެ މީހުންގެ ތެރެެއިން ގިނަ މީހުންގެ އާއިލާ ވެސް މިހާރު އެ ރަށަށް ދިރިއުޅުން ބަދަލު ކޮށްފައި ވެއެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުން އެއާޕޯޓަށް ނަގަން ނިންމާފައިވާ ބިމުގެ މަސައްކަތުގައި ވެސް އިންޑިއާ ސިފައިން ހަރަކާތްތެރި ވެއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ އެ ބިން ވަކިކޮށް ފޫޓް އަޅަން ވެސް އިންޑިއާ ސިފައިން އުޅޭ މަންޒަރު. އަނެއްކާ އެ ބިން ނަގަން ނިންމުމުގެ ކުރިން އިންޑިއާ ސިފައިން ގެންދިޔައީ އެ ބިމުގެ ސަރަހައްދު ކަނޑައެޅުމަށް ބަލަންޖެހޭ ކަންކަން ބަލަމުން. ސުވާލަކީ އެއާޕޯޓް އިންޑިއާގެ ހަރަދުގައި ތަަރައްގީ ކުރިނަމަވެސް އެކަމުގައި އިންޑިއާ ސިފައިންގެ ދައުރެއް އޮންނަން ޖެހޭތޯ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސުވާލު އުފައްދާ ޝައްކުު ކުރަން ސަރުކާރުން ކުރަން މި އުޅޭ ކަމަކާމެދު،" ހަނިމާދޫގައި ފެށިފައިވާ ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ޒުވާނަކު ބުނެފައިވެއެވެ.
އެ ތުހުމަތުތަކާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ ގޮތް ނިންމާނީ ކައުންސިލާއި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންނަމަ އެއާޕޯޓް ވެސް ނަގާނެ ކަމަށާ ސިޓީ ހޮޓާ ވެސް ނަގާނެ ކަމަށެވެ. އަދި އެ މަސައްކަތް އެހެން ތަންތަނުގައި ވެސް ކުރެވިދާނެ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ މުޅީން ތަފާތު ވާހަކައެއް ދައްކަވާފަ އެވެ.
"އެ ބޭފުޅުން ބޭނުން ނޫނިއްޔާ އެހެން ތާކުވެސް އެޅިދާނެ. އެއީވެސް މައްސަލައެއް ނޫން. އެ ބޭފުޅުން ބޭނުމިއްޔާ އެތާ ވެސް އެޅޭނެ. އެހެން އެ ގެންނަން ޖެހޭ ބަދަލު ވެސް ގެންނާނަން. މުޅި ޕްރޮޖެކްޓް ކޮމްޕްރަމައިޒް ނުވާ ލެވަލްއަށް ކުރެވޭނެ. މިސާލަކަށް ރަންވޭއަކީ 1200 ގެ ރަންވޭއެކޭ ބުނެފިއްޏާ މި ކުރަން އުޅޭ ހަރަދެއް ނުކުރެވޭނެ. އޭރުން އެވާނީ ބޭކާރު ކަމަކަށް،" ފައްޔާޒު ވިދާޅުވި އެވެ.
އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމުން އެ ރަަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ބޮޑެވެ. އަދި އެ ނިންމުމާ ދެކޮޅަށް ރަށުގެ ޒުވާނުން ތެދުވެފައި ވެއެވެ. އަދި އެކަމާ ދެކޮޅު ހަދައި ހަރަކާތްތަކެއް ހިންގަން ވަނީ ނިންމާފަ އެވެ. އަދި އެ ރަށުގެ ޖަމިއްޔާތަކުން ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ. އިތުރަށް މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އެ ޕެޓިޝަންގައި ހަނިމާދޫގެ އެތައް ބަޔަކު މިހާރު ވެސް ސޮއިކޮށްފައި ވެއެވެ.
އެ މަސައްކަތުގައި އިސްކޮށް އުޅޭ ޒުވާނަކު ބުނި ގޮތުގައި ޕެޓިޝަނަށް ސޮއި ހޯދުން ބާރަށް ކުރިއަށް ގެންދާއިރު އޮންލައިންކޮށް ވެސް ޕެޓިޝަންގައި ބައިވެރިވެވޭނެ އެވެ.
"އަމާޒަކީ ރަށުގެ ވީހާވެސް ގިނަ ބަޔަކު ބައިވެރި ކުރުވުން. އަދި އެ ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން،"
ހަނިމާދޫ އެއާޕޯޓަށް ނަގާ ބިމުގެ ތެރޭގައި މިހާރު ވެސް އެ ރަށުގެ ރައްޔިތުން ހިތްފަސޭހަ ކޮށްލަން އޮތް ހަމައެކަނި ބޭނުން ކުރާ ސަރަހައްދު ހިމެނެއެވެ. ރައްޔިތުންގެ ބަޖެޓުން ފައިސާ ހަރަދުކޮށްގެން ހަދާފައިވާ ބާބެކިއު އޭރިއާ އާއި މުޅި ބީޗު ވެސް އެ ބިން ދީފިނަމަ ގެއްލިގެންދެ އެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި "ސާއްބަ" ޖަމިއްޔާ އަދި "ކެތިއަރާ" ކުލަބްގެ ފަރާތުން ރައީސް ސޯލިހަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެންގެ ވެސް އުންމީދެކެވެ. އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމުމަކީ ހަދާ ގޯހެއް އަދި ހިތާމައެކެވެ.
ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައަޅާފައިވާ ސަރަހައްދަކީ އިތުރަށް ހަނިމާދޫގެ ބިމުން އަކަ އިންޗިއެއް ނުދިނަސް މިހާރު ކޮށްފައިވާ ޕްލޭންއާ އެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރެވިދާނެ ބިމެކެވެ. ހަނިމާދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެއާޕޯޓް ތަރައްގީ ކުރަން ރަށުގެ މީހުން ދިރިއުޅޭން އޮތް ބިމުން ބައެއް ދިނުމަކީ ރައްޔިތުން ހިތާމަކުރާ އަދި ދެކޮޅު ހަދާނެ ކަމެކެވެ.
އެ ސިޓީގައި ވެއެވެ: "... މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރުވެސް ހަނިމާދޫ ރައްޔިތުން މޫދަށް އެރި އާއިލާތަކާއެކު ހިތް އުފާކޮށްލުމަށް ހަމައެކަނި އޮތް ސަރަހައްދު ކަމަށްވާތީ މި ބިން ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދުގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަަމުގައި ދަންނަވަމެވެ. ހަމައެއާއެކު މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި ގުޅިގެން މި ރަށުން މިހާރުވެސް ގޯތި ހޯދުމަށް އެދި ތިބި 300 އެއްހާ އާއިލާއަށް މިކަމުގެ ސަބަބުން ވަނީ ނުހަނު ބޮޑު މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ،"