ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މީރުމާ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ. ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭއެސް ރެޑީ އެވެ.
މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި، ބޮޑުތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ހދ. އަތޮޅު ކައުންސިލް ބައެއް މެންބަރުންގެ އިތުރުން ހަނިމާދޫ ކައުންސިލްގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ އަތޮޅު ތެރޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ތެރެއިން ކަމަށްވާތީ މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފުރުސަތު ދީފައިވަނީ އެގްޒިމް ބޭންކުން ޝޯޓްލިސްޓް ކޮށްފައިވާ އިންޑިއާގެ ވަކި ކުންފުނިތަކަކަށެވެ.
ބިޑް ހުށަހެޅުމަށް ދިން މުއްދަތު މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަވިއިރު ޖޭއެމްސީއާ އެކު ހަތަރު ކުންފުންޏަކުން ކުރިމަތިލި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
މިއަހަރު ފަހުކޮޅު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫއު 2024 ވަނަ އަހަރު ނިންމާ ހިދުމަތް ދޭން ފަށާނެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ހަނިމާދޫ އިންޓަނޭޝޭނަލް އެއާޕޯޓަށް ގެންނަ ބަދަލުތަކާއި މި މަޝްރޫއު ނިމުމުން ހުންނާނެ ގޮތް ވީޑިއޯ ޕްރެޒެންޓޭޝަނަކުން ވަނީ ދައްކާލާފަ އެވެ.
ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް
- އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
- އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
- ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
- ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
- އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
- ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެކެވެ. އަމީރުވެސް ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ މާލެއިން ބޭރުގައި ރާއްޖޭގެ ތާރީހުގައިވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް އިންވެސްޓްމެންޓެވެ.
މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިއެއާޕޯޓް ތަރައްގީކުރަން މިސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ. ނަމަވެސް އެގޮތަށް މަސައްކަތްކޮށްދޭނެ ބަޔަކު ނުވުމުން އިންޑިއާގެ ލޯނަކަށް ސަރުކާރުން މަޝްރޫއު ބަދަލުކޮށްލީ މަސައްކަތް އަވަސްކުރުމަށް ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވެ އެވެ.