ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް މާއިޒް މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު މާގިނަ ދުވަހެއް ނުވެ އެއާޕޯޓާ ގުޅޭ މަސައްކަތްތައް ވަނީ ފެށިފައި ކަމަށާއި އަންނަ މަހު ފަށާނީ އެއާޕޯޓުގެ ކޮންސްޓްރަކްޝަންގެ އަމަލީ މަސައްކަތް ކަމަށެވެ.
"މިހާރު ކުރިއަށް ދަނީ ސައިޓް ކްލިއަރެންސާއި ޑިޒައިންއާ ސާވޭގެ މަސައްކަތް. މިވެސް ހަމަ އަމަލީ މަސައްކަތް،" މާއިޒް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ ނިމުމުން އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.