ހަނިމާދޫ

ހަނިމާދޫން 400،000 އަކަފޫޓްގެ ބިމެއް ދޭން މާދަމާ ނިންމަނީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 400،000 އަކަފޫޓްގެ ބިމެއް އިތުރުކޮށްދޭން ނިންމާ އެ ރަށު ކައުންސިލުގެ މާދަމާގެ އެޖެންޑާގައި އެކަން ހިމަނައިފި އެވެ.

ސަރުކާރުން ކައުންސިލުގައި އެދިފައިވަނީ އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރުމަށެވެ. އެކަމާއި ދެކޮޅަށް ހަނިމާދޫގައި ވަނީ ވަރުގަދަ ކެންޕެއިނެއް ފަށާފައެވެ.

ނަމަވެސް މާދަމާ އޮންނަ ކައުންސިލު ބައްދަލްވުމުގައި ސަރުކާރުން ހުށައެޅި ހުށައެޅުމަށް ގޮތް ނިންމަން ވަނީ އެޖެންޑާ ކޮށްފައެވެ. އެޖެންޑާގެ ކޮޕީއެއް އަވަސްއަށް ލިބިފައިވެއެވެ.

ކައުންސިލުގެ ނާއިބު ރައީސް ފިރާގު މުހައްމަދު ސޮއިކުރައްވާ ނެރެފައިވާ އެޖެންޑާގައިވާ ގޮތުން 400،000 ލައްކަ އަކަފޫޓްގެ ބިމެއް އެއާޕޯޓް ތަރައްގީއަށް ކަނޑައަޅާ ބިމުގެ ގޮތުގައި ލޭންޑް ޔޫސް ޕްލޭނަށް އިތުރު ކުރުމަށް ނިންމާފައިވެއެވެ. އަދި ރަޖިސްޓްރީ ކަންކަން ހަމަޖައްސައިދެވޭނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމަން ވަނީ ހިމަނާފައެވެ. ބައްދަލްވުން އޮތީ ހެނދުނު 10 ޖަހާއިރު އެވެ.

ބިމުގެ މައްސަލާގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ ޖަމިއްޔާ އަދި ކެތިއަރާ ކުލަބުގެ ފަރާތުން ރައީސް ސޯލިހަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި އެ ރަށުގެ ކުދިބޮޑު އެންމެން ކުރަމުން އަންނަ ފޮނި އުންމީދެއް ކަމަށެވެ. ނަމަވެސް އެ އުންމީދުގައި ތިއްބާ އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ނިންމާފައިވާކަން އެންގުމަކީ ރައްޔިތުންނަށް ލިބުނު ހިތާމަވެރި ހަބަރެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައެޅިފައިވާ ސަރަހައްދަކީ ހަނިމާދޫ ރައްޔިތުންގެ ބިމުން އަކަ އިންޗިއެއް ނުދިންކަމުގައިވިޔަސް މިހާރު ކޮށްފައިވާ ޕްލޭންއާ އެއްގޮތަށް ކިތަންމެ ބޮޑު އެއާޕޯޓެއްވެސް ތަރައްގީ ކުރެވިދާނެ ބިމެއް ކަމަށާ ހަނިމާދޫ ފަޅަކީ ބޮޑު ފަޅަކަށްވާތީ އެއާޕޯޓް ތަރައްގީ ކުރުމަށް ރަށުގެ މީހުން ދިރިއުޅޭން އޮތް ބިމުން ބައެއް ދިނުމަކީ ރައްޔިތުން ހިތާމަކުރާ އަދި ދެކޮޅު ހަދާ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރުވެސް ހަނިމާދޫ ރައްޔިތުން މޫދަށް އެރި އާއިލާތަކާއެކު ހިތް އުފާކޮށްލުމަށް ހަމައެކަނި އޮތް ސަރަހައްދު ކަމަށްވާތީ މި ބިން ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދުގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ނުހަނު ހިތާމަކުރާ ކަމެއް ކަަމުގައި ދަންނަވަމެވެ. ހަމައެއާއެކު މަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި ގުޅިގެން މި ރަށުން މިހާރުވެސް ގޯތި ހޯދުމަށް އެދި ތިބި 300 އެއްހާ އާއިލާއަށް މިކަމުގެ ސަބަބުން ވަނީ ނުހަނު ބޮޑު މާޔޫސް ކަމަކާ ކުރިމަތިލާން ޖެހިފައެވެ،"

ޖަމިއްޔާތަކުގެ ސިޓީގައި ވަނީ ސަރުކާރުގެ ނިންމުން ބަދަލުކޮށް ހަނިމާދޫ އެއާޕޯޓަށް މިހާރު އޮތް ބިމުގައި އެއާޕޯޓް ތަރައްގީ ކޮށްދިނުމަށް އެދިފައެވެ.

މީގެ އިތުރަށް މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. އެ ޕެޓިޝަންގައި ހަނިމާދޫގެ އެތައް ބަޔަކު މިހާރުވެސް ސޮއިކޮށްފައި ވެއެވެ. އަދި “ބިމުން އިންޗިއެއްވެސް ދޭން ދެކޮޅު” ނަމުގައި ސޯޝަލް މީޑިއާ ކެންޕެއިނެއްވެސް ވަނީ ފަށާފައެވެ.