ފައްޔާޒް އިސްމާއީލް

"އުންމީދަކީ ހަނިމާދޫ ޕްލޭން ބަދަލު ކުރަން ނުޖެހުން"

ހދ. ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ސަރުކާރުން އެކުލަވާލައިފައިވާ ޕްލޭނަށް ބޮޑު ބަދަލެއް އަންނާނެ ފަދަ ގޮތަކަށް ހަނިމާދޫ ކައުންސިލުން ނިންމުމެއް ނުނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ހަނިމާދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމާ ގުޅޭ ގޮތުން ޕްލޭނިން މިނިސްޓްރީއާ މިހާރު މަޝްވަރާ ކުރަމުން ދަނީ އެ މަޝްރޫއަށް ބިން ނުދޭން ނުވަތަ ވީހާވެސް ކުޑަކޮށް ބިން ދޫކުރަން ކައުންސިލުން ވިސްނަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.

އެއާޕޯޓު ތަރައްގީކުރަން 853،937 އަކަފޫޓްގެ ބިމެއް ކަނޑައަޅާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި، އެމްއެންޑީއެފް ނޮދާން އޭރިއާއަށް ބަޔަކާއި އަދި ރަންވޭގެ ދުރު މުސްތަގްބަލްގެ ޕްލޭނަށް ބޭނުންވާ ބަޔަށެވެ.

މިނިސްޓަރު ފައްޔާޒު މިއަދު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެތަނުން ޓްރާންސިޓް ހޮޓާ އުނިކޮށްލަން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެންމެ މުހިންމު ކަމަކަށް ބިން ބޭނުން ވަނީ ރަންވޭ ބޮޑު ކުރަން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ބޮޑު ކުރާނީ 2400 މީޓަރު ކަމަށެވެ.

އެއަށްފަހު މީގެ 10 ވަރަކަށް އަހަރު ފަހުން އެތަން އިތުރަށް ބޮޑު ކުރަން ޕްލޭން ކޮށްފައިވާ ކަމަށާއި ނަމަވެސް ކައުންސިލުން އެ ބިން ދޭން ބޭނުން ނުވެއްޖެނަމަ އެއާޕޯޓު އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. މުސްތަގުބަލަށް ވިސްނާއިރު އެ ބިން ދުރާލާ ހޯދާފައި ބޭއްވުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރީ ކައުންސިލާ މިހުރިހާ ކަމަކާ މަޝްވަރާ ކުރީ. އަޅުގަނޑުމެން ހުރިހާ ކަމެއް ފައިނަލް ކުރި ދަނޑިވަޅުގަ ކައުންސިލް ވެސް ބަދަލުވީ. އެހެންވެގެން މި މައްސަލަ ދިމާވެގެން މިއުޅެނީ. އަޅުގަނޑުގެ ކޮންސާންއަކީ މީގެ 10 ނުވަތަ 15 އަހަރު ފަހުން އަނެއްކާ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްލަން ބަލާއިރު އެކަމަށް ބޭނުންވާ ބިމެއް ނޯވެދާނޭ. މިހާރު އެތަން ސެކުއާ ކޮށްގެން ވާނީ. ދެން ޖެހޭނީ އެހެން ތަނަކަށް އެއާޕޯޓު ބަދަލު ކުރަން. ވަރަށް ބޮޑު ވޭސްޓަކަށް ދެއްތޯ ވާނީ؟" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ޕްލޭންގައިވާ ގޮތުން އެތަން އޮޕަރޭޓް ކުރަން ބޭނުން ވަނީ މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފެންވަރަށް ކަމަށާއި މެދުއިރުމަތިން އަންނަ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ފެންވަރަށް އެތަން ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. އެކަން އެގޮތަށް ވާނީ ރަންވޭ ބޮޑު ކުރެވިގެން ކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި މިއަދު ވެސް ކައުންސިލާ އެކީ ރަންވޭ ބޮޑު ކުރުމަށް ބޭނުންވާ ބިން ހޯދުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފަ އެެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީ ކުރެވިއްޖެނަމަ ހަނިމާދޫ ހިމެނޭ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓަށް ގެންނަ ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

ހަނިމާދޫ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އެދޭ ވަރުގެ ބިމެއް ދިނުމާ މެދު ކަންބޮޑުވާތީ އެކަން ޕްލޭނިން މިނިސްޓްރީއަށް ވެސް އަންގާފައިވާނެ ކަމަށެވެ. ކައުންސިލުން ބުނީ މިހާރު މިނިސްޓްރީއާ މަޝްވަރާ ކުރަމުން ދަނީ އެ ބިން ނުދޭން ނުވަތަ ވީހާވެސް ކުޑަކޮށް ބިން ދޫކުރަން ކަމަށެވެ. ބިން ކުޑަކުރި ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނުހުއްޓި ކުރިއަށް ގެންދެވޭތޯ ބަލަމުން ގެންދާ ކަމަށް ކައުންސިލުން ބުންޏެވެ.

މި ބިމާ މެދު އަދި މިހާތަނަށް ވަކި ގޮތެއް ނިންމިފައި ނުވާއިރު ބައެއް ފަރާތްތަކުން ދަނީ ކައުންސިލުން ވަކި ގޮތެއް ނިންމައިފި ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ. ކައުންސިލުން ބުނީ 400،000 އަކްފޫޓުގެ ބިން ކައުންސިލުން ސަރުކާރަށް ދީފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.