ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 853،937 އަކަފޫޓްގެ ބިމެއް ސަރުކާރަށް ދޭން ބޭނުން ނުވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.
ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ވަރުގެ ބިމެއް ދިނުމާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެކަން ޕްލޭނިން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ މިހާރު މިނިސްޓްރީއާ މަޝްވަރާ ކުރަމުން ދަނީ އެ ބިން ނުދޭން ނުވަތަ ވީހާވެސް ކުޑަކޮށް ބިން ދޫކުރަން ކަމަށެވެ. ބިން ކުޑަކުރި ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނުހުޓި ކުރިއަށް ގެންދެވޭތޯ ބަލަމުން ގެންދާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލްގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރި ކަން ޕްލޭނިން މިނިސްޓްރީގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ރަށުގެ ކައުންސިލުން ބުންޏެވެ.
މި ބިމާ މެދު އަދި މިހާތަނަށް ވަކި ގޮތެއް ނިންމިފައި ނުވާއިރު ބައެއް ފަރާތްތަކުން ދަނީ ކައުންސިލުން ވަކި ގޮތެއް ނިންމައިފި ކަމަށް ބުނެ ހަބަރު ފަތުރަމުންނެވެ. ކައުންސިލުން ބުނީ 400،000 އަކްފޫޓުގެ ބިން ކައުންސިލުން ސަރުކާރަށް ދީފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.
ހަނިމާދޫ ކައުންސިންގެ ރައީސް އަބްދުއްސައްތާރު ހަސަން މީގެ ކުރިން އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ރަނގަޅު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތަށް އެއާޕޯޓު ތަރައްގީ ކުރުމުން އިގްތިސޯދީ ގޮތުން އެ ސަރަހައްދަށް ވަރަށް ބޮޑެތި ކުރިއެރުން އަންނާނެ ކަމަށާއި ނަމަވެސް އެކަމަށް ވަރަށް ގިނަ ބަޔަކާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލުން ދެކޮޅު ހަދާނަމަ ހަނިމާދޫ އެއާޕޯޓުގެ ތަރައްގީ ކުުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދަވާނެ ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އެތަން ތަރައްގީ ކޮށްފިނަމަ ހަނިމާދޫ ހިމެނޭ ރާއްޖޭގެ އުތުރުގެ ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަނިމާދޫން ނަގާ ބިމުގެ އެއްބަޔަކީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބޭނުންވާ ބިން ކަމަށާއި އަދި ބާކީ ބިން ބޭނުންކުރަނީ ޅ. މާފިލާފުށީގައި ހިންގާ ނޮދަން އޭރިއާގެ ކޮމާންޑް ސެންޓަރު ހަނިމާދޫ އަށް ބަދަލު ކުރަން ބޭނުންވާތީ އެ މަސައްކަތަށް ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.