ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު -- ތިލަމާލެ ބްރިޖުގެ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މިމަސައްކަތް މިއަދު ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން ބްރިޖުގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް ގަނޑު އަޅުއްވައި ދެއްވީ ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. މިއީ ތިލަމާލެ ބްރިޖުގެ ތަނބުތަކުގެ ތެރެއިން މާލޭ ކޮޅުން ބްރިޖް ފަށާ ތަނބެވެ.
ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ ރައީސް ސޯލިހް މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ދެ ގައުމުގެ ވެރިން އިންޑިއާގައި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވިއިރު މާލޭގައިވެސް ހަމަ އެވަގުތު ރަސްމިއްޔާތުގެ ބައެއް ކުރިއަށް ގެންގޮސްފައިވެ އެެވެ.
ދެ ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީއާ އެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ވީޑިއޯ ރިޕޯޓެއް ދައްކާފަ އެވެ. އަދި އިންޑިއާގެ އެހީގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ސޯޝަލް ހައުސިން ޔުނިޓުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޯންސް އިންފްރާސްޓަރަކްޗާ އަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ ޖުލައި ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެ ބްރިޖުން ގުޅާލުމަށެވެ. އޭގެފަހުން ގުޅިފަޅާއި ތިލަފުށި ގުޅާލައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް ރައީސް ސޯލިހް ކުރިން ވިދާޅުވެފައިވެ އެވެ.
އެފްކޮންސް އިން ބުނާ ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ 1200 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. މީގެތެރޭގައި 164 އިންޖިނިއަރުން ހިމެނޭ ކަމަށް ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ވަގުތީ ސައިޓްތައްވެސް ގާއިމުކޮށްފައިވާއިރު ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް އޮކްޓޫބަރަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖުގެ މަސައްކަތުގައި ކޮންސަލްޓަންޓުންނާއި އިންޖިނިއަރުން އަދި އެކްސްޕާޓުންގެ ގޮތުގައި އިންޑިއާގެ އިތުރުން ތުރުކީ އާއި ޖަރުމަނު އަދި އޮސްޓްރޭލިއާގެ މީހުން މަސައްކަތް ކުރެ އެވެ.
އެފްކޮންސް އިން ބުނި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ 120 އަހަރުގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބްރިޖަކަށެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު އެޅުމުގެ މަސައްކަތާ ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ކުރަނީ އެފްކޯންސް ކުންފުނިންނެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.