ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެ-އިންޑިއާ ގުޅުން: ހަ އެއްބަސްވުމެއް ބަދަލުކޮށްފި

Aug 2, 2022

ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާ ގުޅޭ ހަ އެއްބަސްވުމެއް ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކޮށްފި އެވެ.

އެއްބަސްވުންތައް ބަދަލުކުރުން ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހާއި މޯދީ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކެޕޭސިޓީ ބިލްޑިން އެންޑް ޓްރެއިނިން އޮފް މެމްބާސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ފަންނީ ގާބިލްކަން އިތުރުކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ފޯ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބާ ސެކިއުރިޓީ" އަކީ ދެ ގައުމުގެ ދެމެދުގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ތެރެއިން ސައިބާ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް މައުލޫމާތު ބަދަލުކުރުމަށް ހަމަޖެހިފައިވެ އެވެ.

ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިން ޒޯން ފޯކާސްޓް ކެޕޭސިޓީ ބިލްޑިން" އަކީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި އިންޑިއާގެ މިނިސްޓްރީ އޮފް އާތް ސައިންސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.


ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ދެން ބަދަލުކުރި އެއްބަސްވުމަކީ "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓާ މެނޭޖްމަންޓް" އެވެ. މިއެއްބަސްވުމަކީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ހާލަތްތައް ބެލެހެއްޓުމުގައި ދެ ގައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ ފުލުހުންގެ ވަސީލަތްތައް ތަރައްގީކުރުމަށް ރާއްޖޭގެ ފިނޭންސް މިނިސްޓްރީ އާއި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެ އެއްބަސްވުން ވެސް މިއަދު ވަނީ ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެ އޮޓާ އޮފް އިންޓެންޓް އޮން ބަޔަސް ކްރެޑިޓް ފަންޑިން އެޕްރޫވަލް އެއްބަސްވުމެއްގައި ވެސް ރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.