ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންވެސްޓަރުންނަށް ފަހި މާހައުލެއް ހޯދައިދޭނަން: ރައީސް

Aug 3, 2022
1
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އިންޑިއާގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ދައުވަތުދީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރައީސް ސޯލިހް، އިންވެސްޓަރުންނަށް ޔަގީންކަން ދެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ރައީސް ސޯލިހް ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު ގެންދަނީ މުހިއްމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައިވަނީ ތިމާވެށްޓާ ރަހްމަތްތެރި އަދި ސިންދަފާތު އިގްތިސާދެއް ބިނާކުރުމަށް ކަމަށާއި، އެހެންކަމުން އިގްތިސޯދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫއަ ކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.

"އަދި އިންޑިއާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ރައީސް ސޯލިހް ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެމަނިކުފާނު ބައެއް މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ތިމާވެށި ހިމާޔަތްކޮށް ގުދުރަތީ މާހައުލުގެ މުއްސަނދިކަން ދަމަހައްޓަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އެހެންކަމުން ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ގުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ދޮށީ ދަރިކަލުން ސިޔާދު ގާސިމާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމުގައެވެ. އެގޮތުން މޯލްޑިވްސް - އިންޑިއާ ޕާޓްނަރޝިޕަކީ ދެ ގައުމުގައި ހުރި ތަފާތު ވަސީލަތްތަކާއި ދެ ގައުމުގެ ސައިޒުގެ ގޮތުން ދެ ގައުމުގެ ކުރިއެރުމަށްވެސް ފައިދާ ކުރަނިވި ނަމޫނާ ޕާޓްނަޝިޕެއް ކަމުގައި ވިދާޅުވި އެވެ. އަދި މިސަރުކާރުން އަބަދުވެސް ކުރިއަށް ދާނީ އިންޑިއާއާއެކު ގާތް ރަހްމަތްތެރި ގުޅުމެއް ބާއްވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ސޯލިހް ވާހަކަދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910