އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.
ދެ ބޭފުޅުންގެ ބައްދަލްވުން އޮތީ ވެރިރަށް ދިއްލީގެ ހައިދުރަބާދު ހައުސްގަައެވެ. ބައްދަލްވުމުގެ ތަފްސީލެއް ސަރުކާރުން އަދި ނުދެއެވެ. މި ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައީސް އޮފީހުގެ ޗީފް ސްޓާފް އަލީ ޒާހިރު އާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ވެރިޔާ އިބްރާހިމް ހޫދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިއަދު ފެއްޓެވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ އާ ރައީސް ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
ރައީސް ސޯލިހްގެ މިދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމާއި ނިއުދިއްލީ އާއި މުމްބާއީގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވެސް ހަމަޖައްސާފައިވެ އެވެ.
ރައީސް ސޯލިހް މުމްބާއީ އަށް ކުރައްވާ ޒިޔާރަތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލުކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ހަމަޖައްސާފައިވަނީ ވެސް ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ މިދަތުރުފުޅުގަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.