މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ސައިޓް ކޭމްޕް ޖެހުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.
ފްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސައިޓް ކޭމްޕް ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކަމަށެވެ. ސައިޓް ކޭމްޕް ޖެހުމުގެ މަސައްކަތުގެ އިތުރުން އެތަނުގެ ސާވޭގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާފައި، އަންނަ އަހަރުގެ ތެރޭގައި ބްރިޖް ފެނުން މައްޗަށް ފެންނާނެ ކަމަށެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާ އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އޯގަސްޓް 26 ވަނަ ދުވަހު އެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ.
ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.
އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން، ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) މިދިޔަ މަހުގެ ތެރޭގައި ދީފަ އެވެ.