ތިލަމާލެ ބްރިޖް

ތިލަމާލެ ބުރިޖު ތަނބުތައް ފެއްތުމުގެ މަސައްކަތް ފަށައިފި

ތިލަމާލެ ބުރިޖުގެ ތަނބުތައް ކަންޑަށް ފެއްތުމުގެ މަސައްކަތް އިއްޔެގެ ފަށައިފި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ފައިސާގެ ބޮޑު ބައެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ބްރިޖު އަޅަން ހަވާލުކޮށްފައިވަނީ ވެސް އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެފްކޯންސްއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އޮގަސްޓް 26، 2021 ގައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އިއްޔެ ބުނީ ދެވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިލިއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށާފައި ކަމަށެވެ.

ތަނބުތައް ކަނޑުގައި ހަރުކުރުމުގެ މަސައްކަތް ފެށިއިރު ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ފަހުން ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.