ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މަސައްކަތް މެކުހަށް

3

ތި ލަމާލެ ބްރިޖުގެ މަސައްކަތްތަކުގެ ދުވެލި ހަލުވިކޮށް، ބްރިޖުގެ މަތީގައި އަޅަންޖެހޭ ޑޮކްތައް ހެދުމުގެ މަސައްކަތް ގުޅިފަޅުގައި ފަށައިފި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިއަދު ވަރަށް ތަފްސީލްކޮށް ފުރަތަމަ ފަހަރަށް ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

ނޫސްވެރިން މިއަދު ފުރަތަމަ ގެންދިޔައީ މާލެ ކޮޅުގައި ބްރިޖުގެ މަސައްކަތްތައް ކުރަމުންދާ ސިނާއީ ސަރަހައްދަށެވެ. މާލޭ ކޮޅު އެއްގަމަށް ޖަހަންޖެހޭ ތަނބުތައް ޖެހުމުގެ މަސައްކަތް އެ ސަރަހައްދުން ދައްކާލިއިރު މުޅިން ނިންމާފައިވަނީ ދެ ތަނބެވެ.

ނޫސްވެރިން ދެން ގެންދިޔައީ ގުޅިފަޅަށެވެ. އެ ރަށުގައި ބްރިޖުގެ ޑޮކިން ނުވަތަ ބްރިޖު މަތީގައި ވެހިކަލް ދުއްވާފައިދާ ކޮންކްރީޓް ޝީޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލި އެވެ. އަދި ކޮންކްރީޓް ޓެސްޓް ކުރަން ގުޅިފަޅާއި ކަނޑުގައި އޮތް ކޮންކްރީޓް ޓެސްޓިން ލެބްވެސް ދައްކާލި އެވެ.

ބްރިޖުގެ ޑޮކްތައް ހެދުމަށް ބޮޑެތި 12 ތައްގަނޑު ހަދާފައިހުރިއިރު ދުވާލާއި ރޭގަނޑު އެ މަސައްކަތްކޮށް މަސައްކަތުގެ ދުވެލި ވަނީ ބާރުކޮށްފަ އެވެ.

ބްރިޖުގެ މަސައްކަތްތަކުގައި ބޭނުންކުރާ ވަރަށް ގިނަ މެޝިނަރީޒް ވެސް ގުޅިފަޅުގައި ބަހައްޓާފައިވެ އެވެ. އަދި ބްރިޖު މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީ ލޭބަރުން ތިބޭ ތަންތަން ވެސް ހުރީ ގުޅިފަޅުގަ އެވެ.

ތިލަމާލެ ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ކަނޑަށް ޖަހަމުންދާ ޕައިލިން އަކީ ބްރިޖުގެ ތަނބުތަކެއް ނޫން ކަމަށާއި އެއީ ތަނބުތަކަށް އަޅަންޖެހޭ ކޮންކްރީޓް އެޅުމަށް ފަސޭހައަކަށް ބޭނުންކުރާ ދަގަނޑު ހޮޅިތަކެއް ކަމަށެވެ. ކަނޑުގެ އެންމެ ފުނަށް ޖަހަންޖެހެ އެފަދަ ހުރިހާ ޕައިލިން ޖަހާ ނިމިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިންވެސް ބުނި ގޮތަށް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލަން ބުނި ހިސާބަށް ނިންމާލެވޭނެ." ޖިނާން ވިދާޅުވި އެވެ.

ބްރިޖުގެ ތައާރަފާއި ޚަރަދު

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ އޯގަސްޓް 26، 2021 ގައެވެ. ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށީ އޮގަސްޓް 22، 2022 ގައެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ. އަދި ބްރިޖާއި ބޮޑެތި ބަނދަރުތައް ހެދުމުގައި އެފްކޯންސް ކުންފުންޏަކީ ދުނިޔޭގައި ވެސް ގަދަ ހައެއްގައި ގުނާލެވޭ ކުންފުންޏެކެވެ.

އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

އިންޑިއާއިން ވަނީ ތިލަމާލެ ބްރިޖު އަޅަން ހިލޭ އެހީގެ ގޮތުގައި އިތުރު 15 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 231.3 މިލިއަން ރުފިޔާ) ވެސް ދީފަ އެވެ.

ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރު ދިގު ބްރިޖެކެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.