ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިއްމު ސާވޭގެ ތެރޭގައި ހިމެނޭ ޖިއޯޓެކްނިކަލް ސާވޭ ފަށައިފި އެވެ.
ސާވޭގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އިންޑިއާ އިން ގެނައުމަށްފަހު މާލޭ އިންޑަސްޓްރިއަލް ވިލެޖުގެ ބޮޑު ބައެއް ބަންދުކޮށްގެން ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ޖިއޯޓެކްނިކަލް ސާވޭގައި އެންމެ ބޮޑަށް ބަލާނީ ބްރިޖު އެޅުމަށް ބޭނުންވާ ބިމުގައި އެކަން ކުރަން ބޭނުންވާ ބާރު ހުރި މިންވަރެކެވެ.
މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު -- ތިލަމާލެ ބްރިޖު އެޅުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޫބަރު 28ގައި ވެސް ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށް އިންޑަސްޓްރިއަލް ވިލެޖުގައި، ސިފައިންގެ ކޭކޭ ސަރަހައްދާއި ދިމާލަށް އޮތް ބިމާއި، ވެމްކޯ ސައިޓާ ޖެހިގެން ދެކުނަށް އޮތް ބިން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދުގެ އެހެން ބައެއް ބިންތައް ވެސް ބަންދުކޮށް ބްރިޖު ސައިޓަށް ބޭނުންވާ ވަގުތީ އިމާރާތްތައް ހެދުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. އެފްކޯންސް އަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދާނީ އެފްކޯންސް ކުންފުނިންނެވެ.
މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ މާޗް މަހު ފަށާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ވެރިކަމުގެ މިދައުުރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ކްރެޓިޑް ލައިން އަކީ ލޯނުތަކާ ހިލާފަށް ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.
ތިލަމާލެ ބްރިޖުގެ ކުރެހުން ވެސް މިހާރު ވަނީ ދައްކާލާފަ އެވެ. ކުރެހުމުގައި ފެންނަ ގޮތުން ބްރިޖުން ވިލިމާލެއަށް ދާން އަރާ ގޭޓުގައި ޖަހާފައި ވަނީ މާލެ- ތިލަފުށި ލިންކް ބްރިޖެވެ. ކުރެހުމުގައި ފެންނަ ގޮތުން ބްރިޖަށް އަރާއިރު ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ ފެންނަން ހުންނާނެ އެވެ. އަދި ބްރިޖުގެ މަތީގައި ދެ ފަރާތުގައި ކޮޅަށް ޖަހާފައިވާ ދެ ތަނބުގެ މަތީގައި ދެ ގުއްބު ބަހައްޓާފައި ހުރެ އެވެ.
މާލެ އަދި ވިލިނގިލި ބްރިޖުން ގުޅޭ ހިސާބުގައި ޓްރެފިކްލައިޓް ހަރުކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ. ގުޅީފަޅު އަދި ތިލަފުށި ގުޅޭ ހިސާބު ހަދަން ހަމަޖެހިފައިވަނީ ވައްބުރު ޖަންކްޝަނަކަށްވާ ގޮތަށެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަނެއް ވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ. އަދި ސޯލާ ޕެނަލް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ގާއިމުކުރާނެ އެވެ.
ތިލަމާލެ ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭ، ހިމެނޭ ގޮތަށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގުމިނުގެ ބްރިޖު ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއާ އެމްބަސީން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު ކަނޑުގައި ބްރިޖުގެ ގޮތުގައި އަޅާ ބައިގައި ދިގުމިން އުޅޭނީ 1.40 ކިލޯމީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެ އެވެ. މީގެއިތުރުން ބްރިޖު މަޝްރޫއުގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި ގުޅިފަޅު ތަރައްގީކުރުން ވެސް ހިމެނެ އެެވެ.