ހިޔާ މަޝްރޫއު

ހިޔާ ފްލެޓްގެ އަގު ކުޑަކޮށްދޭން ތިންވަނަ ފަހަރަށް އެދިއްޖެ

Oct 2, 2021
2

ހިޔާ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތިންވަނަ ފަހަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފި އެވެ.

މުއިއްޒު މިއަދު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ތިންވަނަ ފަހަރަށް ރައީސް ސޯލިހަށް ދެންނެވީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން އެދެނީ ހިޔާ ފްލެޓްތަކުގެ ކުލި 5،600 ރުފިޔާ އަށް ވުރެ ކުޑަކޮށްދިނުމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާފައިވަނީ 7،500 ރުފިޔާ އެވެ. މީގެއިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ފްލެޓް ތަކުގެ ކުލި ކުޑަކޮށްދިނުމުގެ އިތުރަށް ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް މަދުވެގެން ނުވަ މަސް ދުވަސް ދިނުމަށް މާލެ ސިޓީ ކައުންސިލުން ދަނީ ސަރުކާރުގައި ތަކުރާރުކޮށް އެދެމުންނެވެ.

މުއިއްޒު ވަނީ ހުޅުމާލޭގެ ކަންކަން މިވަގުތު ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ފްލެޓްތަކުގެ ވެރިންނާ ހަވާލުކުރީ އެކުންފުނީގައި އެ މަސައްކަތް ކުރަން ފައިސާ ނެތުމުން ކަމަށް އެޗްޑީސީން ކުރިން ބުނެފައިވާތީ އެކަމަށް މުއިއްޒު ވަނީ ރައްދުދެއްވާފަ އެވެ.

"ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ޚަރަދު ކުރާނޭ ފައިސާ ނެތް ކަމަށް ބުނި ކުންފުނިން ތިލަފުށި ބިން ހިއްކަން ބޮޑު ހޭދައެއް ކުރަން ނިންމާ އެ ހޭދަ އެދަނީ ކުރަމުން. އެޗްޑީސީގައި ފައިސާ ނެތީ ހަމައެކަނި ހިޔާ ފްލެޓްތައް ނިންމަން،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް ފައިސާ ދައްކަން ދީފައިވާ ގްރޭސް ޕީރިއަޑް ވެސް އިއްޔެ އިން ފެށިގެން ވަނީ ގުނަން ފަށާފަ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ފްލެޓްތަކުގެ ވެރިން ފްލެޓަށް ފައިސާ ދައްކަންޖެހޭނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ބޮޑަށް ދަތިވެފައިވަނީ ހިޔާ މަޝްރޫއު، ކުރީގެ ސަރުކާރުގައި ފަށައިގެންއިރު އެ މަޝްރޫއަށް އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް މަސައްކަތް ހަވާލުކުރުމުން އަނބުރާ ސަރުކާރުން ދައްކަންޖެހޭ އަދަދު ބޮޑުވެ، އެ ހަރަދު މިވަގުތު ސަރުކާރަށް ކުރަން ދަތިވުމުން ކަމަށް މިސަރުކާރުން ކުރިން ބުނެފައިވެ އެވެ.