ޑރ. މުހައްމަދު މުއިއްޒު

މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދޭން ގޮވާލައްވައިފި

Feb 19, 2022
3

އަތޮޅު ތެރޭގެ ރަށްތަކުގައި ހިލޭ ގޯތި ދޫކުރާ އުސޫލުން މާލެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދޫކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މުއިއްޒު މިކަމަށް ގޮވާލައްވާފައި މިވަނީ މާލޭ މީހުންނަށް ހުޅުމާލެއިން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކޮށްދޭން ހައުސިން މިނިސްޓްރީން އެޗްޑީސީގައި އެދިފައި ވަނިކޮށެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން ނިންމާ، ބިޑްތައް ވެސް ލިބިފައި ވަނިކޮށެވެ.

މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދޭން ޖެހުމުން ސަރުކާރުން ތަފާތު ކުރާ ކަމަށެވެ. އެގޮތުން ވިދާޅުވީ މާލޭގެ އިހްތިސޯސްގެ ތެރެއިން ބިމެއް ހިއްކައިފިނަމަ އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރި ހަރަދެއް ކަމަށް ބަލައި ހިލޭ ގޯތި ނުދޭ ކަމަށެވެ. ނަމަވެސް އަތޮޅު ތެރޭގައި ހަމަ އެ އުސޫލުން ބިން ހިއްކުމަށްފަހު ހިލޭ ގޯތި ދޫކުރާ ކަން ފާހަަގަކުރައްވާ މުއިއްޒު ވިދާޅވީ އެއީ ދެކޮޅު ޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"މާލެ އިހްތިސޯސް ތެރޭ ބިން ހިއްކައިފިއްޔާ އެއަށް އަގު ހޯދަން އެބަޖެހޭ. އެކަމަކު އެހެން ރަށެއްގެ އިހްތިސޯސްގެ ތެރޭގައި ހިއްކާ ބިން ހިލޭ ދޭންޖެހޭ. އެހެންވީމާ މިކަން ސަރުކާރުން އެބަޖެހޭ ނޫންތޯ މިވާ ގޮތް ކިޔައިދޭން. މާލެ ރައްޔިތުން ވެއްޖިއްޔާ އަގު ދައްކަންޖެހޭ ސަބަބެއް ނޯންނާނެ. އެ ހަމަހަމަކަން ގާއިމުކުރެވިއްޖިއްޔާ އަޅުގަނޑަށްވެސް އެކަން އަންޑަސްޓޭންޑް ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބި އެތައް އަހަރަކު ވަރަށް ހާލުގައި އުޅޭ އެތައް އާއިލާއެއް މާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. އެ ހާލުގައި އުޅޭ ބަޔަކަށް ގޯތި ގަންނަން މަޖުބޫކުރުމަކީ އިންސާފެއް ނޫން ކަމަށާއި އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. ގޯތި ދޫކުރުމުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލެއް ގާއިމުކޮށްދިނުމަށް ވެސް ގޮވާލެއްވި އެވެ.

"ހަގީގަތުގައި މިހާރު ކުރައްވަންޖެހޭނެ ކަމަކީ ހަމަ ހިލޭ [ގޯތި] ދެއްވުން. ހިލޭ ދެއްވާފައި އެ ބިމުގެ އަގު ހޯދަން ސަރުކާރުން މިހާރު އެ ކުރާ ގޮތަށް ބޭރުން ބީޗް ފްރޮންޓުން އަގު ބޮޑުކޮށް މުއްސަނދިންނަށް ވިއްކައިގެން އެ އަގު އަނބުރާ ހޯދަންވީ ކޮންމެވެސް އެހެން ގޮތަކުން. ކޮންމެވެސް އެހެން ނިޒާމަކުން. ނިކަމެތި ރައްޔިތުންނަށް ދޭ ގޯތީގެ އަގު ކޮންމެވެސް އެހެން ގޮތަކުން ހޯއްދަވާ. ނިކަމެތި ރައްޔިތުންގެ އަތަކުން ނޫން އެ ފައިސާ ހޯއްދަވަންޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލޭ ރައްޔިތުންނަށް 5،000 ގޯތި ދޫކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާނުގައި އިއުލާން ކުރެއްވި ނަމަވެސް އެކަމުގެ އެއްވެސް މަޝްވަރާއެއް މާލެ ސިޓީ ކައުންސިލާ ކޮށްފައި ނުވާ ކަމަށެވެ. މާލޭ ރައްޔިތުންނާ ގުޅޭ ކަންކަން ދުވަހުން ދުވަހަށް ބަލަހައްޓާ އިދާރާ އަކީ މާލެ ސިޓީ ކައުންސިލް ކަމަށްވާތީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭ ކަންކަމުގައި ކައުންސިލާ މަޝްވަރާ ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރައީސް ސޯލިހާއި ޕްލޭނިން މިނިސްޓަރު އަސްލަމާ ބައްދަލުކުރެއްވުމަށް ސިޓީ ފޮނުއްވާނެ ކަަމުގައިވެސް މޭޔަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް "ދައްޗާއި ތަކުލީފް ވަނީ އޭގެ ލާނިހާޔަތުގައި" ކަމަށެވެ.

"މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިހްސާސް އަބަދުވެސް އަޅުގަނޑަށްވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯއްޗާއި، ގުޅީފަޅުން މަދުވެގެން 2,000 ގޯއްޗާއި އަދި ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި ދޫކޮށް ތިލަމާލެ ބްރިޖު ގިރާވަރަށް ގުޅާލާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނާ އެކު މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ ހުޅުމާލޭގައި ވެސް މިސަރުކާރުން ގެންދަނީ މާލޭގެ ރައްޔިތުންނަށް 7،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.