ހުޅުމާލެ އަކީ ގާނޫނީ ވަކި ޝަހްސަކަށް ހަދައި އެތަނަށް ވަކި ކައުންސިލެއް ހޮވުމަށް އަވަސް އިންތިހާބެއް ބޭއްވުމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައްވައިފި އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދު ވިދާޅުވީ ހުޅުމާލެ އަކީ މުސްތަގުބަލްގައި ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭނެ ތަނަކަށް ވެގެންދާނެ ކަމަށެވެ. އެ ހާލަތުގައި ވިލިމާލެ، މާލެ އަދި ހުޅުމާލެ އެއް ސިޓީ ކައުންސިލަކުން ހިންގާނަމަ މުޅި ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ދާނެ ކަމަށެވެ. އޭރުން މައި ސަރުކާރަށް ވުރެ ސިޓީ ކައުންސިލް ބާރުގަދަވެ ސިޓީ ކައުންސިލާއި މައި ސަރުކާރުގެ ކޯޅުން މިހާރަށް ވުރެ ވެސް ބޮޑުވެ ދާހިލީ ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުދު ގަބޫލުކުރައްވަ އެވެ. އެހެންވެ އޭނާ ހުށަހަޅުއްވަނީ ހުޅުމާލެ ވަކި ގާނޫނީ ޝަހްސަކަށް ހަދައި އެތަނުގައި އަވަސް އިންތިހާބެއް ބާއްވާ ހުޅުމާލެއަށް ހާއްސަ ކައުންސިލެއް ހޮވުމަށެވެ.
"ހުޅުމާލެ އަކީ މާލެއާ މުޅިން ވަކިން ހިއްކައިގެން ހަދާފައި އޮތް ތަނެއް. އެތަން ހިއްކީ ވެސް އަދި އެތަން ތަރައްގީ ކުރަމުން ވެސް އެދަނީ ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ނަގާފައިވާ ލޯނާއި ރައްޔިތުންގެ ޓެކްސް ފައިސާ އިން. އަނެއްކާ ހުޅުމާލޭގައި ދިރިއުޅެމުން ދަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކުން އެތަނަށް ގޮސް އެތަނުގައި ދިރިއުޅޭ މިކްސްޑް ޖަނަރޭޝަނެއް. އެއީ ހަމައެކަނި މާލޭ މީހުންނެއް ވެސް ނޫން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ތާއީދެއް ނުކުރެވޭ ހުޅުމާލެ، މާލެ ސިޓީގެ ބައެއްގެ ގޮތުގައި އޮންނާކަށް،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމަށް މާލެ ސިޓީ ކައުންސިލާއިި އެޗްޑީސީން ދައުވާ ކުރާއިރު އެއީ އެ ދެ ތަނުގެ ބިމެއް ވެސް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުން ތަމްސީލް ކުރާ ދިވެހި ދައުލަތުގެ ބިމެއް ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމުގެ މައްސަލާގައި މިހާރު އުފެދިފައިވާ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ހުޅުމާލެއާ މެދު އަވަސް ގޮތްތަކެއް ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އެހެންނޫނީ އެކަމުގެ ހުރިހާ ގެއްލުމެއް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބި އެތަނުގައި އާންމު ހިދުމަތްތައް ދިނުމަށް ބޮޑެތި ދަތިތައް ކުރިމަތިވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ މިހާރު އޮތް ގޮތުންނާއި ލާމަރުކަޒީ ގާނޫނު އޮތް ގޮތުން ހުޅުމާލޭގައި އެޗްޑީސީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި އޮވެ ލޯކަލް ކައުންސިލަކުން ދޭން ޖެހޭ އާންމު ހިދުމަތްތައް ދެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަހަރެމެން ޑިމޮކްރަސީ ގެނެސްގެން ތިބި ހުޅުމާލޭގައި މިހިނގަނީ ކޮމިއުނިސްޓް އުސޫލުތަކާއި ކޯޕަރައިޓްޒް އުސޫލުތައް. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް ނޫން. އަދި މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދާކަށް ވެސް ތާއީދެއް ނުކުރަން. ހުޅުމާލެ އަށް ހާއްސަ ކައުންސިލެއް ހޮވަންޖެހޭނީ،" ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމާލެ އަށް ވަކި ސިޓީއެއްގެ ދަރަޖަ ދިނުމުން މައި ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނަމަ ރާއްޖޭގެ ވެރިރަށް ގާނޫނުގައި އޮންނަ އުސޫލަކުން ހުޅުމާލެއަށް ބަދަލުކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ކަންކުރާ އުސޫލަށް ބަލާއިރު ރާއްޖޭގެ ވެރިރަށް ވަކި ރަށެއްގައި ތާއަބަދު ހުރުން ލާޒިމު ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ހުޅުމާލެ ވަކި ސިޓީ އަކަށް ހެދި ނަމަވެސް ވިލިމާލެ ވަކި ސިޓީ އަކަށް ނުވަތަ ވަކި ކައުންސިލެއްގެ ދަށުން ހިނގާ ރަށަކަށް ހެދުމަށް މިވަގުތު ތާއީދު ނުކުރައްވާ ކަމަށްވެސް ސައުދު ވިދާޅުވި އެވެ.
"ވިލިމާލޭގައި މިވަގުތު ނެތް ހުޅުމާލޭގައި އޮތް ވަރުގެ އާބާދީއެއް ވެސް ވަސީލަތްތަކެއް ވެސް. އަދި ހުޅުމާލެއާއި ވިލިމާލެއާއި ދެމެދު އޮތް އެންމެ ބޮޑު ތަފާތަކީ ވިލިމާލެ އަކީ ގުދުރަތީ ވަކި ރަށެއް. އެރަށަށް ސަރުކާރަށް ބޭނުން ގޮތެއް ނިންމިދާނެ މާލޭގެ ބައެއްގެ ގޮތުގައި ހެދުމަށް. އެކަމަކު ހުޅުމާލެ އަކީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާ އިން ހިއްކާ ތަރައްގީ ކުރި ތަނެއް. އެހެންވީމާ އެތަނެއް ނުހެދޭނެ ވަކި ބަޔަކަށް ނިސްބަތްވާ ރަށަކަށް،" ސައުދު ވިދާޅުވި އެވެ.
ސައުދު އިތުރަށް ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް މަސައްކަތް ކުރައްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިސަރުކާރުގައި ކައުންސިލްތަކަށް ބާރުތަކެއް ދޫކޮށްލާފައިވާ ކަން ވެސް ސައުދު ފާހަގަކުރެއްވި އެވެ. އެކަމަކު މައި ސަރުކާރު ހިންގާ ސިޓީގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމުގައި ބައެއް ބާރުތައް ދޫކޮށްލުމަށް ސަރުކާރު އަދިވެސް ފަސްޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.