ހުޅުމާލެ

ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން ގާނޫނީ ހުރަސްތަކެއް

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށް ހުޅުމާލެ ބަދަލުކުރެވޭނީ ގާނޫނުތަކަކަށް ބަދަލު ގެނެސްގެން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކުވެރިކަމުގައި އޮތް ބިމެއް ކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. ހުޅުމާލޭގެ ރައްޔިތުންނަށް ދޭ ހުރިހާ މުނިސިޕަލް ހިދުމަތްތަކެއް މިވަގުތު ދެނީ ވެސް އެޗްޑީސީގެ ބަޖެޓުން ކަމަށްވާތީ ކުއްލިއަކަށް ހުޅުމާލެއާ މެދު ގޮތްތަކެއް ނިންމަން ދަތިވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރާނަމަ ބަޖެޓަށް ވެސް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އަދި އެޗްޑީސީގައި މުނިސިޕަލް ހިދުމަތްތަކަށް އޮތް ބަޖެޓް ސިޓީ ކައުންސިލަށް މިވަގުތު ކުއްލިއަކަށް ބަދަލުކޮށްލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މޭޔަރު އެ ވިދާޅުވާ ގޮތަށް ކޮންމެހެން އެޗްޑީސީ ކުންފުނީގެ ބަޖެޓަކުން ސިޓީ ކައުންސިލްގެ ބަޖެޓަކަށް ޓްރާންސްފާއެއްވެސް ނުކުރެވޭނެ،" ގާނޫނީ ދަތިތައް ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމުގެ ވާހަކަ މަބްރޫކް ދައްކަވާފައި މިވަނީ ހުޅުމާލޭގެ 1800 މީހުންގެ ސޮޔާއި އެކީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮންނެވެ. އެ ޕެޓިޝަނަކީ އެޗްޑީސީގެ ދަށުން ހުޅުމާލެ ނެގުމަށްފަހު ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ބޭނުންވާ ކަމަށް ބުނެ ހުށަހެޅި ޕެޓިޝަނެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބަޔަކު ޕެޓިޝަނެއް ހުށަހަޅާފައިވަނީ އެޗްޑީސީން ދޭން ޖެހޭ ހިދުމަތްތައް ރަނގަޅަށް ނުދެވޭ ކަމަށް ބުނެ އެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަށްޓަކައި މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާއި އެކު ރައީސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހާއެކު މިހާތަނަށް ބޭއްވި ހަމައެކަނި ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކޮށްދޭން އެދިވަޑައިގެންފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ވަނީ އެކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެ މަސައްކަތް ލަސްވާ ކަަމަށް ވިދާޅުވެ މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.