ހުޅުމާލެ

ހުޅުމާލޭގެ ބިމުގެ މިލްކުވެރިޔަކީ އެޗްޑީސީ: ނިޔާޒު

Dec 9, 2021
3

ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އަދިވެސް ހުޅުމާލޭގެ ބިމުގެ މިލްކުރެވި ފަރާތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ނިޔާޒު ވިދާޅުވީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމުގައި ސިޓީ ކައުންސިލުން އަމަލުކުރި ގޮތް ރަނގަޅު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށާއި ނަމަވެސް އެތަނުގެ ބިމަކީ އެޗްޑީސީގެ ބިމެއް ކަމަށެވެ. އެޗްޑީސީއަށް އެ ބިން ރަޖިސްޓްރީ ކޮށްދީފައިވަނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ހުޅުމާލެއާ ގުޅޭ ނިންމުންތައް ނިންމަންވާނީ ސިޓީ ކައުންސިލާއި އެޗްޑީސީއާ އަދި ސަރުކާރާ ވާހަކަ ދެކެވިގެން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރުމަށްވުރެ ބޮޑު މައްސަލައެއް. ސިޓީ ކައުންސިލުން ނިންމިޔަސް އެޗްޑީސީން ނިންމިޔަސް އެ ނިންމާ ކަމެއްގެ ސަބަބުން ގެއްލުންވާނީ ރައްޔިތުންނަށް. ދެ ފަރާތުން ވާހަކަ ދައްކައިގެން ކަމެއް ހައްލު ނުވިއްޔާ އަޅުގަނޑު ދެކޭ ގޮތުގައި އެމައްސަލާގައި ކޯޓަށް ގޮސްގެން ހައްލު ހޯދަންވާނީ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ކަންވެސް ކުރައްވަމުން ގެންދަވާ އަލީ ނިޔާޒު ވިދާޅުވީ އެޗްޑީސީގެ މުވައްޒަފުންނާއި ބަޖެޓް ބޭނުންކޮށްގެން ހުޅުމާލޭގައި މިހާރު ވެސް އެޗްޑީސީން އާންމު ހިދުމަތްތައް ދެމުންދާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި އާންމު ހިދުމަތްތައް ދޭން ބޭނުންވާނަމަ އެޗްޑީސީއާ ވާހަކަދައްކައިގެން ދެފަރާތުން އެމްއޯޔޫއެއްގައި ސޮއި ކޮށްގެން ދެ ފަރާތް އެއްބަސްވާ ގޮތަކަށް ހުޅުމާލޭގައި ސިޓީ ކައުންސިލަށް ހިދުމަތް ދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެޗްޑީސީން އެ ހުށަހެޅުން ވެސް ސިޓީ ކައުންސިލަށް ހުށަހަޅާފައި އޮތީ. އެކަމަކު ސިޓީ ކައުންސިލުން ބޭނުންވަނީ އެޗްޑީސީން އާންމު ހިދުމަތް ދޭން ބޭނުންކުރާ ބަޖެޓާއި އެޗްޑީސީގެ މުވައްޒަފުން ވެސް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ވެސް ސިޓީ ކައުންސިލުން ބޭނުންވޭ. އެހެންވެ އެކަމުގައި ދެ ފަރާތުގެ ދެމެދުގައި ހިޔާލުތަފާތުުވުން އުފެދިގެން އެ އުޅެނީ. މާލޭގައި މިހާރުވެސް ފެނާއި ކުނީގެ ހިދުމަތް ދެމުން އެ ދަނީ އެ ކުންފުނިތަކާއި ސިޓީ ކައުންސިލް ގުޅިގެން. ހުޅުމާލޭގައި ވެސް އެގޮތަށް އެޗްޑީސީއާ ގުޅިގެން ސިޓީ ކައުންސިލަށް މަސައްކަތް ކުރެވޭނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޑީސީން ހުޅުމާލޭގެ ބިންތައް ތަރައްގީ ކުރުމަށް އެކިއެކި ބޭންކުތަކުން ލޯން ނަގާފައިވަނީ އެ ބިންތައް ރަހުނުކޮށް އެ ބިންތަކުގެ ވެރިފަރާތަކީ އެޗްޑީސީ ކަމަށް އެއްބަސްވުންތަކުގައި ލިޔެގެން ކަމަށެވެ. ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން މިވަގުތު ސިޓީ ކައުންސިލަށް ދިނުމަށް ސަރުކާރަށް ވެސް ދަތިތަކެއް ހުންނާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ސިޓީ ކައުންސިލާއި އެޗްޑީސީއާ ވާހަކަދައްކައިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެއްލުން ނުވާ ގޮތަށް ކުރިއަށް ދިއުން ކަމަށްވެސް ވިދާޅުވި އެވެ.

"އެޗްޑީސީގެ އޯނާޝިޕްގައި އޮތް ބިމެއް ކުއްލިއަކަށް ސިޓީ ކައުންސިލަށް ބަދަލުކޮށްލަން ބުނާއިރު އެގޮތަށް ކަންކޮށްފިނަމަ އެޗްޑީސީން ނަގާފައި ހުރި ލޯންތައް ޑިފޯލްޓްވެ އެޗްޑީސީއާ ސަރުކާރަށް ލިބޭނެ ބޮޑެތި ގެއްލުންތަކެއް ހުންނާނެ. މޭޔަރަށް ވެސް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މިފަދަ ކަންކަމަކީ އަޅުގަނޑުމެން ސިޔާސީ ގޮތުން ވިސްނައިގެން ކުރަންޖެހޭ ކަހަލަ ކަންކަމެއް ނޫން،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލީ ބޭފުޅެއް ކަމުގައިވާ އަލީ ނިޔާޒު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގައި އޮތް ތަނެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށާއި ސިޓީ ކައުންސިލްގެ އިހްތިސޯސުން ހުޅުމާލެ ވަކިކުރަން އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ. ހުޅުމާލޭގެ އިހްތިސާސް ކައުންސިލަށް އޮތުމަކީ އެތަނުގެ ހުރިހާ ބިމެއް ކައުންސިލްގެ ބާރުގެ ދަށުގައި އޮތުން ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް އަލީ ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.