ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާ އެކަން ކުރުމަށް ސަރުކާރުން ފަސްޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަސް ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމަނިކުފާނު ވަނީ އެ ވައުދުތަކުރާރު ކުރައްވާފައެވެ. ނަމަވެސް އިންތިހާބަށް ފަހު ސަރުކާރުން ވަނީ އެކަން ކުރުމަށް ގާނޫނީ ބައެއް ހުރަސްތައް ހުރި ކަމަށް ބުނެފައެވެ.
އެކަމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ބެލެނިވެރިކަން ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ސޯލިހު އަދި ހުޅުމާލެ ދާއިރާގެ މެންބަރު ނިޔާޒުވެސް ވިދާޅުވި ކަމަށާ އެކަން ނުކުރެވި ފަސްވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މުނިސިޕަލް ހިދުމަތްތައް ކުންފުންޏަކަށް ނުދެވޭނެ ކަމަށެވެ. އަދި ސަރުކާރުން އަމަލު ކުރާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ސިޓީ ކައުންސިލްގެ މައްޗަށް އޮތް ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅިފަައިވާ ކަމަށެވެ.
"ކުންްފުންޏަކުންނެއް ރައްޔިތުންނަށް މުނިސިޕަލް ހިދުމަތެއް ނުދެެވޭނެ. އަދި ލާމަރުކަޒީ ގާނޫނުގައި ސާފުކޮށް އެކަން ބަޔާންކޮށްފައި ވަނިކޮށް. ދާއިރާއަށް އެބަހުރި ކައުންސިލެއް އިންތިހާބުކޮށްފައި. ކޮބައިތޯ އެ ކައުންސިލަރުގެ ހައްގުތައް. ކައުންސިލަރު ކޮށްދޭން ޖެހޭ ކަންކަން އެބަހުރި ގާނޫނުގައި ބަޔާންކޮށްފައި. އަޅުގަނޑު [މޭޔަރު] ކޮށްދޭން ޖެހޭ ކަންކަން އެބަހުރި ގާނޫނުގައި ކަނޑައަޅާފައި. އެހެން ނަމަވެސް އެކަންކަން ކިހިނެތްތޯ ކުރެވޭނީ. އެކަމުގެ ދޮރު އެ އޮތީ ބަންދުކޮށްފައި. ކުންފުންޏަކުން އެކަން އެކުރަނީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތި،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެޗްޑީސީން މަސައްކަތް ކުރާތަން ފެންނަނީ ވިޔަފާރި އުސޫލުން ހުރިހާ ކަމެއްވެސް ކުރަމުންދާ މަންޒަރު ކަމަށެވެ. ނަމަވެސް އެއީ އެޗްޑީސީގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވިއެވެ. އެޗްޑީސީއަކީ ވިޔަފާރި ކުންފުންޏަކަށްވުމުން އެ ކުންފުނީގެ ވިސްނުން ހުންނާނީ އެގޮތަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެޗްޑީސީގެ ވެރިންނާ އެކު ކުރެވުނު މަޝްވަރާތަކުން ހުޅުމާލޭގެ ބެލެނިވެރިކަން ސިޓީ ކައުންްސިލާއި ހަވާލުކުރަން އެ ކުންފުނިން ދެކޮޅު ނުހަދާކަން ހާމަވި ކަމަށެވެ. ސަރުކާރުގެ ޕޮލިސީ ޑިޒިޝަނެއް އައުމުން އެކަމަށް އެ ކުންފުނި އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
މިހާރު ދިމާވެފައިވާ މައްސަލަތަކުގެ އަސްލަކީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ގާނޫނީ މަސައްކަތްތަކެއް ނުކޮށް ފަސް ކުރެއްވުން ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެފަދަ ނިންމުމަކަށް ވަގުތު ނަގަނީ ކޮން ސަބަބަކާއި ގުޅިގެންކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ހީވޭ އިންތިހާބުގެ ނަތީޖާއާ މިކަމާއި ގުޅޭހެން. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ މިކަމުގައި އަދި ދޫދެއްވާނެ ކަމަށް،" އިންތިހާބުން ރައީސްގެ އެމްޑީޕީއަށް މާލެއިން ލިބުނު ބޮޑު ނާކާމިޔާބަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.