ރިޕޯޓް

މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާ އަޅާކިޔޭނެތަ؟

Sep 2, 2022
4

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ނިމިގެން ދިޔަ އެމެޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކުގައި މިހާރުވެސް އެ ރަށުގެ ރައްވެހިންނަށް ދޭއިސްކަން މާލޭގެ ރަޖިސްޓްރީގައިވާ މީހުންނަށްވެސް އެ ހައްގު އެގޮތުގައި އޮންނަން ވާނެކަމެވެ. އިންސާފުވެރިއެއް ނޫންތޯ އެވެ. މާލޭ މީހާވެސް ވަކި ތަފާތުކޮށްގެން ނުވާނެތާ އެވެ.

ރަނގަޅު ވާހަކަ އެކެވެ. މާލޭގައިވެސް އެތައް ރައްޔިތުންނެއް ކުއްޔަށް އެބައުޅެވެ. ލިބިފައި އޮތް ތަންކޮޅު ކުޑަކަމުންނެވެ. މެދުފަންތީގެ މޫސާރަ ލިބޭ ބައެއް މީހުން، ތަނަވަސްކޮށް އުޅުމަށްޓަކައިވެސް ކުއްޔަށް އެބަަ އުޅެންޖެހެ އެވެ. މާލޭގައި މިހެން އަމިއްލަ ގެއެއްގައި އުޅެން ބޭނުންވާ މީހުންގެ އަދަދު ހާހުން ގުނާލެވޭނެ އެވެ. އަދި އެއަށް ވުރެ މާލޭގެ ބޯހިޔާވެހިކަމުގެ ހައްގު ހޯދަން ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އަށް އައިސް ވަޒަންވެރިވެފައިވާ މީހުންގެ އަދަދު ގިނަވާނެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވަނީ އެވެ. މިއީ ކޮޓަރި ކޮޓަރީގައި ދެމަފިރިން އުޅެން ބޭނުންވާ ޒަމާނެއް ނޫނެވެ. އެއަށްވުރެ މިނިވަންކަމުގައި އުޅެން ބޭނުންވާ އިރެކެވެ. ދިރިއުޅުމުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވެ، ތަރައްގީވަމުން އަންނަ ގައުމަކަށް ވާތީ އެވެ.

ސަޕްލައި އާއި ޑިމާންޑް

މަތީގައި ދެންނެވުނު މައްސަލަ ތިލަކޮށްބަލާލީމާ ފަވާލެވުނީ ކުރެހުމެކެވެ. ފެންނަ ފެނުމަށް ވަރަށް ވެސް ހަމަހަމަ ސީދާ އުސޫލަކުންނެވެ. އަޑިއަށް ފީނާލަމާ ހިނގާށެވެ. މިހާރު މިދެކެވޭ މާލެމީހާ ރާއްޖެތެރޭމީހާގެ ހައްގުގެ ވާހަކަ އެއްފަރާތް ކޮށް، ވަކިކޮޅަކަށް ނުޖެހި މައްސަލަަކީ ކޮބައިކަން ފުންކޮށް ވިސްނާލަމާ ހިނގާށެވެ.

ހަގީގަތަކީ، ގްރޭޓާ މާލޭގައި ދެވެން އޮތް ބިން ކޮޅަށް ވުރެ، އެބިމަށް ބޭނުންވާ މީހުންގެ އަދަދު އެތައް ގުނައެއް ބޮޑުކަމެވެ. ބަހަން އޮތް ބިންކޮޅުގެ ސައިޒު މާކުޑަވީމަ އެވެ. މާލޭގައި ސަޕްލައި އަށް ވުރެ ޑިމާންޑް ބޮޑުކަން އަންގައިދޭ މީޓަރަކީ ބިމުގެ ކުލީގެ އަގެވެ. ބިން ގަންނަން އޮތް އަގެވެ.

ލާމު ގަަމަކީ މުސްތަގުބަލް އުޖާލާ ބިމުގެ އަގު އުފުލެން އޮތް ރަށެކެވެ. ބިމުގެ މާކެޓް ރޭޓު އުޅެނީ އެވްރެޖްކޮށް އަކަފޫޓަކަށް 183 ރުފިޔާ އެވެ. އެއީ 3،000 އަކަފޫޓްގެ ބިމެެއް 550،00 ރުފިޔާއަށް ވިއްކާނަމަ އެވެ. މިއަދަދު 750،000 ރުފިޔާއަށް އެރި ނަމަވެސް އެޖެހެނީ ގާތްގަނޑަކަށް އަކަ ފޫޓަކަށް 250 ރުފިޔާ އެވެ. އައްޑުއަށް ބަލާލައިފިނަމަ، ރޭންޖް އުޅެނީ އަކަފޫޓަކަށް 150 ރުފިޔާ އިން ފެށިގެން 300 ރުފިޔާއާ ހަމައަށެވެ. ގެސްޓް ހައުސް ހިންގާ މާފުށި، ދަރަވަންދޫ ފަދަ މަޝްހޫރު ރަށްތަތަކުގެ އަގުބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މިއަދަދު މާލޭގެ ބިމުގެ އަގު ކަމަށްވާ އަކަފޫޓަކަށް 6،000 ރުފިޔާއާއި 8،000 ދިވެހި ރުފިޔާއާ ދެމެދު އަޅާކިޔާލަމާ އެވެ. މިއީ ދެން އެންމެ ވާދަކުރާ ސިޓީ ކަމަށްވާ އައްޑޫއާ އަޅާބަލާއިރު 27 ގުނަ ބޮޑު، 2،600 ޕަސަންޓަށް ވުރެ ބޮޑު އަދަދެކެވެ. މިދެންނެވުނީ އާއްމު ރޭޓެވެ. މާލޭގެ ބައެއް ހިސާބުތަކުން 10،000 ރުފިޔާ އަކަ ފޫޓަކަށް ވެސް އަރައިގެން ގޮސްފައި އެބަހުއްޓެވެ.

މީގެ އިތުރުން ރަށްރަށުގެ ބިމުގެ އަގަކީ، މާލޭގައި އެޕާޓްމަންޓު ގަތުމުގެ އަގަށްވުރެ ވެސް ކުޑަ އަގެކެވެ. މާލޭގައި އެޕާޓްމަންޓު ވިއްކަނީ އަކަފޫޓަކަށް 3،000 އާއި 4،000 ރުފިޔާގެ މެދުތެރޭގެ އަގަކަށެވެ. މިއީ ސަރުކާރުން ވަކި ކަނޑައެޅި އަގުތަކެއް ނޫނެވެ. މާކެޓް ރޭޓެވެ.

ދެން އޮތީ ކުލީގެ ވާހަކަ އެވެ. މާލޭގައި ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު އުޅެނީ އެވްރެޖްކޮށް 23،000 ރުފިޔާ އިން މަތީގަ އެވެ. އައްޑޫ އަދި ލާމު ގަން ފަދަ ކުލީގެ ގޮތުން ދެން އެެންމެ ޑިމާންޑް އޮތް ރަށްތަކުގައި ކުލި އެވްރެޖްކޮށް އުޅެނީ 3،000 ރުފިޔާއާއި 8،000 ރުފިޔާއާ ދެމެދުގަ އެވެ. މިހެން ދެންނެވިއަސް ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ކުއްޔަށް ދިނުމަކީ ދާއިމީ ފުރުސަތެއްވެސް އޮތް ކަމެއް ނޫނެވެ. ނިސްބަތުން ވަރަށް ކުޑަ މީސްކޮޅަކަށް ލިބިފައި އޮތް ނަސީބެކެވެ. އެވަރަށް ޑިމާންޑް ނެތުމުންނެވެ. ޓީޗަރުން ނުވަތަ ޑޮކްޓަރުން ބަހައްޓަން ލިބޭ ފަހަރެއްގައި ދެންހުރި ކުދި ރަށްތަކުގައި ކުއްޔަށް ދެވޭނީ އެވްރެޖްކޮށް 2،000 ރުފިޔާ އަށެވެ. މިއީ މާލޭގެ ބިމާއި ރާއްޖެތެރޭގެ ބިމުގެ ފަރަގެވެ.

ވީމާ މާލެއަށް ދިމާވެގެން މިއުޅެނީ ސަޕްލައި-ޑިމާންޑް މައްސަލަ އެކެވެ. އިކޮނޯމިކްސްގައި، ޑިމާންޑް، ސަޕްލައިއަށްވުރެ ބޮޑު ވެއްޖެނަމަ އަގު އުފުލޭނެ އެވެ. ސަޕްލައި ޑިމާންޑަށްވުރެ ބޮޑުވެއްޖެނަމަ، އަގު ވެއްޓޭނެވެ. މިއީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. ސުވާލަކީ، ބިމުގެ މައްސަލަ ވަކިން ބޮޑަށް މާލޭގެ ބިމުގެ މައްސަލަ ބޮއްސުންލާ ވަރަށް މައްސަލަ ގޯސްވީއިރު، ސަރުކާރަށް މި މައްސަލައަށް ހައްލެއް ނުގެނެވެނީ ކީއްވެގެން ހެއްޔެވެ. ސަރުކާރު ހޮވަނީ މިކަންކަން ކުރާކަށް ނޫން ހެއްޔެވެ. އެކަމަކު ސަރުކާރުގެ މިސްރާބު އަދިވެސް ހުރީ ޑިމާންޑް އުފުލުވުމަށެވެ.

ބިމުގެ ޖާގަ ބޮޑުކުރަން ބިމުގެ ދަތިކަން އޮންނަ ސިޓީތައް، މިސާލަކަށް ޓޯކިއޯ، ނިިއުޔޯކްއިން ބިން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް، އުސް އިމާރާތް އަޅަނީ އެވެ. އެއީ ބިމަކީ ތިރިން ފުޅާ ކުރަން އުދަނގޫ މަތިން ގުނަ ގުނަކުރަން ފަސޭހަ އެއްޗަކަށްވީމަ އެވެ.

ދެން ސިންގަޕޫރަށް ބަލަމާ ހިނގާށެވެ. އެގައުމަކީ ދުނިޔޭގައި ދެވަނައަށް ޕޮޕިއުލޭޝަން ޑެންސިޓީ އެންމެ ބޮޑު ގައުމެވެ. އެ ގައުމުގެ 90 ޕަސަންޓް ބިމަކީ ޕަބްލިކް އޯނޑް އެސެޓެވެ. އަމިއްލަ ފަރުދުންގެ މިލްކުވެރިކަމަކީ ވަރަށް ކުޑަ މިންވަރެކެވެ. އެގޮތުން 80 ޕަސަންޓް ސިންގަޕޫރު ރައްޔިތުން ދިރިއުޅެނީ ސަރުކާރުން ހަދާފައިވާ ސޯޝަލް ހައުސިންގަ އެވެ. މިދައްޗާހުރެވެސް ސިންގަޕޫރަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްމެ ސާފު އެއް ގައުމެވެ.

މިކަމުން ލިބެންވީ ކޮން އިބުރަތެއް ހެއްޔެވެ. ކަމެއްގެ ރަނގަޅު ހައްލެއް ހޯދަން ބޭނުންނަމަ، އެކަމެއް އެއްމެ ރަނގަޅަށް ކުރާ ބަޔަކު ކުރަނީ ކިހިނެއްތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެއް ކަމެވެ.

ޕޮޕިއުލޭޝަން ޑެންސިޓީ

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ހަތަރުވަނަ އަށް އެންމެ ޕޮޕިއުލޭޝަން ޑެންސިޓީ ބޮޑުރަށެވެ. އެއީ އަކަ ކިލޯމީޓަރަކަށް 1802 މީހުންނެވެ. ސަބަބަކީ ރާއްޖޭގެ 90 ޕަސަންޓަށް ވުރެ ބޮޑީ ކަނޑުގެ ސަރަހައްދު ކަމުން، ބިމުގެ ސަރަހައްދުގެ ގޮތުގައި އޮތީ 300 އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ވުމެވެ. މީގެންވެސް ދައްކައިދެނީ، ރާއްޖޭގެ ބިމަކީ އަގުހުރި އެއްޗެއް ކަމެވެ.

މާލެއާއި ދެންހުރި އެންމެ ބައިބޯ ދިވެހި ރަށްތަކާ އަޅާކިޔާލަމާ ހިނގާށެވެ. މިރަށްރަށުގެ ކައުންސިލްތަކުގެ ވެބްސައިޓްތަކުން އެއްކުރެވުނު މައުލޫމާތަށް ބިނާކޮށް ތިރީގައި އެވާ ޓޭބަލްގައި އެވަނީ ޕޮޕިއުލޭޝަން ޑެންސިޓީ އޮތް މިންވަރުގެ ފަރަގެވެ.

މާލެ ފިޔަވާ އެންމެ ގިނަ މީހުން ދިރިއުޅޭ އައްޑޫ ސިޓީއާ އަޅާކިޔާނަމަ، މާލޭގެ ޑެންސިޓީ ހަތަރުގުނަ ބޮޑެވެ. ކުޅުދުއްފުއްޓަށް ބަލަނީނަމަ އަށް ގުނައެވެ. ތިނަދޫ ނަމަ ނުވަ ގުނަ އެވެ. ފުވައްމުލަށް ނަމަ 23 ގުނަ އެވެެ.

ވީމާ، މާލެއާއި އެހެން ރަށްތަކާ އެއްވަރުކޮށް އެއްއުސޫލަކުން ބިން ދޫކުރުމަކީ، ހައި ޑެންސިޓީ، މީޑިއަމް ޑެންސިޓީ އަދި ލޯ ޑެންސިޓީގެ މިންގަނޑަށް ދަރަޖަ ނުކޮށް، އެއްތަންގަނޑަކުން ކަންކުރުމެވެ. ގްރޭޓާ މާލެ އަކީ ހައި ޑެންސިޓީ ހިސާބަކަށްވެފައި، އެ ސަރަހައްދުން ކޮންމެ ބަޔަކަށް ބިން ދިން ކަމުގައިވީ ނަމަވެސް، އެ އެޅެނީ ވަރަށް ބޮޑު ޅައެއްޗެކެވެ. ފަހުން ދެރަވާނެ ގޯހެކެވެ. މީގެ އަހަރު ތަކެއް ކުރިން ހުޅުމާލެއިން ހަމަ މިބީދައިން ބިން ދޫކުރި އުސޫލުންނެވެެ.

ބިން ދެވެން އޮތް މިންވަރު

އެހެން ރަށްތަކާ މާލެއާ އަޅާ ދެން ނުކިޔެނީ އެ ރަށްތަކުން ބިން ދޫކުރެވެން އޮތްލެއް ނިސްބަތުން ބޮޑުވުމުންނެވެ. ބިމުގެ ޖާގަ ކުޑަވެފައި އޮތް ރަށެއް ނަމަ، ސަރުކާރުން ބިން ހިއްކައިގެންވެސް މި ޑިމާންޑަށް ބިމުގެ ގޮތުގައި ނުވަތަ ފުލެޓްގެ ގޮތުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ދެވެން އޮތުމުންނެވެ. މިސާލަކަށް މާލޭ ރައްޔިތަކު މިހާރުވެސް ހުވަދު އަތޮޅުގެ އެންމެ ބައިބޯ ރަށް ކަމަށްވާ ތިނަދޫގެ ދަފްތަރުގައި ޖެހެންވީ އެވެ.

ތިނަދޫ ކައުންސިލުން މިހާރު އަންގާގޮތުން އެރަށުގެ ދިރިއުޅޭކަށްވެސް ނުޖެހެއެވެ. އެރަށުން މިވަގުތު 200 ރޯހައުސް އާއި 100 ގޯތި ދޫކުރުމަށް ވަނީ ހަމަޖެެހިފަ އެވެ. އެ ތަންތަން ދޫކުރާނެ ގޮތެއް އަދި ކަނޑައެެޅިފައި ނެތަސް އެރަށުގެ ކައުންސިލުން ދަނީ އެހިސާބުގެ ރަށްރަށުން ހިޖުރަކުރުމަށް ހިތްވަރުވެސް ދެމުންންވެ. އެއީ ސިޓީ އަކަށްވާން އެކައުންސިލުން ކުރާ މަސައްކަތުގެ ތެރެއިންނެވެ. ނަމަވެސް ސުވާލަކީ މާލޭ މީހާ ދާނެތޯ އެވެ؟ އެއީ ކީއްވެގެން ތޯއެވެ؟ ވީމާ މާލެ އާއި އެހެން ރަށްތަކާ އެއްވަރު ކުރުމަކީ ލޮޖިކަލް ނަޒަރަކުން ބަލާނަމަ، ފޯލްސް އިކުއިވަލެންސެކެވެ. ނުވަތަ ނުބައި އަޅާކިޔުމެކެވެ.

ދެން ހުރި ރަށްތަކުން، އާންމު ގޮތެއްގައި ފަސް އަހަރު ދިރިއުޅުމުން، ރަށުގެ ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ބިމުގެ ޖާގަ އޮތް މިންވަރަށް ބަލައި، ޕޮއިންޓް ސިސްޓަމް އަދި ގުރުއަތުން ހޮވޭ ގޮތަށް ބިން ނުވަތަ ފްލެޓް ދޫކުރެ އެވެ. ނަމަވެސް ގިނަފަހަރު މިހެން ދޫކުރާ ބިންތަކުގެ ކުޑަ މިންވަރެއް މެނުވީ އަހަރެއް ދާއިރުވެސް ގެެއެއް ނޭޅެ އެވެ. އެއް ރަށެއްގެ ކައުންސިލަރަކު ވިދާޅުވި ގޮތުންނަމަ އެއީ ގިނަފަހަރު އަރާމުގައި އާއިލީ ގެއެއްގައި އުޅެވެން އޮތުމުން، އަމިއްލަ ގެއެއް ހެދުމުގެ ބުރަ މަސައްކަތުގައި ނޫޅެވެނީ އެވެ. ސަރުކާރުގެ ބިމާބެހޭ ގާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައި ދިރިއުޅުމަށް ދޫކުރާ ބިމުގައި ފަސް އަހަރުގެ ތެރޭގައި ދިރިއުޅެން ނުފަށާނަމަ އަނބުރާ ބިން އަތުލެވޭނެ ކަމުގައި ބެނެފައި އޮތަސް އެކަން އެގޮތަށް ސަރުކާރުން ތަންފީޒުކުރަން ބޭނުން ނުވަނީ އެވެ. ކައުންސިލްތަކުން މިކަމަށް ހައްލެއް ހޯދަން އުޅުނު ކަމުގައިވީ ނަމަވެސް ސަރުކާރުން އަދި މިމައްސަލައަށް ވަނީ ގޮތެއް ނުނިންމަ އެވެ.

ދޮންފުތު މާލެ

ދައުލަތުގެ ބަޖެޓަށް ބަލާލީމާ، ސްކޫލްތަކުން ފެށިގެން ހޮސްޕިޓަލް ތަކަށް ކުރާޚަރަދު އެހެންރަށް ތަކާ މާލެއާ އަޅާބަލާއިރު މުޅިން ނުބައްދަލެވެ. 2020ގެ ބަޖެޓުގައި، މާލޭ ގްރޫޕް ހޮސްޕިޓަލް ތަކަށް 2020ގެ ބަޖެޓުގައި މުޅިއެކު 1491،468،771 ރުފިޔާ ކަނޑައެޅުނު އިރު، ރަށަކަށް ސިޓީއަކަށް ނުބަލާ، މުޅި ދިވެހިރާއްޖޭގެ އެހެން ހުރިހާ ހޮސްޕިޓަލް ތަަކަށް ބަޖެޓްކުރެވުނީ 1706،777،298 ރުފިޔާ އެވެ. މި އަހަރުގެ ހެލްތް މިނިސްޓްރީއަށް އޮތް ބަޖެޓް ބަލާލުމުން އައިޖީއެމްއެޗް އަށް އެކަނިވެސް 54 ޕަސަންޓް ޚަރަދު ކަނޑައަޅާފައިވެ އެވެ. ދެން އެޑިއުކޭޝަން އިންފްރާސްޓްރަކްޗަރަށް ބަލާލާއިރު، އެއްމެ ބޮޑު ޚަރަދެއް ދަނީ ހުޅުމާލޭ ފޭސް ދޭއްގެ ސްކޫލްތަކަށް ކަމަށް 2022ގެ ބަޖެޓް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެއީ މިހާރު ހަދަމުންދާ ސްކޫލަކާއި އިތުރަށް އެޅުމަށް ކަނޑައެޅިފައިވާ ހަތަރު ސްކޫލެވެ.

ދެން ކައުންސިލް ތަކަށް ބަލަމާތޯ އެވެ. މާލެ އަށް އޮތް ބަޖެޓަކީ ދެން އެންމެ ބޮޑަށް ޚަރަދު ކުރާ އައްޑޫ ސިޓީ އަށް ވުރެ ދެގުނަ ބޮޑު ބަޖެޓެކެވެ. މިއާއެކު، ދަންނަވާލަން އޮތީ އެވްރެޖްކޮށް ރަށު ކައުންސިލަކަށް ލިބޭނީ މިބަޖެޓްގެ 0.5 ޕަސަންޓް ކަމެވެ. ދައުލަތުގެ ބަޖެޓުގެ ތެރެއިން، ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއައިއެސްޕީ) ނުވަތަ އުމްރާނީ ތަރައްގީ މަޝްރޫއުތަކަކީ އެންމެ ބޮޑު ޚަރަދުދާ ސެކްޓަރެވެ. އެއީ ބަޖެޓުގެ 17 ޕަސަންޓް ކަމަށްވާ 6.3 ބިލިއަން ރުފިޔާ އެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، ގްރޭޓާ މާލެއަށް 16 ޕަސަންޓް ބަޖެޓްކޮށްފައިވާއިރު ދެން ހުރި ރަށްތަކަަށް އަނެއްކާވެސް އެވްރެޖްކޮށް ޖެހެނީ 0.5 ޕަސަންޓެވެ.

ސަރުކާރުގެ މީޑިއާ، ޕީއެސްއެމް އިން، ދެ ދުވަހެއް ކުރިން ޝާއިއު ކުރި ލިއުމެއްގައި 440 މިލިއަން ރުފިޔާގެ ބިޔަ ހައުސިން މަޝްރޫއެއް ހދ. ކުޅުދުއްފުށީގައި ފެށުމުގެ ވާހަކަ ލިޔެފައި އޮތަސް، މިއަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް ކޮށްފައިވާ ބަޖެޓް ފެންނާކަށް ނެތެވެ. އެގޮތުން މިއަހަރަށް މުޅި ޖުމްލަ ކުޅުދުއްފުށްޓަށް ކަނޑައަޅާފައިވަނީ 103 މިލިއަން ރުފިޔާ އެވެ. އެއީ ޕީއައިއެސްޕީ ބަޖެޓުގެ ދެ ޕަސަންޓެވެ. މިއީ ކިހިނެތް ވެފައިވާ ކަމެއް ކެމެއް ނޭގުނު ކަމުގައިވީ ނަމަވެސް، މިއަހަރުގެ މުޅި ހައުސިން ބަޖެޓަކީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާ އެވެ. މާލެ އާއި ތިލަފުށި ގުޅުވާލުމުގެ މަޝްރޫއަށްވެސް މިއަހަރު ދަނީ ހަމަ މިހާ ވަރުގެ ހަރަދެކެވެ. އެހެން ވީމާ، ތަފާސް ހިސާބަކީ ބޭނުން ގޮތަކަށް އަނބުރާލެވޭނެ އެއްޗެކެވެ. އެއީ މުޅި މައުލޫމާތުގެ ބަދަލުގައި އެފަރާތަކުން ބޭނުންވާ ބައި ހިމަނައިގެން، މުއްދަތާ ކުޅެގެން ނެރޭ ތަސްވީރެކެވެ.

މި ހުރިހާ ތަފާސް ހިސާބަކަށް އިތުރުކޮށްލަން ދެން ބޭނުންވަނީ، ސަރުކާރުން ސިއްހަތަށާއި، ތައުލީމަށާއި، ދެން މި ދެކެވޭ ގުޅީފަޅު ޕްރެޖެކެޓަށް ކުރާ ޚަރަދުގެ ގާތްކަމެވެ. ސިއްހަތަށް 4.6 ބިލިއަން ރުފިއާ ކަނޑައަޅާފައިވާއިރު، އެޑިޔުކޭޝަންއަށް ހަތަރު ވަރަކަށް ބިލިއަން އަދި ގުޅީ ފަޅު ޕޮރެޖެކްޓަށް މުޅި ޖުމްލަ 1.8 ބިލިއަން ރުފިޔާ އެވެ. އެހެންވީމާ، މާލެ އާއި ދެން ހުރި ރަށްރަށާއި އަޅާ ކިއުމަކީ މަޖާޒީގޮތުން ބުނާނަމަ ފާފައެކޭވެސް ބުނެވިދާނެވެ. މިމަޝްރޫއު ތަކުގެ ސަބަބުން ބިމުގެ ވެލިއު އެތައް ގުނައަކަށް އަދިވެސް ބޮޑުވަމުން ދާނީ ގްރޭޓަ މާލެ އެވެެ. މަތީގައި ދެންނެވުނު ޑިމާންޑް އޮތީ ހަމަ މެކުހަށެވެ.

އިސްކަންދެނީ ކާކަށް

ރަނގަޅުވާހަކަ އެކެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން 30 ޕަސަންޓް ވަރު މީހުންނަކީ މާލެ ނޫން އެހެން ރަށްރަށުގެ މީހުންނެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރި ގޮތުން ރާއްޖޭގެ 75 ޕަސަންޓް އާބާދީ، ގްރޭޓާ މާލެއަށް ބަދަލުކުރުމަށް އޮތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދިޔަ ކަމެކެވެ. މިކަން ޔޫއެންއެފްޕީގެ ރިޕޯޓުތަކުންންނާއި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ރައީސް ޔާމީންގެ ބަސްދީގަތުމަކުން ސާފުވެ އެވެ. ރައީސް ޔާމީންގެ ސަރުކާރަށް ވިސްނުނީ، ރަށްރަށް ތަރަށްގީކުރުމަށް އޮތް ހަރަދަށް ވުރެ ރަށްރަށުގެ މީހުން އެއްތަނަކަށް ގެނެސް ބޭނުންވާ ހިދުމަތްތައް މީހުންނަށް ފޯރުކޮށް ދިނުމަކީ މާފަސޭހަ ގޮތެއް ކަމަށެވެ. އެގޮތަކީ ތަރައްގީގެ ދުވެލި މާބާރުވާނެ ގޮތެއް ކަމަށެވެ. އެގޮތުން މާލެ ހުޅުމާލެ ބްރިޖް އެޅި، ހިޔާ ފްލެޓްގެ މަސައްކަތް ފަށާ ގްރޭޓާ މާލޭގެ ކެޕޭސިޓީ ބޮޑުކުރެވުނެވެ.

މިއީ ވިސްނުން ހުރި ގޮތް ނަމަވެސް، ސިނަމާލެއިން ފެށިގެން މިއަދާ ހަމައަށްވެސް މާލޭގެ ބޯހިޔާވެހިކަމުގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ މާލޭ ރައްޔިތުންނޭ ކިޔާ މީހުންނަށެވެ. އެއީ ތަފާތު ކުރުމުގެ ގޮތުން ވިޔަސް ނުވަތަ މުޅިރާއްޖޭއަށް އެއް އުސޫލެއް ގެންގުޅެން ކަމުގައިވީ ނަމަވެސް ކަމުގެ ހަގީގަތް މިވަގުތަށް އޮތް ގޮތެވެ. މިކަމާ ދެބަސް ވެވޭނެ ޖާގަ އެއް ނެތެވެ. ޝަރުތުތަކާއި ޕޮއިންޓް ދޭ ގޮތް ބަލާލީމާ އިސްކަން ދެވެނީ ކޮންފަރާތަކަށް ކަމަށް ސަރީހަކޮށް ސާފުވާނެ އެވެ.

ވީމާ ރަށްރަށުން އަންނަ މީހުންނަށް މިފޮތިން ތަންކޮޅެއް ލިބުމަކީ އަދި މާލޭ މީހާ ހިތުގައި ޖެހެންވީ ކަމެއް ނޫނެވެ. އެކަމާ ކަންބޮޑުވެ ރަށްރަށުގައި ގެސްޓް ހައުސް އަޅާފައި މާލޭގެ ދިރިއުޅެނީ އޭ ބުނެލުމުން ނުފުދެ އެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ފަޅުވެފައިވާ އެތައް ގެއެއް އެބަހުއްޓެވެ. އެއީ ބައެއްގެ މައިފޫނު ގެތަކެވެ. އަޅާލާނެ ބަޔަކު ނެތި ވިރާނާވެފައި ހުރި ގެތަކެކެވެ. ސުވާލުކޮށްލަންވީ، ގޮތެއް އޮތްނަމަ އަމިއްލަ ގެދޮރު ދޫކޮށްލާފައި، އެއްވެސް މީހަކު އެހެން ރަށަކަށް ހިޖުރަކުރާނެ ހެއްޔެވެ. އެންމެ ކުރިންނަމަ އާއިލާ ދޫކޮށް، ރަށްޓެހިން ދޫކޮށް ޅައުމުރުގަ އެވެ. މިކަމުން ދިމާވާ ނަފްސާނީ ގެއްލުމަކީ އަދި މުޅިން ނުދައްކާ އޮތް ބޮޑު ވާހަކަ އެކެވެ.

މާލެއިން ފަޅުގޭގޭގެ މަންޒަރު މިހެން ނުފެންނާނެ އެވެ. ސަބަބަކީ މާލޭގެ ބިމަކީ އެހެން ދޫކޮށްލާ ވަރަށްވުރެ އަގު ހުރި އެއްޗަކަށް ވީމަ އެވެ. ދެންވެސް ބުނެވެން އޮތީ މާލޭ އާއި އެހެން ރަށްރަށާ، އެއް ނާޅިއަކުން ނުމިނޭނެ ކަމެވެ. އެކަން ބިމާ ބެހޭ ގާނޫނޫގެ 37 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތަށް، މާލެއިން ހާއްސަކޮށް އެއްވެސް ބިމެއްގައި ވަގުފު ނުކުރެވޭނެ ވާހަކަ އެ އޮތީވެސް ހަމަ ބިމުގެ އަގުބޮޑުކަން ސަރުކާރަށް އެގޭތީ ނޫން ހެއްޔެވެ.

މިދެންނެވުނު އެއްވެސް ކަމަކާ ރިއާޔަތް ނުކޮށް، އާބަން ޕްލޭނަކަށް، އިކޮނޮމިކްސް އަކަށް ނުބަލާ، ނުވިތާކަށް ފަހުގެ މާލޭ ރަށްވެހި ޖީލްތަކަށް ނުބަލާ، ދިވެހި ސަރުކާރުގެ ވިސްނުން މިއަދު ހުރީ މަދުމީސް ކޮޅަކަށް ބިން ދޫކުރުމަށެވެ. ޕޮލިސީ ހަދާނީ މިއަދަކަށް ނޫނެވެ. މާދަމާއަށްވެސް ބޭނުން ހިފޭ ގޮތަށެވެ. މިގޮތަށް ތާކުން ތާކުން ނުޖެހޭގޮތަށް އުސޫލު އެކުލަވާލީމާ، މިއަދު މާލޭ މީހާގެ ހައްގުގައި ގޯތި ހޯދަން ވަކާލާތުކޮށް އަޑު އުފުލާ މީހާގެ ވާރުތަވެރިންނަށްވެސް މިދެވެނީ ކެއްސެކެވެ. އޭނާގެ ދަރިންގެ ދަރިންްގެ ދަރިންގެ ހައްގު އަދު އެނާ އަށް ނުވިސްނުނަސް، ގައުމު ހިންގަން ތިބި ކަންކަމުގެ މައުލޫމާތު އެންމެ ފަސޭހައިން ލިބޭ ޒިންމާދާރު ވެރިން، އަހަރެމެން ރައްޔިތުންނަށް މިވަނީ ބޭއިންސާފެވެ.

ޒަމާނުއްސުރެ ވަކި ރަށް ތަކެއްގައި އެކަހަރިކޮށް އުޅެވިފައި އޮތުމުން، ދިވެހީންގެ ވިސްނުން ބައްޓަންވެފައިވަނީ، ތިމާގެ ރަށަކީ ތިމާގެ ހައްގެއްގެ ގޮތަށެވެ. ނަމަވެސް ހުސްއެކަނި ރަށާ ހަމައަށް ތިމާގެ އަމިއްލަވަންތަކަން ނިންމާލަން ވީކީ ނޫނެވެ. މިއީ ކޮށި ވިސްނުމުކެވެ. ނާތަހުޒީބު ސަގާފަތެކެވެ. ތިބޭނީ އެއްގައުމެއްގެ ރައްޔިތުންނެވެ. އަދި އެކިރަށް ރަށުގެ ރަށްވެހީންނެވެ.

އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ ދިރާސާ ލިޔުންތައް ލިޔުމަށް ޝައުގުވެރިވާ އައިމިނަތު ހަސަން "އަވަސް" އަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި މިވަނީ މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުގެ އާބާދީއާއި ބިމުގެ އަގަށް ބަލައިގެން ހިދުމަތް ދިނުމުގައި ތަފާތުކުރާ ކަމަށް ބުނެ ފުޅާކޮށް ބަހުސް ހިނގަމުންދާ ދުވަސްވަރެއްގަ އެވެ.