މާލޭގެ މޭޔަރުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ކުރެއްވީ މާލެ ބަދަލުކޮށްލުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވަމުންނެވެ. އެމަނިކުފާނު ނިކުންނެވީ ހާއްސަ ތަސައްވުރެއް ވެސް ހިފައިގެންނެވެ. މާލޭގެ ރައްޔިތުން އެ ޕްލޭނާއި ތަސައްވުރު ބަލައިގަނެ މުއިއްޒުއަށް މިއަދު ވަނީ މާލޭގެ މޭޔަރުކަން ރަސްމީކޮށް ހަވާލުކޮށްފަ އެވެ.
މުއިއްޒުގެ މައިގަނޑު ތަސައްވުރުގެ މައްޗަށް ކުރަހާލި ޕްލޭން، މިއަދު ވަނީ މާލެ ސިޓީގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ގޮތުގައި ފާސްކޮށްފަ އެވެ. ޕްލޭންގައިވާ އަމާޒުތައް މުއިއްޒު މިއަދު ވަނީ މަގާމާ ހަވާލުވެވަޑައިގެން ވަރަށް ތަފްސީލުކޮށް ހިއްސާކުރައްވާފަ އެވެ. ޕްލޭންގައި މާލެ ސިޓީ ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ގޮތްތައް އަދި މާލެ ސިޓީ އަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރުމަށް ނިންމާފައިވާ ކަން ވަނީ ހިމަނާފަ އެވެ. އެގޮތުން ހަތް އަމާޒެއް ހިމަނާފައިވާއިރު ކޮންމެ އަމާޒަކާ ގުޅިގެން އެތައް ބަދަލުތަކެއް ގެނެވޭނެ ކަމަށް މުއިއްޒު އުއްމީދު ކުރައްވަ އެވެ.
ޕްލޭނާއި އެއްގޮތަށް މާލެ ތަރައްގީ ކުރެވިއްޖެ ނަމަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލެ އަށް ޒަމާނީ ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. މަގުތަކުގައި ހިނގާލަން ފަސޭހަވެ ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރެވޭނެ އެވެ. ގޮދުވެރިކަމުން މަހުރޫމުވެފައިވާ މީހުންގެ މައްސަލަތަކަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ އެވެ.
މާލޭގެ ރައްޔިތުން ބިންވެރިކުރުން
ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ އެންމެ މުހިންމު އަމާޒަކަށް ހިމަނާފައި ވަނީ ކޮންމެ ރައްޔިތަކީ ބިންވެރި ރައްޔިތެއް ކަމުގައި ހެދުމުގެ އަމާޒެވެ. އެއީ ކެމްޕޭނުގައި ވެސް މުއިއްޒު އެންމެ އަޑުހަރުކޮށް ދެއްކެވި ވާހަކަފުޅެވެ.
މި އަމާޒުގެ ދަށުން މާލޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ލޭންޑް ޔޫސް ޕްލޭނެއް އަލުން އެކުލަވާލާނެ އެވެ. މާލެ އަދި ވިލިމާލޭގެ އެންމެ ނިކަމެތި ރައްޔިތުންނަށް ވެސް ދިރިއުޅެވޭނެ ހައުސިން މަޝްރޫއެއް ފެށުމަށް އަމާޒުގައިވެ އެވެ. ގުޅިފަޅަކީ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ތަރައްގީކުރެވޭނެ ތަނެއްގެ ގޮތުގައި ހަދާނެ އެވެ.
މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި ގުޅިފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުން ފިޔަވާ ސަރުކާރުގެ އެހެން މަޝްރޫއަކަށް ގުޅިފަޅު ހާއްސައެއް ނުކުރެވޭނެ އެވެ. ގުޅިފަޅުގައި އެ ނޫން ކަމެއް ކުރަން ފުުރުސަތު ނުދެއްވާނެ ކަމުގެ ރޫހެއް މުއިއްޒުގެ ވާހަކަފުޅުން ފާހަގަކުރެވެ އެވެ.
ޗާލު މާލެ ސިޓީ
އެކްޝަން ޕްލޭންގެ ދެވަނަ އަމާޒަކީ މާލެ އަކީ ޗާލު ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. އެގޮތުން މާލެ ސިޓީގައި އެއް ލައްކަ ގަސް އިންދާ މާލެ ފެހިކޮށްލަން އަމާޒު ހިފާފައިވެ އެވެ. މާލޭގައި ހިންގާ ގަރާޖު، ވޯކްޝޮޕް އަދި ގުދަން ފަދަ ތަންތަން ސިނާއީ ސަރަހައްދަށް ބަދަލުކުރަން ނިންމާފައިވެ އެވެ. ހިނގާފައި އުޅޭ ގޯޅިތައް އިތުރުކޮށް މާލެ އަކީ ހިތްފަސޭހަ މަންޒިލަކަށް ބަދަލުކޮށްލުން ހިމެނެ އެވެ.
މާލޭގެ ބާޒާރު ސަރަހައްދުގައި ބޮޑުވެފައި އޮތް ޓްރެފިކް މައްސަލައަށް ހައްލެއް ހޯދައި ދަތުރުވެރިންނަށް ފަސޭހަވާނެ ހާއްސަ ހިދުމަތްތަތަކެއް އެ ސަރަހައްދުގައި ގާއިމުކުރަން ވަނީ ނިންމާފަ އެވެ.
"މާލެއަށް މުދާ ބޭލުމާއި އެރުވުމަށް އަންނަ އޮޑިދޯނި ފަހަރު މަޑުކުރަން ޖެހޭ މުއްދަތު ކުޑަ ކުރަން ޖެހޭ. ސިޓީ ކައުންސިލްގެ އަމާޒަކަށް ވާނީ ލޯޑިން އަދި އަންލޯޑިން އަށް މާލޭގައި ކުރު މުއްދަތަކަށް މަޑުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން. އެކަން ދެން އަންނަ ރޯދަ މަސް އައުމުގެ ކުރިން ހާސިލްކުރާނަން" މުއިއްޒު ވިދާޅުވި އެވެ.
މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ޒަމާނީ ކުރުމާއި އެ ތިން ތަން އެއް އިމާރާތަކަށް ބަދަލު ކުރުމުގެ އަމާޒު އާ ސިޓީ ކައުންސިލުން ގެންގުޅެ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ވިލިމާލޭގައި ވެސް މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ގާއިމު ކުރާނެ އެވެ. އަދި މާލެ ސަރަހައްދުގައި ސުކޫލު ބަހުގެ ހިދުމަތް ފަށާނެ އެވެ.
މީގެ އިތުރުން މާލެ ތެރޭގައި އުޅޭ ބުޅާތަކާއި މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ވަކި ގޮތްތަކެއް ނިންމާނެ އެވެ.
ހިތްފަސޭހަ މަގުމަތި
މާލޭ ރައްޔިތުންނަށް ހިތް ފަސޭހަ މަގުތަކެއް ހޯދައިދިނުމަކީ އާ ސިޓީ ކައުންސިލްގެ އަނެއް އަމާޒެވެ. މި އަމާޒުގެ ތެރެއިން މަގު ބަންދުކުރުމަކީ ރައްޔިތުންގެ ރުހުމާ އެކީ ކުރެވޭ ކަމެއްގެ ގޮތުގައި ހަދާނެ އެވެ.
ވެހިކަލްތަަކަށް ލިބޭ ގެއްލުންތަކަށް ހައްލެއް ގެނައުމާއި ގޭގެއަށް ވަދެނިކުމެ އުޅެން ފަސޭހަ ވާނެހެން ދުވާރުތައް ޑިޒައިން ކުރުމަށް ނިންމާފައިވެ އެވެ. އަދި ރިންގެ ރޯޑުގެ ހުއްޓިފައިވާ މަސައްކަތް ފަށައި މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅަން ހިމަނާފައިވެ އެވެ. އަދި ކުދި މަގުތަކުގައި އަލުން ގާ އަތުރައި މަގުތަކުގެ އަނޑިގުނޑަން ފިލުވާލުމަށް ވަނީ ނިންމާފަ އެވެ.
މާލޭގެ އަނދިރިކަން ކަނޑުވާލުމަށްޓަކައި މަގުތައް އަލިކުރުމާއި، ކާނުތައް ސާފުކުރުމަށް ހާއްސަ އިސްކަމެއް ދޭން ވަނީ ހިމަނާފަ އެވެ. މާލޭގެ މަގުތަކުގެ ނަންތައް މިހާރަށް ވުރެ ސާފުކޮށް ފެންނާނެ އިންތިޒާމު ހަމަޖައްސަން ވެސް ނިންމާފައިވެ އެވެ.
ފުދުންތެރި ދިރިއުޅުން
ފުދުންތެރި ދިރިއުޅުމެއް މާލޭގެ ރައްޔިތުންނަށް ހޯދައިދިނުމަށް ކަނބަލުންގެ އުފެއްދުންތެރިކަމަށް ހާއްސަ މާރުކޭޓުތައް މާލޭ ސަރަހައްދުގައި ތަރައްގީކުރުމަށް ޕްލޭންގައި އިސްކަމެއް ދީފައިވެ އެވެ.
"ކަނބަލުންގެ އުފެއްދުންތެރިކަމާއި ތަރުކާރީ މާރުކޭޓް"ގެ ނަމުގައި ތަރައްގީ ކުރާ މާރުކޭޓުގައި ވިއްކާނީ ރާއްޖޭގެ ކަނބަލުންގެ އުފެއްދުންތައް އެކަންޏެވެ. މިއީ ގޭގައި ތިބޭ ކަނބަލުންނަށް ވިޔަފާރި ކުރުމަށް ހުޅުވިގެންދާނެ ފަހި އަދި ރަނުގެ ފުރުސަތަކަށް ވެގެން ދާނެ އެވެ.
"މާލެ ސަރަހައްދުގައި ޒުވާނުންނަށް ހަމަހަމަކަމާ އެކު ވިޔަފާރި ފެށުމުގެ ޖާގަ ސިޓީ ކައުންސިލުން ހޯދައިދޭނަން. ދެ ޖިންސަށް ހަމަހަމަ ކަމާއެކު އެ ޖާގަތައް ހޯދައިދޭނަން." މުއިއްޒު ވިދާޅުވި އެވެ.
ޑިޖިޓަލް މާލެ
މާލެ ސިޓީ ޑިޖިޓަލް ކޮށްލުމަކީ އާ ސިޓީ ކައުންސިލްގެ ވަރަށް މުހިއްމު އަމާޒެކެވެ. އެގޮތުން މާލެއަށް އިންޓަނެޓް ހިލޭ ލިބޭނެހެން މުޅި މާލެ ވައިފައި ކުރުމަށް ނިންމާފައިވެ އެވެ. މުޅި މާލޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ވަރުގަދަ ކުރަން ފިޔަވަޅުތަކެއް އަޅާނެ އެވެ.
ސިޓީ ކައުންސިލްގެ ހިދުމަތްތަކާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއި އެކު ހުށަހެޅޭނެ އިންތިޒާމެއް ގާއިމުކުރުމަށް ވަނީ ނިންމާފައިވެ އެވެ. އެގޮތުން 24 ގަޑިއިރު އޮޕަރޭޓްކުރާ ކޯލް ސެންޓަރެއްގެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އިދާރީ ހިންގުން ހަރުދަނާކުރުން
ސިޓީ ކައުންސިލަކީ ޒިންމާދާރު މަސައްކަތްތަކެއް ކުރާ، ހަރުދަނާ އިދާރާއެއްގެ ގޮތުގައި ހެދުމަކީ މުއިއްޒުގެ ވަރަށް މުހިއްމު މަސައްކަތެކެވެ. އެގޮތުން މާލެ ސިޓީގެ ކޮންމެ ބްލޮކެއް ވަކިން ބަލަހައްޓަން ފަސޭހަވާނެހެން ކޮންމެ ބްލޮކަކަށް ވެރިއެއް ކަނޑައަޅާނެ އެވެ. އެވެރިޔަކީ އެ ބްލޮކްގެ ހުރިހާ ރައްޔިތުންގެ ރުހުމާއި އެކު ކަނޑައެޅިގެންދާނެ ވެރިޔަކަށް ހެދުމަށް ނިންމާފައިވެ އެވެ.
ސިޓީ ކައުންސިލްގެ މާލޭ އިދާރާއިން ލިބޭ ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ވިލިމާލެ އޮފީހުން ލިބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސަން ވަނީ ނިންމާފަ އެވެ.
ރައްޔިތުންނާ ބައްދަލުވާ ކައުންސިލް
މިއަދު ހުވާކުރެއްވި މާލޭގެ ހުރިހާ ކައުންސިލަރުންނަކީ ވެސް ރައްޔިތުންނާ ރައްޓެހި ރައްޔިތުންނާ ފަސޭހައިން ބައްދަލުވާ ބަޔަކަށް ވެގެންދާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ކެމްޕޭނުގައި ބައްދަލުވުމަށްފަހު އިންތިހާބުވުމުން ކައުންސިލަރުން ނުފެންނަ ކަމުގެ ޝަކުވާއަށް ނިމުން ގެނައުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ. އެހެންވެ ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ވަކި ތާވަލެއްގެ ތެރެއިން ކައުންސިލަރުން ގޭގެއަށް ޒިޔާރަތް ކުރާ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ. މާލޭގެ ކޮންމެ އަވަށެއްގައި ރައްޔިތުންނަށް ފަސޭހައިން ބައްދަލުކުރެވޭނެ ތަނެއް ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މާލެ ސިޓީ ޒަމާނާ އެއްގޮތަށް ބަދަލުކޮށް މާލޭގައި ހައްލުނުކުރެވި ހުރި މައްސަލަތައް ފަސްޖެހުމެއް ނެތި އަދި އަވަހަށް ހައްލުކުރަން މުއިއްޒު އެ ހުންނެވީ ތައްޔާރަށެވެ. ނަތީޖާ ނެރެން މުއިއްޒު ވަނީ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމެވެ. ސަރުކާރުން ވަނީ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެހެންކަމުން މުއިއްޒުގެ މޭޔަރު ކަމުގައި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މާލެއަށް އަންނާނެ ބަދަލުތަކަށް އޮތީ އިންތިޒާރު ކުުރުމެވެ. މުއިއްޒުގެ ޓްރެކް ރެކޯޑަށް ބަލާއިރު ކުރެވޭ އުއްމީދު ބޮޑެވެ.