ޑރ. މުހައްމަދު މުއިއްޒު

މޭޔަރުގެ ފުރަތަމަ ރަސްމީ ދަތުރު ތުރުކީއަށް

Sep 11, 2021

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގެންފި އެވެ.

މުއިއްޒު ވިދާޅުވީ ތުރުކީއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އެކި ސިޓީ ތަކުގެ މޭޔަރުންނާއި ބައްދަލު ކުރައްވާ މާލޭސިޓީއާ އެ ސިޓީތަކާ ގުޅުން ބަދަހިކޮށް އެކި ކަންކަމަށް އެހީތެރިކަން ހޯދޭނެ މަގު ފަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މުއިއްޒުގެ މި ދަތުރުފުޅަކީ މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތީ ގިނަ ވައުދުތަކަކާ އެކު އެވެ. އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.